ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު، މީޑިއާތަކާ ބައްދަލުކުރުމަށް ސޯޝަލް ސެންޓަރުގައި ބެއްވި 'ނޫސްވެރިންގެ ގުންޒަރު'

ބްލޮކް ކުރި ދެ ވެބްސައިޓު އަންބްލޮކް ކޮށްފި

ވެބްސައިޓު މިއަދު އަންބްލޮކު ކޮޮށްފައިވާއިރު، ވެބްސައިޓުތަކަށް ނުވަދެވޭގޮތަށް ބްލޮކު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައި

ސަރުކާރާ ދެކޮޅު ހަބަރު ގެނެސްދޭ ދެ ވެބްސައިޓެއް ބްލޮކް ކުރުމުން ކުރިމަތިވި ފާޑުކިޔުންތަކާއެކު އެ ދެ ވެބްސައިޓު އަންބްލޮކް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ރެޖިސްޓާ ނުކޮށް ސަރުކާރާ ދެކޮޅު ހަބަރުތަކާއި މައުލޫމާތު ޝާއިއު ކުރަމުން ދިޔަ ދެ އޮންލައިން ސައިޓަކާއި ރަޖިސްޓާ ކޮށްގެން ހިންގަމުން ދިޔަ 'ފުރަތަމަ' ނޫސް ސަރުކާރުން ބްލޮކް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ނަމަވެސް، ގާތްގަނޑަކަށް 24 ގަަޑިއިރަށް ފަހު ފުރަތަމަ.ކޮމް ވަނީ އަންބްލޮކް ކޮށްފަ އެވެ.  

ވެބްސައިޓުތައް ބްލޮކު ކުރުމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، "ހިޔާލު ފާޅުކުރުން ވެސް އޮންނަން ޖެހެނީ ވަކި ހުދޫދެއްގެ ތެރޭގައި" ކަމަށެވެ.

ތަފްސީލް - ސަރުކާރުގެ ނިންމުންތަކަށް ފާޑު ކިޔައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ، ހަބަރު ފަތުރަމުން ދިޔަ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުން އާންމުންނާއި އިދިކޮޅުން އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރާ މީހުންނާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެ ދެ ވެބްސައިޓު މިއަދު އަންބްލޮކު ކޮޮށްފައިވާއިރު، ވެބްސައިޓުތަކަށް ނުވަދެވޭގޮތަށް ބްލޮކު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެގޮތުން: 

  • މިކަމަށް ގޮވާލައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ ކުރިން ނޫސްވެރިއެއް އަދި ލިޔުންތެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑު) 

  • މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާއިން ލިބިދޭ ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ލިބިދީފައި ވަނިކޮށް، އޮންލައިންކޮށް ހަބަރާއި މައުލޫމާތު ފަތުރަމުން ދިޔަ ބައެއް ވެބްސައިޓުތައް ރާއްެޖެއިން ނުވަދެވޭ ގޮތަށް ބްލޮކް ކުރަމުން ދާތީ

ނޫސްވެރިންނަށާއި ނޫސްތަކަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ފާހަގަ ކުރެވޭ - ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އަދި މޯލްޑިވްސް އެޑިޓާސް ގިލްޑުން ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެފަ އެވެ. އެއްވެސް އުސޫލެއް ނެތި އަދި މީޑިއާތަކުގެ ބެލެނިވެރި ފަރާތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްްއެމްސީ)ގެ ދައުރެއް ނެތި ސަރުކާރުން ނިންމި ނިންމުން އެ ތިން ޖަމިއްޔާ އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އެމްްއެމްސީ އިން ވެސް ވަނީ، އުސޫލެއް ނެތި ސަރުކާރުން ނިންމި މި ނިންމުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް 'ހުރަހެއް އަދި ނުރައްކަލެއް'ގެ ގޮތުގައި ސިފަކޮށްފަ އެވެ. އާންމުންނާއި ސިޔާސީ ޕާޓީތަކުން ވެސް ސައިޓުތައް ބްލޮކް ކުރުމާ ގުޅިގެން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ނޫސްވެރިންގެ ޖަމްއިއްޔާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން މިހާރު ގެންގުޅޭ ސެންސަޝިޕްގެ ސިޔާސަތުގެ ސަބަބުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމާއި ދިނުމުގެ ހައްގަށް ހުރަސްއެޅޭތީ އެ ޖަމްއިއްޔާ އިން އެ ސިޔާސަތުތަކާ ދެކޮޅު ކަމަށެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެ އަސާސީ ހައްގުތައް އެއްވެސް މިންވަރަކަށް ހަނިކުރަން ވާނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވެގެން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަމުގައި އެ ޖަމްއިއްޔާއިން ސަރުކާރަށް ދަންނަވާފައިވާނެ ކަމަށް ވެސް އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް