ކުރީގެ މެންބަރު ޔައުގޫބު، އެމްޑީޕީގެ ރައީސް ޝާހިދު، އެމްޑީޕީގެ 2023ގެ ރިޔާސީ ކެންޑިޑޭޓު ސޯލިހު، އެމްޑީޕީގެ ޗެއާ ފައްޔާޒު، ކުރީގެ މެންބަރު ނިޔާޒު (ކަނާތުން ވާތަށް) - (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ފަހު ވަގުތު ޕާޓީ ދެބައި ނުވި ނަމަ އެމްޑީޕީ އިންތިހާބުން ބައްޔެއް ނުވީސް: ފައްޔާޒު

ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް އެމްޑީޕީގެ ކުރީގެ ލީޑަރު ނަޝީދު ޕާޓީ ދޫކޮށް، އާ ޕާޓީއެއް އުފެއްދި
12 އޮކްޓޯބަރު 2024

މިދިޔަ ރިޔާސީ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އޭރު ވެރިކަމުގައި އޮތް އެމްޑީޕީ ދެބައިވެގެން ނުދިޔަ ނަމަ، ރިޔާސީ އިންތިހާބުން އެ ޕާޓީ ބަލި ނުވީސް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ކަމުގެ ފެށުން - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ކުރީގެ ރައީސް ނަޝީދު ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ޕާޓީގައި ތިބެގެން އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އެމަނިކުފާނުގެ ވަފާތެރިން މަސައްކަތް ފެށި އެވެ. އެއާ އެކީ ޕާޓީން އެ ބޭފުޅުން ވަކިކުރުމުގެ މަސައްކަތެއް ފެށުމުން، ނަޝީދާއި ނަޝީދަށް ވަފާތެރި މީހުން ޕާޓީ ދޫކޮށް ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފެއްދި އެވެ.

ވީކިހިނެއް؟ - އެމްޑީޕީން މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ބޮޑު ނާކާމިޔާބީއެއް ލިބުނު ސަބަބުތައް ހޯދުމަށް ދިރާސާއެއްގެ މަސައްކަތް ފެށި އެވެ. މިއަދު ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އެ ޕާޓީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ކައުންސިލަރަކު ވަނީ އެ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

ކީކޭ ބުނީ؟ - އެ ސުވާލުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ ދިރާސާ މިހާރު ނިމިފައިވީ ނަމަވެސް ދިރާސާގެ ކަންކަން ހާމަކުރާނީ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ފަހު ކަމަށެވެ.

ދިރާސާއެއް ނުކުރި ނަމަވެސް ސާފުކޮށް ފެންނަ ބައެއް ކަންކަން އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އޭނާގެ އަމިއްލަ ހިޔާލު ހިއްސާކުރައްވަމުން ވިދާޅުވީ އެމްޑީޕީ ބަލިވި އެންމެ ބޮޑު ސަބަބަކީ ފަހު ވަގުތު ޕާޓީ ދެބައިވެގެން ދިއުން ކަމަށެވެ.

"އަޅުގަނޑަށް ފެނުނު ތަނުގައި، އެހާ ފަހު ވަގުތު [ރިޔާސީ އިންތިހާބު] ކައިވެރިވެފައިވަނިކޮށް، ޕާޓީ ސްޕްލިޓް (ދެބައި) ވެގެން ނުދިޔަ ނަމަ [ރިޔާސީ] އިންތިހާބު ގެއްލިގެނެއް ނުދާނެ ކަމަށް އަޅުގަނޑު ދެކެނީ،" އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ހިންގި ދިރާސާއާ ގުޅޭ ގޮތުން ފައްޔާޒު ފާހަގަކުރެއްވި ކަންކަމަކީ:

  • ދިރާސާގެ ޑްރާފްޓެއް ޗެއާޕާސަންގެ މޭޒަށް ވަނީ ލިބިފައި

  • ދިރާސާ ކޮމިޓީގެ ދިރާސާއަކީ މިނިވަން ދިރާސާއެއް

  • ކޮމިޓީން ދާނެ ރަށްރަށާއި ހިޔާލު ހޯދާނެ ފަރާތްތައް ނިންމީ ކޮމިޓީން އަމިއްލައަށް

  • ގައުމީ މަޖިލީހަށް ހުށަހެޅުމަށް ފަހު ދިރާސާ އާންމު ކުރާނެ

އެނގުން މުހިންމު - ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފުރަތަމަ ބުރު ވެސް ލިބުނީ ދެވަނަ އެވެ.

ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ނަމަވެސް ޑިމޮކްރެޓްސްއިން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެކަމަކު އިންތިހާބު ނިމުނު ފަހުން ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ތާއީދުކުރެއްވީ ރައީސް މުހައްމަދު މުއިއްޒަށް ކަމަށެވެ.

ފަސްމަންޒަރު - ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރެވެ. 2008 ،2013، އަދި 2018ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދެވެ. އެކަމަކު 2018ގައި ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމެއްގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެތީ އެ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށް ސޯލިހަށް ރިޔާސީ ޓިކެޓު ދިނީ އެވެ. ސޯލިހަށް ޕާޓީގެ ބާރު ލިބުނު ފަހުން ނަޝީދާ ހިޔާލު ތަފާތުވުން ދިޔައީ ބޮޑުވަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް