ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ ހުސެއިން ސުނޭން)

އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލިހުން ފެނުނީ ނަޝީދާ މެދު އޮތް ރުޅިވެރިކަން

ރިޔާސީ އިންތިހާބު ނާކާމިޔާބުކޮށްލަން މަސައްކަތް ކުރެއްވި ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް އެމްޑީޕީން ތާއީދުނުކުރާނެ ކަމަށް މެމްބަރުން ވިދާޅުވި. އެހެންކަމުން ގޮވާލެއްވީ 'ބަރުލަމާނީ ނޫން ގޮތެއް' ކަމަށް
4 އޮކްޓޯބަރު 2023
5

މުހިންމު ނުކުތާތައް

އެމްޑީޕީ މަގުމަތީގައި އޮވެގެން ދާނީ ބޮޑުވަމުން، ދަ ޑިމޮކްރެޓްސް ދާނީ ހުލިވަމުން

ނިޒާމީ ވޯޓަކީ ރާއްޖެއަށް ގެންނަ 'ނިޒާމީ ބަގާވާތެއް' ކަމަށް ވެސް ސިފަކުރި

ނަޝީދަށް ވުރެ ކޮރަޕްޓެޑް ބޭފުޅަކު ރާއްޖެއިން މިހާތަނަށް ފެނިފައި ނުވާކަމަށް، އެއް މެމްބަރަކު ވިދާޅުވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެ އެމްޑީޕީގެ މިހާރުގެ ގައުމީ މަޖިލިސް ރުޅިއައިސް އޮތް މިންވަރު ރޭ އެ ފެނުނީ އެވެ. އެމްޑީޕީ ރޫޅާލައްވައި، ދަ ޑިމޮކްރެޓްސް ހެއްދެވި ނަމަވެސް، އަދިވެސް އެމަނިކުފާނުގެ އެދުން އޮތީ އެމްޑީޕީ ތެރޭގައި ވަކި ހިއްޕަވާލެއްވުން ކަމަށް ވިޔަސް، މި ވަގުތަށް އެމްޑީޕީ ގައުމީ މަޖިލިސް ފާޅުގައި، ރުޅިވެރިކަމާ އެކު، ބުނީ 'ނަޝީދު ނޫން ގޮތެއް' ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިނުގެން އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލެއްވިތާ އެންމެ ދެ ދުވަސް ތެރޭގައި ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި، އެކި މެމްބަރުން ނަޝީދު ސިފަކުރެއްވީ މިހެންނެވެ؛ ކޮންމެ ގޮތަކުން ވިޔަސް ވެރިކަން ހޯދައްވަން ބޭނުންފުޅުވާ އަމިއްލަ އެދުން ބޮޑު ބޭފުޅެކެވެ. ރާއްޖޭގައި މިހާތަނަށް ނުއުފެދޭ ވަރުގެ ކޮރަޕްޓެޑް ބޭފުޅެކެވެ. ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީގެ އަގު ވައްޓާލެއްވި ބޭފުޅެކެވެ. 'ނިޒާމީ ބަގާބާތެއް' ގެންނަވަން އުޅުއްވާ ބޭފުޅެކެވެ. މޭ 6ގެ ބޮމުގެ ހަމަލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި އެޅުއްވި ބޭފުޅެކެވެ.

ބަރުލަމާނީއާ ދެކޮޅަށް ރޭ އެމްޑީޕީގެ ގައުމީ މަޖިލިހުގައި ވޯޓު ދެނީ (ފޮޓޯ/ ހުސެއިން ސުނެއިން)

މިހާ ވަރަށް ރޭގެ ގައުމީ މަޖިލިހުގެ ބަހުސްގައި ނަޝީދަށް އެކި މެމްބަރުން ފާޑުކިއުއްވީ، އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކޮންމެ ކަމެއް ފެއިލްކޮށްލަން އެމްޑީޕީގެ ހުރިހާ ބާރެއް މި ވަގުތު ބޭނުންކުރާނެކަން ދައްކަވަމުންނެވެ.

"ބޯޓު ދުއްވަ ދުއްވާ އޮއްވާ ލައިފް ޖެކެޓް ނާޅާ ކަނޑަށް ފުއްލާމީ އަމިއްލައަށް، ދެން އަޅުގަނޑުމެން އެއާ ހަވާލުވާން އުޅޭނެ ކަމެއް ނެތް،" ނަޝީދުގެ ނަންފުޅު ނުގެންނަވައި އެކަމަކު އެމްޑީޕީ ދޫކުރައްވައި ވަޑައިގަތް ވަޑައިގަތުމާ މެދު، މަޑުއްވަރީ ދާއިރާގެ ރައީސް އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޮލުގައި ނާޅުވާ ބަދުނާމެއް ނެތް. ވައްކަމުގެ ބޮޑު ނެޓްވޯކަކަށް މި ޕާޓީ ހަދައިފި. ކިޔާލި ގޮތުން ހީވޭ މަޖީދީ މަގުގައި ގޮއްވާލި ބޮމަކީ އަޅުގަނޑުމެން ހަދައިގެން ގެންގޮސް [ބާއްވާ] ގޮއްވާލި އެއްޗެކޭ. އެވަރަށް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެކަން އަޅުވައިފި."

ގައުމީ މަޖިލިހުގައި ނަޝީދަށް މިހާރު އެއްވެސް އިހުތިރާމެއް ނެތްކަން، ވާހަކަ ދެއްކެވި މެމްބަރުންގެ ބަސްމަގުން އެނގެ އެވެ. ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވީ ސީދާ ނަޝީދުގެ ސަބަބުން ކަމަށް ގަބޫލުކުރުމާ އެކު، އެވަރުގެ ބޭފުޅަކަށް އެމްޑީޕީން ދެން ތާއީދުކުރުމުގެ ބޭނުމެއް ނެތްކަން، މެމްބަރުންގެ ވާހަކަތަކުން ސާފެވެ. ނަޝީދުގެ ހުރިހާ ފޯކަސްއެއް މިހާރު އޮތް، ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ އާންމު ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން، ހުރިހާ މެމްބަރުންހެން ވިދާޅުވީ 'ބަރުލަމާނީ ނޫން ގޮތެއް' ކަމަށެވެ.

ނަޝީދަކީ ސިޔާސީ ގޮތުން އެއްވެސް ވަރެއްގެ ލަދުފުޅެއް ނެތް ބޭފުޅެއް ކަމާ މެދު ޝައްކެއް ނެތެވެ. އިއްޔެ ރައީސް ސޯލިހަށް އިންތިހާބު ގެއްލުވާލައްވާފައި، މިއަދު ފޮނުއްވަނީ ގައުމީ މަޖިލިހުގެ ތާއީދު އޮތް ނަމަ ޕާޓީއާ ގުޅިވަޑައިގަތުމުގެ މެސެޖެވެ. އިއްޔެ ރައީސް ސޯލިހުގެ ނާގާބިލްކަމުގެ ވާހަކަ ދައްކަވާފައި މިއަދު ކުރައްވަނީ އެމަނިކުފާނަށް ތައުރީފެވެ.

ރައީސް ސޯލިހު، އިންތިހާބީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވަނީ: އެމްޑީޕީ އޮތީ މުއިއްޒުއަށް އެހީތެރިދޭ ގޮތަށް (ފޮޓޯ/ރައީސް އޮފީސް)

އެކަމަކު ނަޝީދުގެ ތައުރީފާއި ހެޔޮ ބަސް އަޑުއެހުމުގެ މޫޑެއް އެމްޑީޕީގެ މިހާރުގެ ގައުމީ މަޖިލިހުގައި މިވަގުތު ނެތެވެ. އިންތިހާބީ ރައީސް ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއުކުރަން ވެސް، ނަޝީދަށް އެމްޑީޕީން ފުރުސަތު ދިނުމަށް ވުރެ، ގައުމީ މަޖިލިހަށް މި އޮތީ މުހިންމުވެފަ އެވެ. ބައެއް މެމްބަރުން ވިދާޅުވީ ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވާފައި ހުއްޓާ، ނިޒާމް ބަދަލުކުރަން ނަޝީދު އުޅުއްވަނީ ވެރިކަމުގެ އެދުމުގައި އެކަނި ކަމަށެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި ގޮތުގައި ވަކި މީހަކު ވެރިކަމަށް ގެންނަން ކުރާ މަސައްކަތަކަށް އެމްޑީޕީން ތާއީދުކުރާކަށް ނުޖެހޭނެ އެވެ.

ރައްޔިތުން "ވަކި ގޮތެއް ނިންމައިފި. ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރާނީ ޑރ. މުއިއްޒޭ، ވެރިކަން ކުރަން ޖެހޭނީ ރިޔާސީ ނިޒާމަށޭ،" ޔައުގޫބް ވިދާޅުވި އެވެ.

"ވަކި ބޭފުޅަކަށް ތާއީދު ނެތީމާ ވެރިކަމަށް އާދެވޭ ފޯމިއުލާއެއް. އެ ބޭފުޅާއަށް ވެރިކަމަށް އާދެވޭނެ ގޮތަށް މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުންނަށް ލާޒިމެއް ނޫން."

އޭނާގެ ވާހަކަ އެހާ ހިސާބުން ނިންމައެއް ނުލައްވަ އެވެ. ނަޝީދަކީ އޭނާއަށް ފެނިވަޑައިގެންނެވި ކޮރަޕްޝަންގެ ކަންކަން އެންމެ ބޮޑު ބޭފުޅާ ކަމަށް ވެސް ސިފަކުރެއްވި އެވެ. ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުން ނޫން ކަމާއި ނުފޫޒު ބޭނުންކުރުމަކީ ވެސް ކޮރަޕްޝަންކަން، ފާހަގަކުރެއްވި އެވެ.

ނިޒާމީ ވޯޓުގެ ކަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެމްޑީޕީގެ ގައުމީ މަޖިލިސް އޮތީ ނަޝީދާ ދެކޮޅަށް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"އަޅުގަނޑު ނުދެކެން އެއަށް ވުރެ ބޮޑު ކޮރަޕްޓެޑް ބޭފުޅެއް އަޅުގަނޑުގެ ހަޔާތުގައި،" ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން ބަރުލަމާނީ ނިޒާމް ގެނެސް، ވެރިކަމަށް ވަޑައިގަނެވޭތޯ ނަޝީދު ކުރައްވާ މަސައްކަތްތަކަށް އިޝާރަތްކުރައްވާ، ޔައުގޫބް ވިދާޅުވި އެވެ.

ރޮޒައިނާ އާދަމްގެ ނަން އަތުވެއްޖެ ނަމަ، ނަޝީދުގެ ސަޕޯޓަރުން ވަރަށް ރުޅިއާދެ އެވެ. ރޭ އޭނާ ވާހަކަ ދެއްކެވީ އެ ރުޅި އަދި ބޮޑުވާނެ ގޮތަކަށް ކަމަށް ފެނެ އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި އެންމެ ބޭފުޅަކު ވެރިކަން ބޭނުންފުޅުވެގެން ކުރައްވާ މަސައްކަތަކަށް ދައުލަތުން 40 މިލިއަން ރުފިޔާ ހޭދަކުރާކަށް ނުޖެހެ އެވެ. ނިޒާމީ ވޯޓަށް އެ ހުސްކުރާ ފައިސާ، ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނިވެރި މައިންނަށް ސަރުކާރުން ބަހާލިޔަސް މާ ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުން ބަރުލަމާނީއަކަށް ތާއީދެއް ނުކުރާނެކަން ސޯޝަލް މީޑިއާއަށް ބަލައިލިޔަސް، މީހުން އުޅޭ ވައިބަ ގްރޫޕްތަކަށް ބަލައިލިޔަސް އެބަ އެނގޭ. ފަސް ޕަސެންޓް ވެސް މި ވޯޓަކުން ނުލިބޭނެކަން،" ރޮޒައިނާ ވިދާޅުވި އެވެ.

އެހާ ތައީދު ނެތް ކަމެއް ކަން އެނގި ތިބެ، އެވަރުގެ ބޮޑު ހޭދައެއް ކޮށްގެން ވޯޓަކަށް ދަނީ ވަކި ބޭފުޅަކަށް ވެރިކަމަށް ވަޑައިގެންނެވެން އޮތް މަގަކީ ބަރުލަމާނީ ކަމަށް ވާތީ ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ބޭކާރު ހަރަދެއް ކަމަށް ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ސިފަކުރެއްވި ގޮތުގައި ނިޒާމީ ވޯޓަކީ ރާއްޖެއަށް ގެންނަން އުޅޭ 'ނިޒާމީ ބަގާވާތެކެ'ވެ. އެމްޑީީޕީއަކީ ބަގާވާތާ ދެކޮޅު ބަޔަކަށް ވާތީ، އެކަމާ ދެކޮޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންތިހާބީ ރައީސަކު ހުއްޓާ، އިންތިހާބަކުން ސާފު ޖަވާބެއް ރައްޔިތުން ދީފައި އޮއްވާ، އިންތިހާބީ ރައީސަށް ހައްގުވާ ފަސް އަހަރުގެ މުއްދަތު ވެރިކަން ކުރުމަށް ފުރުސަތު ގެއްލުވާލުމަކީ އަސްލު ހަގީގަތުގައި ނިޒާމީ ބަގާވާތެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ޖީހާން ވިދާޅުވި އެވެ.

"ނިޒާމީ ބަގާވާތެއް ނުވަތަ ކޮންމެ ފަދަ ބަގާވާތަކީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޕާޓީ ތާއީދުކުރާނެ އަދި ބައިވެރިވާނެ ކަމެއް ނޫން. އެހެންކަމުން އެމްޑީޕީ ބަގާވާތާ ދެކޮޅު، ނިޒާމީ ބަގާވާތާ ދެކޮޅު، ބަރުލަމާނީއާ ދެކޮޅު."

ރިޔާސީ އިންތިހާބު ގެއްލުމުން ރައީސް ސޯލިހާއި އެމްޑީޕީ މިވަނީ މި ވަގުތަށް 'މަގުމަތިވެފަ' އެވެ. މޫސާ އަލިމަނިކު ވިދާޅުވި ގޮތުން ނަމަ 'އަޅުގަނޑުމެން ވެސް މި ތިބީ މަގުމަތީގަ' އެވެ. އަދި 'އެ ބޭފުޅުން [ދަ ޑިމޮކްރެޓްސް] ވެސް ދެން ތިބެންވާނީ މަގުމަތީގަ' އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަގުމަތީގައި ތިބެގެން ބޮޑުވާނީ. އެ ބޭފުޅުން މަގުމަތީގައި ތިބެގެން ހުލިވާނީ."

އެމްޑީޕީ ގައުމީ މަޖިލިހުގެ ރޭގެ ޖަލްސާއަކީ، މި ހުރިހާ ވާހަކަތަކަށް ބަލާއިރު، ނަޝީދާ ދެކޮޅަށް ދައްކާލި އެއްބައިވަންތަކަމެކެވެ. ބަރުލަމާނީއަށް ތާއީދުނުކުރަން އިއްތިފާގުން ނިންމީ އެވެ. އެހެންކަމުން އެމްޑީޕީ އޮތީ ނަޝީދުގެ ސިޔާސީ އެންމެ ބޮޑު ހުވަފެނުގައި ކުލަ ޖައްސައިދޭން ތައްޔާރަކަށް ނޫނެވެ. ނަޝީދާ ނުލައި ކުރިއަށް ދާ ގޮތަށެވެ.

ކޮމެންޓް (5)

ވެންޓިލޭޓަރު ވަގު ކޮބާ؟

4 އޮކްޓޯބަރު 2023
މަ ނުދެކެން މި ނޫނި ބަލިވީމަ އެހެން މީހުން ބަލި ކެނޑި ނަމުން ޑިމޮކުރަޓިކު ކަމުން ވަގުން ޕާޓީ އިން އަދި ދުނިޔެއިން ވެސް ހެހެހެ. ޒީރޯ ޓޮލަރެންސު މައި ފޫޓް. އަންނި ކޮރަޕްޓު ނުވީމަ އަންނި ލައިގެން އެކަން ނުކުރެވޭތީ އަންނި ދެކެ ނައްޓަނީ. ލަދު ކުޑަ ބައެއް.
4 4

ދަށްގޮހުރު

4 އޮކްޓޯބަރު 2023
ޔައުގޫބު ކަލޭ އެސްޓީއޯއަށް ދައްކަން އޮތް ދަރަނި ދައްކަބަލަ. ވަގު ހިފާނަމޭ ކިޔާ ސަރުކާރު ޕްރޮޖެކުޓުތައް ބޭއިންސާފުން ނަގައިގެން ނުފޫޒު ފޯރުވައިގެން ފަޅޮލޭ ކިޔާބަލަ. އަންނިއަކީ ވިޔަފާރިކޮށް އުޅޭ މީހެއްނޫން ކަލޭހެން. ކަލޭ ހިންގާ ވައްކަން ފޮރުވަން ދަށްގޮހެރޭ ތިކިޔަނީ
7 7

ރިޔާސީ ދިޔާސީ

4 އޮކްޓޯބަރު 2023
ވާ ގޮތަކީ ނުކިއްސަރުކޮށް ހޯދި ޕްރޮޖެކުޓުތަކާ، ތިމާމެންގެ ސިޔާސީ މަގާމުތައް ދަންމަން ބެހި ޖޮބުތަކާ، ހިންގި ރުފިޔާތަކަށް އަންނިއާ ހެދި ހުރަސް އެޅޭތީ އަންނިއާ ނަފުރަތު ކުރަނީ.
8 9

ވާންޗޮގެ

4 އޮކްޓޯބަރު 2023
ވަކި މީހަކާ ޖައްސާލައިގެން އުޅެގެން ތިޔަ ޕާޓީއަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް.. މިއޮތް ތަހުޒީބު ދުނިޔޭގެ ރާއްޖޭގެ އެންމެ ޑިމޮކްރަޓިކް ޕާޓީއޭ ކިޔާފައި މީހަކާ އަޅައިގަނެގެން ޒާތީ ވެގެން އަމިއްލަ ބަލި ގަބޫލު ނުކޮށް އެމީހާއިން ނުނެއްޓިގެން އުޅުނީމަ އެގެނީ ތިޔަ ޕާޓީ އަސްލު ތަސައްރަފެއް ނުފުދޭކަން. ޑިމޮކްރަސީގެ ކުރު ކޯހެއް ނަމަވެސް ހަދަން އެބަޖެހޭ ހަދަން ތިޔަ މީހުން. ހަމަ އެކަނި ޖަރީމާ ވިއްޔަ ދަސްކޮށްގެން ތިބެނީ
8 9

ތެފައާސާ.

4 އޮކްޓޯބަރު 2023
އިބޫ ސޯލިހުއަށް އިންތިޚާބު ގެއްލުވާލީމާ، އިބޫއާއި އެމްޑީޕީގެ ލީޑާރޝިޕް އެއްފަރާތަކަށް ޖެހިލާފައި އަންނިއަށް އެމްޑީޕީ ލިބޭނެކަމަށް އަންނި ޖަހައިގެން މި އުޅުނު ހިސާބަކީ ސިޔާސީ ގޮތުން މިފަހުގެ ތާރީޚެއްގައި މީހަކު ޖެހި އެންމެ ދެކޮޅުނުޖެހޭ ހިސާބަށް ނުވޭތޯ؟ ނަން ވާނީ އަބްދުއްރަހީމްބެ. ކީއްކުރާނީ؟
16 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް