ނަޝީދާއި ފައްޔާޒު މިއަދު ބޮޑުފެންވަޅުގޭގައި އޮތް ކެއުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

ނަޝީދު ރާއްޖޭގައި؛ ފައްޔާޒާ ބައްދަލުކުރައްވައިފި

ނަޝީދު ވަނީ އެ މަނިކުފާނުގެ ކުރީގެ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ރޭ އަދި މިއަދު ވެސް ބައްދަލުކުރައްވާފައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ. އެއާ އެކު، ނަޝީދު ވަނީ އެ މަނިކުފާނުގެ ކުރީގެ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ރޭ އަދި މިއަދު ވެސް ބައްދަލުކުރައްވާފަ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ސިޔާސީ ކަންކަމުގައި ކޮންމެވެސް ވަރަކަށް ދުރުގައި ހުންނެވި ނަޝިދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގަ އެވެ. 

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން މީގެ ދެ ހަފްތާ ކުރިން ނަޝީދު ފާޅުކުރައްވާފައިވާއިރު، އިއްޔެ ރާއްޖެ ވަޑައިގެން ރޭގެ ވަގުތެއްގައި ފައްޔާޒުއާ ބައްދަލު ކުރެއްވިކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ތަފްސީލު - އެ ދެ ބޭފުޅުންގެ ގާތް ބޭފުޅުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، ނަޝިދާއި ފައްޔާޒު ރޭ ބައްދަލު ކުރެއްވީ އެ މަނިކުފާނުގެ ގެ ކަމުގައިވާ ގ. ގެނެރީގޭގަ އެވެ.

އެ ބައްދަލުވުމުގެ ފޮޓޯއެއް ވެސް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

ކެެނެރީގޭގައިއި ރޭ ނަޝީދާއި ފައްޔާޒުއާ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގެ ތެރެެއިން.

އެ ބައްދަލުވުމުގެ ފަހުން، ދެން ނަޝީދާއި ފައްޔާޒު ބައްދަލު ކުރައްވާފައިވަނީ ޑިމޮކްރެޓްސްގެ އޮފީސް ހުންނަ ގ. ބޮޑުފެންވަޅު ގޭގައި މިއަދު މެންދުރުގެ ފަރިކޮޅަކުންނެވެ.

މި ދެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކެއް އަދި ސާފެއް ނޫނެވެ. އެ ބައްދަލުވުމަކީ ކޮންކަމަކާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްތޯ 'ދައުރު'ން ސުވާލު ކުރެއްވުމުން ނަޝީދު މިއަދު ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ "އެ ބޭފުޅުން ކައިރީ އައްސަވާ"ށެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށް ގެންދެވިކަން އެ މަނިކުފާނު ކަށަވަރުކޮށްދެއްވި އެވެ.

ފައްޔާޒުއާ އެކު އޮތް މެންދުރުގެ ފަރިކޮޅަށް ފަހު ނަޝީދު މަޖީދީމަގުން ހިންގަވާފައި ކެނެރީގެއަށް ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފާހަގަކޮށްލެވޭ ކަމެއް - ނަޝީދާއި ފައްޔާޒު ބައްދަލުކުރައްވާފައި މިވަނީ އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ އަޑުތަކެއް ގަދަވެފައިވަނިކޮށެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރެވެ. އެ މަނިކުފާނު 21 ޖޫން 2023ގައި އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޭރުގެ ރައީސް އަދި އެމްޑީޕީގެ އޭރުގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ތެރެއިންނެވެ. އެގޮތުން:

  • ސޯލިހަށް 2018ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އޭރު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމާ ގުޅިގެން

  • ސޯލިހްގެ ވެރިކަމުގެ ވަކި ހިސާބަކުން ދެ ބޭފުޅުން މައްސަލަ ޖެހުނު؛ ކުޑައިރުގެ ގާތް ރަހުމަތްތެރިން ހަތުރުންނަށް ވެގެން ގޮސް، ޕާޓީ ތެރޭގައި ނަޝީރުގެ ބާރު ކުޑަވެ، ސޯލިހްގެ ބާރު ގަދަވާން ފެށި

  • އެންމެ ފަހުން 2023ގެ އެމްޑީޕީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކޮށް، ނަޝީދުގެ މައްޗަށް ސޯލިހް ކާމިޔާބު ހޯއްދެވި؛ ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި، ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ "ވޯޓާސް ލިސްޓް ގަޑުބަޑު ކޮށްލައިގެން"

  • މި ކޯޅުންގަނޑުގެ ތެރެއިން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ރިޔާސީ އިންތިހާބާ ދިމާކޮށް އުފެއްދެވި؛ ނަޝީދުގެ އެ ނިންމެވުމަކީ ސޯލިހަށް ރިޔާސީ އިންތިހާބު ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބު

އިތުރު އާޓިކަލް

އިތުރު އާޓިކަލް