އެމްޑީޕީގެ ކޮންގްރެސްގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އާއި ފައްޔާޒު އިސްމާއިލް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީ

އެމްޑީޕީ މި އެތުރެނީ ސޯލިހާއި ފައްޔާޒުގެ ރޭހަކަށްތަ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ، ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ފައްޔާޒަށް ސިޔާސީ ހިސާބެއް ހަމަކުރައްވަން

ޑިމޮކްރެޓިކް ހަމަތަކުން ރައްޔިތުންގެ ވެރިކަމެއް ހިންގުމުގެ ފަލްސަފާއެއްގެ ތެރެއިން އުފެދުނު ޕާޓީއެއް ނަމަވެސް، ފުރަތަމަ 15 ވަރަކަށް އަހަރު އެ ޕާޓީ ފެނުނީ ވަކި ލީޑަރެއްގެ ޕާޓީއެއް ގޮތަށެވެ. ޕާޓީގެ އެތެރޭގައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒެވެ. ނަޝީދަކީ ބޮޑު ތާއީދެއް އޮތް ސިޔާސީ ޝަހުސިއްޔަތެކެވެ.

އެ ހުރިހާ ކަމެއް ބަދަލުވީ ނަޝީދުގެ ވެރިކަން ނިމިގެން ދެން ކުރިމަތިލާން ޖެހުނު ކަންކަމާ އެކު އެވެ. ޖަލު ހުކުމެކެވެ. އެއާއެކީ ބަންދުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެވެ. ހިތާ ދެކޮޅަށް ނަމަވެސް، ޕާޓީއަށްޓަކައި ގޮތް ދޫކުރައްވައި އެމަނިކުފާނުގެ ގާތް މިތުރު އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓާއި ބާރުވެރިކަން 2018ގައި ދޫކޮށްލެއްވި ހިސާބުންނެވެ. އިންތިހާބު ކާމިޔާބުކުރައްވައި ސޯލިހު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ވެވަޑައިގަތީކީ ނޫނެވެ. އެމްޑީޕީގެ ވެސް އެންމެ ބާރުގަދަ ލީޑަރަށް ވެވަޑައިގަތީ އެވެ.

ސޯލިހް އާއި ނަޝީދުއާ ދެމެދު ދެން ފެނުނީ ހިޔާލުތަފާތުވުންތަކުގެ ހައިޖާނުގަނޑެކެވެ. އެކަމަކު ވެރިކަމުގެ ނިޒާމާއި، އިގުތިސޯދީ ސިޔާސަތުތަކާއި މިހެން ގޮސް ހުރި އެކި ހިޔާލުތަފާތުވުންތަކުގެ ހަގީގަތަކީ ބާރުގެ ވާދަވެރިކަމެވެ. އެ ވާދަވެރިކަން ގޮސް ނިމުނީ، ވެރިކަމާއި ދައުލަތުގެ ބާރުވެރިކަން އޭރު އޮތް ސޯލިހުގެ ކޮޅަށެވެ.

ނަމަވެސް އެމްޑީޕީ "ރޫޅާލަން" ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އެމްޑީޕީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމާ އެކު އެމްޑީޕީއަށް ވެރިކަން ގެއްލުނެވެ. ރިޔާސީ އިންތިހާބު 2023 ނުލިބުނީ އެވެ. ސޯލިހަށް ދެވަނަ ދައުރެއް ނުހޯދި، މަޖިލިސް އިންތިހާބުގައި ވެސް ނާކާމިޔާބެވެ. ބައެއް މީހުންގެ ނަޒަރުގައި އެ ނާކާމިޔާބީތަކުގެ އަސްލު ސަބަބަކީ ނަޝީދެވެ.

މި ނާކާމިޔާބީތަކަށް ފަހުގައި ވެސް ހެޔޮ ފާލެއް ގޮތުގައި ފެނުނީ އެމްޑީޕީއަކީ ވަކި ލީޑަރެއްގެ ވަަށައިގެން އޮތް ޕާޓީއެއް ނޫން ކަމުގެ މަންޒަރެވެ. ވަކި ލީޑަރަކު އަންގަވާހާ ގޮތަށް ހިންގާ ޕާޓީއަކުން، 'މުއައްސަސާއެއް' ގޮތަށް ހިންގާ ޕާޓީއަކަށް ބަދަލުކުރާ ވާހަކަ ވެސް އޭގެ ފަހުގައި ގަދަވި އެވެ. އެ ވާހަކަ މާ ގަދަކޮށްލެއްވީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. މަގުޗާޓެއް ހައްދަވައިގެން ރަށްރަށަށް ދަތުރުތައް ފެއްޓެވި އެވެ.

ނަމަވެސް އެމްޑީޕީގެ މި މަގުޗާޓުގެ ކަންކަމުގެ ފަހަތުގައި ހަގީގަތުގައި ހިނގަނީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމެވެ.

ފައްޔާޒާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެ މަސައްކަތުގައި އުޅުއްވަނިކޮށް، އަނެއްކާ ވެސް އޭގެ ތެރެއަށް ވަންނަވަނީ ސޯލިހެވެ. ނަޝީދުގެ ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތް ކުރުމަށް ޕާޓީގެ އެތެރޭގައި މި ވަގުތު އޮތް ހިޔާލުތަފާތުވުން ވެސް ހަގީގަތުގައި ގޮސް ގުޅެނީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމާ އެވެ.

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި، ކަނާތުން ވާތަށް، ސޯލިހް، ފައްޔާޒު، އަދި ނަޝީދު - (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދު ފައްޔާޒުގެ ކޮޅަށް؛ ސޯލިހުގެ ޓީމު ދެކޮޅަށް؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ފައްޔާޒު އިއުލާންކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ ހަބަރު ރާއްޖޭގެ  ނޫސްތަކުގައި ގެނެސްދިނުމުން، ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން މަރުހަބާ ވެސް ކިޔެވެ.

ޑިމޮކްރެޓްސްގެ ދެ ނައިބު ރައީސުން، ހުސައިން ފިރުޝާނާއި މުހައްމަދު ވަހީދު ވިދާޅުވީ އެމްޑީޕީ އޮންނަން ވާނީ އެމްޑީޕީގެ 'އަސްލު' ބޭފުޅުންނާ އެކީގައި ކަމަށެވެ. ފައްޔާޒުގެ ވާދަވެރިއަކަށް  ފެންނަން ހުރި ޝާހިދަކީ، ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި ބޭފުޅެކެވެ.

ރިޔާސީ ޓިކެޓުގެ ވާދަވެރިންގެ މަންޒަރުން ސޯލިހު ނުގެއްލެ އެވެ. ސަބަބަކީ 2028ގެ އިންތިހާބަށް ނުނިކުންނަވާނެ ކަމަށް އިއުލާންކުރައްވާފައި ނުވާތީ އެވެ. އޭގެ ބަދަލުގައި ޕްރައިމަރީއަށް ނުކުންނަވާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ގާތުގައި ނުރަސްމީކޮށް ވިދާޅުވާ ކަމަށްވެ އެވެ. 

އެމްޑީޕީގެ އެތެރޭގައި ހިނގަމުންދާ ބާރު ހޯދުމުގެ ވަރުގަދަ ހަނގުރާމައަަކަށް ވާތީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން 'ދައުރު'އާ ވާހަކަ ދެއްކެވީ ވެސް ނުރަސްމީކޮށެވެ. ނަމަވެސް އެ ވާހަކަތަކުން ސާފުވީ ޕާޓީގެ ކޮއިލު ތެރޭގައި ހަނގުރާމަ ހިނގަމުންދާ ގޮތެވެ.

ފައްޔާޒާއި ނަޝީދު ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަނީ އެއްބަސްވެވިފަ އެވެ. ދެ ބޭފުޅުންގެ ދެމެދު ރާވަމުންދާ ޕްލޭނަކީ، ނަޝީދުގެ ފަޅިން އެމްޑީޕީގެ ތެރެއަށް އިތުރުކުރެވޭ މީހުންގެ ވޯޓުން ފައްޔާޒަށް ރިޔާސީ ޓިކެޓުގެ ފުރުސަތު ބޮޑު ކުރުމެވެ.

އެ މަޝްވަރާ ހިނގަމުން ދަނިކޮށް ޑިމޮކްރެޓްސްގެ ހުސައިން އަމްރު އަނބުރާ އެމްޑީޕީއަށް ގުޅުނެވެ. ފަހަތުން ޑިމޮކްރެޓްސްގެ އޭރުގެ ރައީސް ހަސަން ލަތީފް، ނައިބު ރައީސް މުހައްމަދު ޝިފާޒް، ކުރީގެ މެންބަރު އަލީ އާޒިމް ވެސް ގުޅުނެވެ.

އެއީ ވެސް ސޯލިހާއި ފައްޔާޒުގެ ވާދަވެރިކަމުގެ ތެރެއިން ހިނގި ކަމެކެވެ. ސޯލިހުގެ ބޭފުޅުން މަރުހަބާ ވިދާޅުވީ އަމްރަށެވެ. ޑިމޮކްރެޓްސްގެ ލީޑާޝިޕުން ޖާގަ ނުލިބުނު އަމްރުގެ ފަހަތުން، ޑިމޮކްރެޓްސްގެ ލީޑާޝިޕް އެމްޑީޕީއަށް ވަން ސަބަބަކީ ފައްޔާޒުގެ ފަޅި ބޮޑުކުރުމެވެ.

އެމްޑީޕީން ބޭއްވި ހިނގާލުމެއްގައި ފައްޔާޒު އާއި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިޔާސީ މަސައްކަތުން މި ވަގުތަށް ދުރުގައި ހުންނެވި ނަޝީދު އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުމަށް ގޮވާލައްވައި ޕޯސްޓްކުރެއްވުމާއި އެކަމަށް ޑިމޮކްރެޓްސްއިން ފެހި ސިގުނަލް ދިނުމާ ގުޅިގެން އެކަމަށް ތާއީދުކުރައްވައި ފައްޔާޒު ބަސް ވިދާޅުވުމަކީ އިއްތިފާގެއް ނޫނެވެ. މިއީ ރޭވިގެން، އިންތިޒާމުވެގެން، ރިޔާސީ ޓިކެޓަށް ހިނގާ ކަމެއް ކަމަށް، އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވެ އެ.

ސޯލިހުގެ އަރިހުގައި މަސައްކަތް ކުރައްވާ އެމްޑީޕީގެ އިސް ބޭފުޅަކު މި ރިޕޯޓަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޔާސީ ޓިކެޓުގެ ރޭހަށް ގިނަ ބައެއްގެ ޝައުގު ހުރި ނަމަވެސް ނަޝީދު އެ މަންޒަރަށް ވަންނަނީ ސޯލިހާއި ފައްޔާޒުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. މި ވަގުތު އެތެރޭގައި ބޮޑު ހަނގުރާމައެއް އޮތީ ވެސް އެ ދެ ބޭފުޅުންގެ މެދުގައި ކަމަށް، އޭނާ ވިދާޅުވި އެވެ.

"ފައްޔާޒަކަށް ވެސް ޔަގީނެއް ނޫން ޕާޓީގެ ޕޮޕިއުލާރިޓީ ވަކި އޭނާއަށް ބޮޑު ކަމަކަށް. އެހެންވެ ނަޝީދާ ގުޅިގެން އޭނާ މާ ވަރަކަށް އެ މަަސައްކަތް ކުރައްވަނީ. ނަޝީދުގެ ފަޅިން އެއްކުރެވޭ ވޯޓުކޮޅަކާއި އޭނައަށް ލިބެން އޮތް ވޯޓު އެއްކޮށްގެން ފުރުސަތު ބޮޑުވާނެ ކަމަށް ބަލައިގެން،" ސޯލިހުގެ އަރިސް ބޭފުޅާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގައި ރިޔާސި އިންތިހާބުގެ ޓިކެޓް ހޯދުމުގެ ވާދަވެރިކަން މިހާރު ވެސް ވަރަށް ބޮޑު ކަމަށް ވާހަކަ ދެއްކެވި ކޮންމެ ބޭފުޅަކު ވެސް ޔަގީންކޮށްދެއްވަ އެވެ.

ފައްޔާޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު ގެއްލުނު އެންމެ ބޮޑު ސަބަބަކީ ފަހު ވަގުތު ޕާޓީ ދެ ބައިވުން ކަމަށެވެ. ޕާޓީ ދެބައި ނުވި ނަމަ، ފައްޔާޒު ގަބޫލުކުރައްވަނީ، އެމްޑީޕީއަށް އެ އިންތިހާބު ލިބޭނެ ކަމަށެވެ.

"އަޅުގަނޑަށް ފެނުނު ތަނުގައި، އެހާ ފަހު ވަގުތު [ރިޔާސީ އިންތިހާބު] ކައިރިވެފައިވަނިކޮށް، ޕާޓީ ސްޕްލިޓް [ދެބައި] ވެގެން ނުދިޔަ ނަމަ [ރިޔާސީ] އިންތިހާބު ގެއްލިގެނެއް ނުދާނެ،" އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.

އެއް ކަމެއް ސާފެވެ. ނަޝީދުގެ ބައެއް ވަފާތެރިން އަދިވެސް ސޯލިހާ މެދު ހިތްހަމަނުޖެހޭކަމެވެ. އެ ބޭފުޅުންގެ ނަޒަރުގައި އެމްޑީޕީ ބަލިވީ ސޯލިހުގެ ސަބަބުންނެވެ. ސޯލިހުގެ ސަރުކާރު ހިނގަމުން ދިޔަ ގޮތް، އެމްޑީޕީގެ ބައެއް އާންމުންނަށް ވެސް ކަމުނުދާތީ އެވެ. އަނބުރާ އެމްޑީޕީއަށް ވަޑައިގަތް ހަސަން އޭގެ ކުރިން ވެސް އެ ވާހަކަ ދެއްކެވި އެވެ.

"އަޅުގަނޑުމެންނަށް ވެސް، ރައީސް ނަޝީދަށް ވެސް، ކޮށްދެވޭނީ ވަކި މިންވަރަކަށް. ކެމްޕެއިނު ކުރަން ވެސް ޕްރޮމޯޓް ކުރަން ވެސް، އުޅެވޭނީ، ކޮށްދެވޭނީ ވަކި ވަރަކަށް. އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ތިއްބަކަސް ރައީސް ސޯލިހު ނުކުމެވަޑައިގެން އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ތަނެއް،" ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ވިދާޅުވި އެވެ.

ދެ ރައީސުންނާ ވެސް އެކީ ވަރަށް އަރިސްކޮށް މަސައްކަތްކުރައްވާފައިވާ އެމްޑީޕީގެ ބޭފުޅަކު ކިޔައިދެއްވި ގޮތުގައި ސީދާ ނަޝީދު ވާހަކަ ދައްކަވަން ޖެހުނު ސަބަބަކީ ވެސް ސޯލިހު ނުކުންނަވަން ނުވަތަ ސޯލިހުގެ ފަރާތްޕުޅުން ބޭފުޅަކު ނުކުންނަވަން މަޝްވަރާ ހިނގަމުންދާތީ އެވެ.

"ސޯލިހުގެ ފަޅިން ވެސް އެ ނުރުހުން އޮންނާނެ. ނަޝީދު ނުކުންނެވީ ސޯލިހާ ދެކޮޅަށް. ސޯލިހަށް ފާޑުކީ. ނަޝީދު ހުންނެވި ނަމަ ސޯލިހަށް އިތުރު ދައުރެއް ހޯދެން އޮތް. މި އުދާސްތައް ސޯލިހުގެ ފަޅިން ވެސް ނުފިލާ. އަނެއް ކަމަކީ ނަޝީދު ގެނަޔަކަސް މި ދަނޑިވަޅުގައި ފައިދާވާނީ ފައްޔާޒަށް. ސޯލިހަކަށް ނޫން،" އެމްޑީޕީގެ އެ މެންބަރު ވިދާޅުވި އެވެ.

އާދަޔާހިލާފު ކޮންގްރެސްއަކާ ދިމާއަށް، މި ވެސް ގުޅެނީ ރިޔާސީ ޓިކެޓާ

އެތެރޭގައި މި ހަނގުރާމަ ގަދަކުރަމުން ގޮސް އެންމެ ފަހުން އަންނަ ހޮނިހިރު ދުވަހުގެ ރެއަށް ޕާޓީގެ ގައުމީ މަޖިލިސް އެއްތަން އެބަ ކުރެ އެވެ. އެޖެންޑާގައި އޮތީ އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވާނެ ތާރީހެއް ފާސްކުރުމެވެ. މި ކޮންގްރެސްއަކީ ކުރިން ވެސް އެއްބަސްވެފައިވާ ކަމެކެވެ. ނަމަވެސް މި މަސައްކަތް އަވަސްވީ ހަމަ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމުގެ ތެރެއިން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ޕާޓީގެ ލީޑާޝިޕް އެތުރިފައިވާ ގޮތަށް ބަދަލުތަކެއް ގެނައުމަކީ މަގުޗާޓުގެ މަސައްކަތުގެ ތެރޭގައި ވެސް މަޝްވަރާކުރި ކަމެކެވެ. ސޯލިހު ބޭނުންފުޅުވަނީ އެ މަސައްކަތްތަކާ މެދު އަވަހަށް ގޮތްތަކެއް ނިންމަން ކަމަށް، އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"އެމްޑީޕީގެ ރައީސާއި ޗެއާޕާސަން މިއިން އެއް މަގާމެއް ބޭއްވުން ވިސްނުމަކީ. ސޯލިހު ބޭނުންވަނީ އަވަހަށް އެކަން ކުރަން. އޭރަށް ފައްޔާޒާއި ޝާހިދުގެ ތެރެއިން ކޮންމެވެސް އެކަކަށް މަގާމު ގެއްލޭނެ. އެތެރޭގެ އިންތިހާބަކަށް ދާނެ. އަލުން ލީޑާޝިޕް އެކުލަވާލަން ޖެހޭނެ. މި ކަހަލަ ވިސްނުމެއްގައި ކުރަން އުޅޭ ކަމެއް،" އެ ބޭފުޅާ ވިދާޅުވި އެވެ.

އެ ކަމަށް ފައްޔާޒާއި ޝާހިދު ވެސް އެއްބަސްވާނެ ކަމަކަށް ނުބެލެވެ އެވެ. ފައްޔާޒުގެ ފަޅިން ބޭނުންވަނީ ބަދަލެއް ގެންނަންވާނީ ހިނގަމުންދާ ދައުރު ނިމިގެންނެވެ.

ކޮންގްރެސްގައި ރިޔާސީ ޕްރައިމަރީ އަވަސްކުރުމާ ގުޅުން ހުރި ކަމެއް ނުހިނގާނެ ކަމަށް، ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ. އެކަމަކު އޭގައި ކުރަން އުޅޭ ގިނަ ކަންކަން މި ގުޅެނީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމާ އެވެ.

އެމްޑީޕީގެ އެތެރޭގައި ހިނގަމުންދާ ހަނގުރާމައަކީ މިއީ އެވެ. ނަޝީދު ވެސް މި ވަންނަނީ ފައްޔާޒާއި ސޯލިހުގެ ސިޔާސީ ހިސާބެއް ހަމަކުރުމުގެ ކަންތަކަށެވެ. ނަޝީދު ގެނެވިއްޖެ ނަމަ މި ވަގުތަށް އެއީ ފައްޔާޒަށް އިތުރުވާ އަދަދެކެވެ. ނުގެނެސް މަޑުކޮށްލައިފި ނަމަ އެކަން ވާނީ ސޯލިހަށް އޮތް އަދަދަށް ވުރެ ފައްޔާޒަށް ލިބިދާނެ އަދަދު ދަށްވުމެވެ.

ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވުމަކީ ޑިމޮކްރެސީގައި ތަސައްރަފު ފުދި ރަނގަޅު ފާލެއް ގޮތަށް ސިފަކުރަނީ ވެސް އެހެންވެ އެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅު ކަމެއް އެއީ ވާދަވެރި އިންޓާނަލް މަސައްކަތްތައް ކުރުން. އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އަމިއްލަ އިންޓްރެސްޓް އޮންނާނެ، އެކަމަކު އެއާ އެކު، ޕާޓީއައިގެން ކުރިއަށް ވަޑައިގަންނަވާށޭ،" ސޯލިހް ވިދާޅުވެފައިވެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންގެ ސޯލިހު ދެއްވި މެސެޖަކީ ވެސް އެއީ އެވެ. ރިޔާސީ ޓިކެޓުގެ ހަނގުރާމަ އެތެރޭގައި ހިންގި ނަމަވެސް ޕާޓީ އެކަތިގަނޑެއް ގޮތަށް އޮތުން މުހިންމެވެ. ސޯލިހު ވެސް ޕާޓީއަށް ހުރަހަކަށް ނުވާނެ ކަމެވެ.

"އަޅުގަނޑު ނުވާނެ ޕާޓީއަށް ހުރަހަކަށް. ޕާޓީއަށް ވެރިކަން ކާމިޔާބު ކުރުމަށް ހުރަހަކަށް ނުވާނަން،" ސޯލިހު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (4)

އަލިބެ...

10 އޭޕްރީލު 2025
އިބުރާހިމް މުޙައްމަދު ސޯލިޙް ވަރުގެ އަޚްލާޤް ރަގަޅު ވެރިއެއް ދިވެހިންނަށް އަދި ލިބިފައެއްނެތް. ކޮވިޑްގެ ދަތި ކަމުގައިވެސް ދިވެއްސަކަށް އެދަތިކަން އިޙްސާސް ނުވާވަރަށް އިޤްތިސާދު މެނޭޖްކުރެއްވުމަކީ ޝުކުރު ޙައްޤު ކަމެއް. އެކި ފިކުރުތަކަށް ގޮސް ހުސްވުމުން މިކަހަލަ ކަންކަން ނުފެނިދާނެ!
5 3

ދުރުމި

9 އޭޕްރީލު 2025
ތި މޑޕ އަށް ވެރިކަން ދީގެން ރާއްޖެއަށް ވީ ފައިދާއެއް ނެތް މުޅި ޤައުމު އިންޑިޔާގެ ތައްޕާހަށް ދީގެން އިކޮނޮމީ އެއްކޮން ފުނޑާލި . މޑޕ އަަށް ދެން ވެރިކަމަށް ނާދެވޭނެ އިންޝާﷲ
6 5

މިހާރު

9 އޭޕްރީލު 2025
@ދުރުމި މިހާރު މިސަރު ކާރު މިއުޅެނީ އިންޑިއާގެ ކޮންތާކަށް ވަދެ....
5 3

ތެފައާސާ.

9 އޭޕްރީލު 2025
[...."އަޅުގަނޑު ނުވާނެ ޕާޓީއަށް ހުރަހަކަށް. ޕާޓީއަށް ވެރިކަން ކާމިޔާބު ކުރުމަށް ހުރަހަކަށް ނުވާނަން،" ސޯލިހު ވިދާޅުވެފައިވެ އެވެ... ] އެހެންވީމާ ޕްރައިމަރީއިން ބަލިވިޔަސް، ޑިމޮކްރަސީގެ ބައްޕަ އަންނި ހެދިގޮތަށް ވަކި ޕާޓީއެއް ހަދައިގެން ނުދާނެކަމަށް މި ބަލަނީ.
9 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް