އެމްޑީޕީ އޮފިސްގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލިސްގެ ރަސްމީ ބައްދަލުވުމެއްގެ ތރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްޑީޕީ

ނަޝީދު އެނބުރި ވަޑައިގަންނަވާތީ އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވަނީ

މިރޭ 8:30ގައި އެ ޕާޓީގެ އޮފީހުގައި ބާއްވާ މި ބައްދަލުވުން އޮތީ މީޑިއާއަށް ހުޅުވާނުލާ ކުރިއަށްގެންދާ ގޮތަށް ނުރަސްމީ ބައްދަލުވުމެއްގެ ގޮތުގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިރޭ 8:30ގައި އެމްޑީޕީގެ އޮފީހުގައި ބާއްވާ މި ބައްދަލުވުމަށް ގައުމީ މަޖިލިސް މެންބަރުންނަށް މިހާރު ދައުވަތު ދީފައިވާކަން އެ ޕާޓީގެ ބައެއް އޮފިޝަލުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ބުނީ ކީކޭ؟ - "އެޖެންޑާގައި އޮތީ ޑިމޮކްރެޓްސް މެންބަރުން މި ޕާޓީއާ ގުޅެން އިއްޔެ ނިންމި ނިންމުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް،" އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ބައްދަލުވުން ބާއްވަނީ ނުރަސްމީ ބައްދަލުވުމެއްގެ ގޮތުގަ އެވެ. އެހެންކަމުން، މި ބައްދަލުވުން ކުރިއަށް ގެންދާނީ މީޑިއާ ނުވައްދާ ކަމަށް އެ ޕާޓީގެ އޮފިޝަލުން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމީ އިއްޔެ ބޭއްވި އެ ޕާޓިގެ ނޭޝަނަލް އެސެމްބްލީން ބޭއްވި ބައްދަލުވުމެއްގައި ހުށަހެޅި ގަރާރެއް ފާސްކޮށްގެންނެވެ. ނަޝީދު ރިޔާސަތުގައި އިންނަވައިގެން ފާސްކުރި އެ ގާރުގައި އެ ނިންމުން ނިންމާ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ:

  • ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް

  • ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކޮށް ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމްކުރުމަށް

  • ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިއާދަކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ބަޔަކު ތިބުން ކަމަށް ދެކޭތީ 

"އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިނދު މި މަގުސަދު ހާސިލް ކުރުމަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސް ޕާޓީގެ އަންހެނުންގެ ގޮފީގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅުއްވި އެ ގަރާރުގައިވެ އެވެ.

ފަސް މަންޒަރު - ޑިމޮކްރެޓްސްއިން މި ނިންމުން ނިންމާފައިވަނީ މީގެ ދެ ދުވަސް ކުރިން ނަޝިދު ރާއްޖެ ވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ އެކު ބޭއްވެވި ބައްދަލުވުންތަކަށް ފަހު އެވެ. މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅު ކުރައްވާފަ އެވެ.

ނަޝީދުގެ ސަޕޯޓަރުން އިސްވެ ތިބެ ޑިމޮކްރެސްޓް ޕާޓީ އުފައްދާފައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަހުކޮޅު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވެ މައްސަލަ ހޫނުވުމުންނެވެ.  ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.

ކޮމެންޓް (1)

އުނބުށޭމު

18 ޖޫން 2025
ޕާޓީއަށް ގެއްލުންދޭ މީހަކު ބަލައެއް ނުގަންނާމޯ. އެމްޑީޕީއަށް އެންމެ މުހިންމުވަގުތު އެންމެބޮޑުގެއްލުންދިން މީހުން އަންނިއާ އޭނާގެ އައިވާނުންނަކީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް