އެމްޑީޕީން 2023ގައި ބޭއްވި ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ތެރެއިން އޭރުގެ ކެންޑިޑޭޓޫ ރައީސް މުހައްމަދު ނަޝީދު ބޭއްވި ބޮޑު ޖަލްސާ (ފޮޓޯ/އަބްދުﷲ އިޔާން)
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދު
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިވަގުތު ރާއްޖެއިން ބޭރުގައި އުޅުއްވާ އަދި ރާއްޖޭގެ ސިޔާސީ މަސްރަހާ ދުރުގައި ހުންނެވި ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މިއަދު ކުރެއްވި މެސެޖެއްގައި މިކަމާ ގުޅޭ ގޮތުން ހިޔާލަށް އެދިވަޑައިގަންނަވަމުންނެވެ. އެ މެސެޖް ނަޝީދު ކުރެއްވިކަން އެމްޑީޕީގެ ބައެއް މެންބަރުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ؟ ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ،" ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ ލީޑާޝީޕް ކޮންޓްރޯލް ކުރެއްވި ނަޝީދު، އެ ޕާޓީގެ މެންބަރުންނަށް ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.
އެންގުން މުހިންމު - ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރެވެ. އެ މަނިކުފާނު 21 ޖޫން 2023ގައި އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޭރުގެ ރައީސް އަދި އެމްޑީޕީގެ އޭރުގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ތެރެއިންނެވެ. އެގޮތުން:
-
ސޯލިހަށް 2018ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އޭރު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމާ ގުޅިގެން
-
ސޯލިހްގެ ވެރިކަމުގެ ވަކި ހިސާބަކުން ދެ ބޭފުޅުން މައްސަލަ ޖެހުނު؛ ކުޑައިރުގެ ގާތް ރަހުމަތްތެރިން ހަތުރުންނަށް ވެގެން ގޮސް، ޕާޓީ ތެރޭގައި ނަޝީރުގެ ބާރު ކުޑަވެ، ސޯލިހްގެ ބާރު ގަދަވާން ފެށި
-
އެންމެ ފަހުން 2023ގެ އެމްޑީޕީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކޮށް، ނަޝީދުގެ މައްޗަށް ސޯލިހް ކާމިޔާބު ހޯއްދެވި؛ ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި، ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ "ވޯޓާސް ލިސްޓް ގަޑުބަޑު ކޮށްލައިގެން"
-
މި ކޯޅުންގަނޑުގެ ތެރެއިން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ރިޔާސީ އިންތިހާބާ ދިމާކޮށް އުފެއްދެވި؛ ނަޝީދުގެ އެ ނިންމެވުމަކީ ސޯލިހަށް ރިޔާސީ އިންތިހާބު ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބު
ފާހަގަކޮށްލެވޭ ކަމެއް - ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރައްވާފައިވާއިރު، އެ މަނިކުފާނު މިދިޔަ އޭޕްރީލް މަހު ވަނީ އެމްޑީޕީ އާއި ޑިމޮޮކްރެސްޓް ގުޅުމަށް ބޭނުންފުޅުވާކަން ހާމަ ކުރައްވާފަ އެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީގެ މެންބަރުންނަށް މިއަދު މެސެޖް ކުރައްވާފައިވާއިރު، ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގައި އެ ޕާޓީ ތެރޭގައި އޮތީ ވަރަށް ބޮޑަށް ފެކްޝަން އުފެދިފަ އެވެ. އެގޮތުން:
-
ސޯލިހަށް ތާއީދު ކުރާ އެމްޑީޕީގެ ބައެއް މެންބަރުން ޕާޓީ 'ހިންގާލަން' ކަމަށް ބުނެ ބައްދަލުވުމެއް މިފަހުން ވަނީ ބާއްވާފައި
-
އެމްޑީޕީގެ އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ސޯލިހް ވެސް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބައޮތް
-
އޭގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާން ކުރައްވާފައި
-
ފައްޔާޒު އާއި ސޯލިހްގެ އިތުރުން އަދިވެސް ބައެއް އެހެން ބޭފުޅުން ރިޔާސީ ޓިކެޓަށް ޝައުގުުވެރިކަން އެބަ އޮތް؛ އޭގެ ތެރޭގައި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް ހިމެނިވަޑައިގަންނަވާ
ކޮމެންޓް (1)
ތެފައާސާ.