އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް ސޯލިހު، ޕާޓީގެ މެންބަރުންނާ ސަލާން ކުރައްވަނީ - (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެމްޑީޕީ 'ހިންގާލަން' ސޯލިހުގެ ސަޕޯޓަރުންގެ ސައްލާއެއް
އިދިކޮޅު އެމްޑީޕީގެ ހަރަކާތްތައް 'ވަރަށް މަޑުގިނީގައި' ފެންނަ މި ދުވަސްވަރުގައި އެމްޑީޕީ 'ހިންގާލަން'، އެ ޕާޓީގެ ކުރީގެ އިސް ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުންގެ ސައްލާއެއް ރޭ ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް ސޯލިހުގެ ސަޕޯޓަރުންގެ ބައްދަލުވުމެއް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ވަނީ ޕޯސްޓެއް ކުރައްވައިފަ އެވެ.
"ޕާޓީގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތާއީދުކުރާ ފަރާތްތަކުން މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން،" ބައްދަލުވުމުގެ ވީޑިއޯއާ އެކީ ހުސައިން ލިޔުއްވާފައިވެ އެވެ.
ތަފްސީލް - ގައުމީ މަޖިލީހުގެ ބައެއް މެންބަރުން 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ޕާޓީ ހިންގަންވީ ގޮތާ ގުޅޭ ގޮތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ސޯލިހުއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އެބަ އުޅެ އެވެ.
އެއް މެންބަރަކު ވިދާޅުވީ ފައްޔާޒަށް ޕާޓީގެ ހަރަކާތްތައް ވަރުގަދައަށް ނުހިންގޭތީ ރައީސް ސޯލިހަށް ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށް މިކަމުގެ ތެރެއަށް ވަދެވަޑައިގަންނަވަނީ ކަމަށެވެ.
"ރައީސް މިހާރު މި ކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެން ޕާޓީގެ ހަރަކާތްތައް ފުޅާކުރަން މި މަސައްކަތް ކުރަނީ. ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރު އޮތް އިރު ޕާޓީ މިހެން އޮންނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" އެ މެންބަރު ވިދާޅުވި އެވެ.
އެެހެން މެންބަރަކު ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވީ ޕާޓީގެ ލީޑާޝިޕަށް ހިންގަން ދޫކޮށްލައިގެން މިވީހާ ދުވަހު ޕާޓީގެ އެތެރޭގައި މާ ބޮޑު ފޯރިއެއް އުފެދިފައި ނެތުމުން ސޯލިހު ޕާޓީ ލީޑުކުރައްވަން ނުކުންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލުކުރާ ބޭފުޅުން ކަމަށެވެ.
"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް [އަނެއްކާވެސް] ވާންވީ ރައީސް [ސޯލިހު] ކަމަށް ގަބޫލުކުރާ، އެ ވިސްނުމުގައި ތިބި ބަޔަކު އެއްވެގެން ގެޓު ޓު ގެދާއެއް މި ބޭއްވީ،" އޭނާ ބުންޏެވެ.
ޕާޓީގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭ ގޮތުން ރައީސް @ibusolihއަށް ތާއިދާ ކުރާ ފަރާތްތަކުން މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން pic.twitter.com/ek1hOG3xyP
— Hussain Hassan (@HucenHassan) May 31, 2025
ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރި ކަމަކީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެގެން އުޅޭ އިރު ޕާޓީ މިހާރު މި ފެންނަ ގޮތަށް "ލޮނު މަޑުކޮށް" ހިންގުމުގެ ބަދަލުވުމުގައި ވީހާ ވެސް ބޮޑަކަށް ޕާޓީގެ ހަރަކާތްތައް ފުޅާކުރުމާ ގުޅޭ ގޮތުންނެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި:
-
މާލޭގެ މޭޔަރު އާދަމް އާޒިމް
-
ސޯލިހުގެ ޅިޔަނު، މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
-
މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ)
-
ސޯލިހުގެ ކޮއްކޯފުޅު، ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު
-
ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
-
ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު
-
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ
އެނގުން މުހިންމު - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް މިހާރުން ފެށިގެން ވެސް ވަރަށް ވާދަވެރިކަން ބޮޑެވެ. އެގޮތުން:
-
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވަނީ ރިޔާސީ ޕްރައިމަރީގެ ޝައުގުވެރިކަން ފާޅުކުރައްވާފައި
-
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރިޔާސީ ޓިކެޓަށް ޕާޓީގެ އެތެރޭގައި ގެންދަވަނީ ކެމްޕެއިން ކުރައްވަމުން
-
ކުރީގެ ރައީސް ސޯލިހުގެ ސަޕޯޓަރުން އެ މަނިކުފާނު ނުކުންނެވުމަށް ކެމްޕެއިނެއް ވަނީ ފަށާފައި؛ ސޯލިހު ނުކުންނަވާނެ ކަމުގެ އަޑުތައް ގަދަ
-
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޕްރައިިމަރީގައި އޭނާއަށް ފުރުސަތު އޮތް ވަރު ބައްލަވަން ފައްޓަވާފައި
ކޮމެންޓް (1)
ާއަންނި