އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ސިޔާސީ ޕާޓީތައް

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ސަރުކާރާ ދެކޮޅަށް މަޖިލީހުގައި މަސައްކަތް ކުރަން ފަށައިފި

އެމްޑިޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ ދެ ޕާޓީން މަސައްކަތް ކުރާނީ ޒިންމާދާރު އިދިކޮޅެއްގެ ގޮތުގައި ކަމަށް

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރަން ނިންމައި އެކަން މިއަދު ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރަން މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާނު ކުރަން މިއަދު ސެންޓްރަލް ހޮޓަލުގައި މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ގިނަ ވައުދުތަކެެެއް ވެގެން ކަމަށާއި އޭގެ ތެރެއިން ގިނަ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

ތަފްސީލް - ފައްޔާޒު ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ، ވެރިކަމަށް އައުމަށް ސަރުކާރުން ދެއްކި ވާހަކަތަކަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރަށް ދެ މަސްވީއިރު، ރާއްޖެއާ ގާތް ގައުމުތަކާ އެކު އޮންނަ ގުޅުން އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.

"ކަންބޮޑުވުން އޮތީ ދޭދޭ ގައުމެއްގެ ދެމެދު އޮތް ގުޅުން ހީނަރުވެގެން އެކަންޏެއް ނޫން. މިއަދު މުޅި ދުނިޔޭގެ މަސްރަހު މި އޮތީ ނުރައްކާތެރި ހާލަތެއްގައި. މެދުއިރުމަތީގައި ހަނގުރާމަ ކުރަމުން އެ ދަނީ. އެ ހަނގުރާމަ އެ ދަނީ ފުޅާވަމުން،" މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގައި ހަނގުރާމަތަކާއި ފިނި ހަނގުރާމަތައް ހިނގަމުން ދާއިރު، އިންޑިއާ ކަނޑަކީ ކޮންމެވެސް ވަރެއްގެ އަމާންކަމަކާއި ރައްކާތެރިކަމެއް އޮތް ސަރަހައްދެއް ކަމަށެވެ.

"އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން ރާއްޖޭގެ ސިޔާސަތުތަކެއްގެ ސަބަބުން މި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް އަސަރު ކުރާ ކަހަލަ އަދި މި ސަރަހައްދުން ބޭރުގެ، ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ސަމާލުކަން މި ސަރަހައްދަށް ގެނެސް، މި ސަރަހައްދުގައި މައްސަލަތަކެއް އުފެދި ގޮސް، މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އަސަރުކުރާނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެންދާ ތަން ފެނުމަކީ އެއްވެސް ވިސްނުންތެރިކަމެއް ނެތް ގޮތުގައި އެ ކަންކަން ކުރިއަށް ގެންދަވާ ތަން ފެނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ގިނަ ކަންކަމާ ގުޅުންހުރި ކަމެއް ކަމަށެވެ.

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މީޑިއާގެ މިނިވަންކަމަށް އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮޮތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވަނީ، މި ފަހުން ސަރުކާރަށް ފާޑުކިޔާ ހަބަރު ފެތުރި ދެ ވެބްސައިޓެއް ބްލޮކުކުރުމަށް ފަހު، ފާޑުކިޔުން އަމާޒުވުމުން އެ ދެ ސައިޓު ދޫކޮށްލާފައިވާތީ އެކަން ފާހަގަކުރައްވައި ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ބަދަލު ކުރެއްވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން. އަޅުގަނޑުމެންނަށް ވަރަށް ނުބައި ސިގްނަލެއް ލިބެމުން ދަނީ. ކުރިއަށް އޮތް މުސްތަގުބަލުގައި މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، މީޑިއާގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުުމުގެ މިނިވަންކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ކުރިމަތި ކުރުވާނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރުމުން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގުޅިގެން އެކަންކަން ބަލައި ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

"... ޒިންމާދާރު އޮޕޮސިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމަ އެއާ އެކު މި ގައުމުގެ މުސްތަގުބަލަށް، ޑިމޮކްރެޓިކް މުސްތަގުބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހުގެ ތެރެއިން ގެނައުމަށް މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - ކުރިން އެމްޑީޕީގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން އެ ޕާޓީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެނުނު ނުތަނަވަސްކަމުގެ ތެރެއިން ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނެވެ.

ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ޑިމޮކްރެޓްސް އިން މަސައްކަތް ކުރީ އޭރު އޮތް އެމްޑީޕީ ވެރިކަމާ ދެކޮޅަށް، މި ސަރުކާރު ގެނައުމެވެ.

ކޮމެންޓް (2)

ޖެނިން

25 ޖެނުއަރީ 2024
ކޮންމެ ޕާޓީއެއްގަވެސް ހުންނާނެ ޕާޓީ ހަލާކު ކުރާނެ މީހެއް ، އެގޮތުން ޕީޕީއެމް/ ޕީއެންސީގަ އެހުރީ އަދުރޭ ، މީހުން މީހުނަށް ފެނުނުނީމަ ވާނީ މޫސަ ބުނާހެން “އަތަށް ގޮވުން”
0 0

ކުރުސީ

24 ޖެނުއަރީ 2024
ތެޅުނުވަރަކަށް ފައިބާނީ ހުޅުނބު
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް