ނަޝީދު (ވ) އަދި ހަސަން ލަތީފް (ކ): އެމްޑީޕީގައި ނަޝީދުގެ ސަޕޯޓަރުން ތިބި ނަމަވެސް ރައީސް ސޯލިހަށް ކާމިޔާބުވާނެ ކަމަށް ނުފެންނަ ކަމަށް ހަސަން ވިދާޅުވި. (ދައުރު ފައިލް ފޮޓޯ/ ހުސެން ސުނޭން)

ދަ ޑިމޮކްރެޓްސް

އަޅުގަނޑުމެންނަކަށް ވެސް ސޯލިހަށް އިންތިހާބު ކާމިޔާބެއް ނުކޮށްދެވުނީސް: ހަސަން ލަތީފް

އެމްޑީޕީ ފަހު ވަގުތު ދެ ބައި ނުވި ނަމަ، އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި ނަމަވެސް ހަސަން ލަތީފުގެ ހިޔާލު ތަފާތު
13 އޮކްޓޯބަރު 2024
2

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން އެމްޑީޕީގައި މަޑުކުރި ނަމަވެސް، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެވޭ ތަނެއް ނުފެންނަ ކަމަށް، އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

ކަމުގެ ފެށުން - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ޕާޓީގައި ތިބެގެން އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އެ މަނިކުފާނުގެ ވަފާތެރިން މަސައްކަތް ފެއްޓެވި އެވެ. އެއާ އެކު، ޕާޓީން އެ ބޭފުޅުން ވަކިކުރުމުގެ މަސައްކަތެއް ފެށުމުން، ނަޝީދާއި ނަޝީދަށް ވަފާތެރި ބޭފުޅުން ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ.  

ވީކިިހިނެއް؟ - އިއްޔެ ހދ. ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ކައުންސިލަރަކު ވަނީ މި ފަހުން ވާދަވެރި އިންތިހާބުތައް ނާކާމިޔާބުވި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ. އެ ސުވާލުގެ ޖަވާބުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ފަހު ވަގުތު ޕާޓީ ދެ ބައި ނުވި ނަމަ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނުގެއްލުނީސް ކަމަށެވެ.

ކީކޭ ބުނީ؟ - ފައްޔާޒު ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުން، ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ހަސަން ލަތީފު މިއަދު 'ދައުރު'އަށް ވިދާޅުވީ އެމްޑީޕީ އޭގެ ގޮތުގައި އޮވެ ރިޔާސީ އިންތިހާބަށް ނުކުތް ނަމަ ފުރުސަތު ބޮޑު ވާނެ ކަމަށެވެ. ނަމަވެސް، ސޯލިހް ސަރުކާރު ހިންގެވި ގޮތުން، ރިޔާސީ އިންތިހާބަށް އެމްޑީޕީ ފެނުނީ އެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ސަރުކާރު ހިނގަމުން ދިޔަ ގޮތް. އެމްޑީޕީއެއް ވެސް ނޫން، ރައީސް ސޯލިހުގެ ސަރުކާރު ހިނގަމުން ދިޔަ ގޮތް. ދެން އިތުރަކަށް މީހަކަށް ވޯޓެއް ހޯދައިދެވޭނެ ގޮތެއް، ލިބޭ ތަނެއް އަޅުގަނޑަކަށް ހަމަ ނުފެނޭ،" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ލަތީފު ވިދާޅުވި އެވެ.

އިންތިހާބުތައް ކާމިޔާބު ކުރަމުން ގޮސް 2023އަށް އައި އިރު އެމްޑީޕީން ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގަތީ ވެސް ސަރުކާރު ހިންގަމުން ގެންދިޔަ ގޮތުން ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަން ވެސް ހަސަން ލަތީފު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ނެތުން ވެސް އެއީ ވަރަށް ގިނަ ދުވަހު ހިނގައިދިޔަ ކަންކަމުގެ ސަބަބުން ވީ ކަމެއް. ހަމަ އެއް ދުވަހު އަޅުގަނޑުމެން ބަލަން ތިބެފައި ދިޔައީކީ ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން އޮގަސްޓް 2022ގައި ބޭއްވި ކޮންގްރެސްގައި އޭރުގެ ރައީސް ސޯލިހު (ކ) އާއި ކުރީގެ ރައީސް ނަޝީދު (ވ) އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަކިން މަޝްވަރާކުރައްވަނީ (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ޑިމޮކްރެޓްސްއާ ގުޅުނީ އެމްޑީޕީގައި ތިބި އެންމެ ވަރުގަދަ ހަރަކާތްތެރިން ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އެ ހަރަކާތްތެރިން އެމްޑީޕީގައި ނެތުމަކީ އެމްޑީޕީއަށް އަންނާނެ އުނިކަމެއް ކަމަށް ވެސް ހަސަން ލަތީފު ގަބޫލުކުރައްވަ އެވެ.

ނަމަވެސް ސޯލިހަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ޑިމޮކްރެޓްސްއާ ގުޅުނު ހަރަކާތްތެރިންނަށް ވެސް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް، ރައީސް ނަޝީދަށް ވެސް، ކޮށްދެވޭނީ ވަކި މިންވަރަކަށް، ކެމްޕެއިނު ކުރަން ވެސް ޕްރޮމޯޓް ކުރަން ވެސް، އުޅެވޭނީ، ކޮށްދެވޭނީ ވަކި ވަރަކަށް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ތިއްބަކަސް ރައީސް ސޯލިހު ނުކުމެވަޑައިގެން އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ތަނެއް. ރައީސް ނަޝީދު މަސައްކަތް ކޮށްދެއްވިޔަސް ވެސް އަޅުގަނޑަކަށް ނުފެނޭ ކަމިޔާބު ވާނެ ތަނެއް، ރައީސް ސޯލިހާ އެކީ ނުކުމެވަޑައިގެން އެކަން ކުރެއްވީމަ."

އޭރު ދެ ފެކްޝަނުގައި އޮތް ހިޔާލު ތަފާތުވުންތައް އެއްގޮތްކުރަން ފައްޔާޒު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ. ފައްޔާޒުގެ މަސައްކަތުންނާ ވެސް އެކީ އެއްބަސްވުންތަކަކާ ހަމައަށް އާދެވެން ގާތްވި ނަމަވެސް، ފަހުން ސޯލިހުގެ ފެކްޝަނުން އެއްބާރުލުން ލިބެމުން ނުދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފައްޔާޒު ވާނެ އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރުމަށް އެންމެ ބާރު އެޅުއްވި އެއް ބޭފުޅަކަށް. އޭރު ރައީސް ސޯލިހާއި ރައީސް ނަޝީދަށް އެއްބަސްވެވޭ ކަންކަމަކަަށް ގާތްގަނޑަކަށް ދިޔަ. ނަމަވެސް ފަހުން އެ ބޭފުޅުންގެ ފަރާތްޕުޅުން އެ ކަން ނުވެ ދިޔައިމަ، އަޅުގަނޑުމެން އެ ތަނުގައި ނުތިބެވޭ ގޮތްވީ،" ހަސަން ލަތީފު ވިދާޅުވި އެވެ.

އެނގުން މުހިންމު - ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އޭރުގެ ރައީސް ސޯލިހަށް ފުރަތަމަ ބުރުން ލިބިވަޑައިގަތީ ދެ ވަނަ އެވެ.

ދެ ވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ނަމަވެސް ޑިމޮކްރެޓްސްއިން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެކަމަކު އިންތިހާބު ނިމުނު ފަހުން ނަޝީދު ވިދާޅުވެފައިވަނީ އެ މަނިކުފާނު ތާއީދުކުރެއްވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް ކަމަށެވެ.

ފަސްމަންޒަރު - ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރެވެ. އަދި 2008، 2013 އަދި 2018ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ނަޝީދެވެ.

އެކަމަކު 2018ގައި ނަޝީދަށް އިއްވި ޖަލު ހުކުމެއްގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެތީ އެ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށް ސޯލިހަށް ރިޔާސީ ޓިކެޓު ދިނީ އެވެ. ސޯލިހަށް ޕާޓީގެ ބާރު ލިބުނު ފަހުން ނަޝީދާ ހިޔާލު ތަފާތުވުން ދިޔައީ ބޮޑުވަމުންނެވެ.

ކޮމެންޓް (2)

profile-image-placeholder

މުޖުތާޒް

13 އޮކްޓޯބަރު 2024
ހަސަން ލަތީފް ތިޔަ ބުނަނީި މުޅިން ރަނގަޅުވާހަކައެއްނޫން. ހަގީގަތުގައި ނަޝީދުގެ ލަގޮނޑިއަށް ކެތްވާވަރުގެ ކަމެއްނޫން އޭނާ ނޫން މީހެއް އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަކީ. އެހެންވީމާ ދޯ، ޕްރައިމަރީއިން ބަލިވީމާ ސީދާ އިދިކޮޅަށް ކުޅެންފެށީ. އެމްޑޕީ އޮތީ އޭރުވެސް، ޑިމޮކްރެޓްސްގެ ޝަރުތުތަކަށް ރުހި ގަބޫލުވެގެން. އަދިވެސް އޮތީ ހަމަ އެގޮތަށް.

ޢަލީ

13 އޮކްޓޯބަރު 2024
އެމް.ޑީ.ޕީ ބަލިވީ އެމް.ޑީ.ޕީ ބަލިކުރަން ފިތުނަ އުފައްދާ ޕާޓީން ހޭވި ހަޑިން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް