އެމްޑީޕީން 2022ގައި ބޭއްވި ކޮންގްރެސްގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު (ކ) އެހެން ބޭފުޅުންނާ މަޝްވަރާކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީ-ޑިމޮކްރެޓްސް އެއްކޮށްލަން ނަޝީދާ މަޝްވަރާއެއް ނުކުރަން: ސޯލިހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ނަޝީދުއާ ވާހަކަ ނުދައްކަވާތާ ވެސް މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ

އިދިކޮޅު މައި ޕާޓީ، އެމްޑިޕީ އާއި ދަ ޑިމޮކްރެޓްސް އެއްކޮށްލުމުގެ މަޝްވަރާތަކެއް ކުރިކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދޮގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ ގައުމީ މަޖިލިސްގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ސޯލިހް ފޮނުއްވި މެސެޖެްގައި އެ ވާހަކަތައް ދޮގުކުރެއްވީ ހާއްސަ މަޖިލީހުގެ ކުރީގެ އެމްޑީޕީ މެންބަރު އަހްމަދު ޝަފީގް (މީމު ސައްޕެ) އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެގޮތުން އަހްމަދު ޝަފީގުގެ ޕޯސްޓުގައި ވިދާޅުވީ:

  • އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްކޮލުމަށް 'ކުރެވެމުންދާ މަސައްކަތުގައި' ރައީސް  ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާ ދެ ބޭފުޅުން ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް

  • ދެ ރައީސުންގެ މެދުގައި އެއްވެސް ކަހަލަ ނުތަނަވަސް ކަމެއް ނެތް ކަމުގެ ޔަގީންކަން ދެއްވައި، ދެ ޕާޓީ އެއްކޮޅުމަށް ދެ ބޭފުޅުން ވެސް ތާއީދު އޮތް ކަން އެ ބައްދަލުވުމުގައި ހާމަކޮށްފައިވޭ 

  • މިކަމަށް މަގުފަހިކުރުމުގެ ގޮތުން ގައުމީ މަޖިލީހަށް ހުށަހަޅަން ޖެހޭ ގަރާރެއް މިހާރު ވަނީ ޑްރާފްޓްކޮށްފައި

"އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްކޮށްލެވި، ކުރީގެ ބިޔަ ބޮޑު އެމްޑީޕީގެ ރަން ރީނދޫ ބިޔަ ލަޝްކަރު ރުކުރުވިގެން ދާނެ ކަމުގެ ޔަގީކަން ލިބިއްޖެ،" ޝަފީގުގެ ޕޯސްޓުގައި ލިޔުއްވި އެވެ.

މިދިޔަ ޖުލައި މަހު ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާއެއްގައި އަހްމަދު ޝަފީގު ވާހަކަ ދައްކަވަނީ

ތަފްސީލު - އޭނާގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ސުވާލުތަކެއް ދިޔައީ ކުރަމުންނެވެ. އެހެންވެ ސޯލިހް އެކަން ސާފުކޮށްދެއްވީ ރޭ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖްގަ އެވެ.

"ރައީސް ނަޝީދު އާއި އަޅުގަނޑާ އެއްވެސް ވާހަކައެއް ނުދައްކާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އެމްޑީޕީ އެއްވެސް ޕާޓީއަކާ ވާހަކަދައްކައި އެކުގައި މަސައްކަތް ކުރަން ނިންމާނީ ޕާޓީގެ ގައުމީ މަޖިލިސް [އިން]. އެފަދަ ވާހަކައެއް އަޅުގަނޑާ މިހާތަނަށް ދައްކާފައި ނުވާ ވާހަކަ ވެސް ބުނެލަން،" ސޯލިހް ވިދާޅުވި އެވެ.

އެ މެސެޖް އެގޮތަށް ފޮނުއްވަން ޖެހިވަޑައިގެންނެވީ، ކުރީގެ ރައީސް ވިދާޅުވި ގޮތުގައި، ޝަފީގުގެ ޕޯސްޓާ ގުޅިގެން ވަރަށް ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނުގެ އަރިހުން ވެސް ސުވާލު ކުރަމުންދާތީ އެވެ. އެހެންވެ އެކަން ސާފުކޮށްދެއްވުމުގެ ގޮތުން ކޮންމެވެސް އެއްޗެއް ވިދާޅުވާން ޖެހިވަޑައިގަންނަވާ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ސޯލިހް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ކުރީކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، ދ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވީ އޭރުގެ ރައީސް ސޯލިހާ ދެ ބޭފުޅުންގެ ދެމެދު ކުރިމަތުވި ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރަޖިސްޓްރީކުރި ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި އެވެ.

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލުމުގެ އެއް ސަބަބަކީ ވެސް އެ ޕާޓީ ބައިބައިވެ، ނަޝީދު އާ ޕާޓީ އުފެއްދެވުމެވެ.

ކޮމެންޓް (1)

profile-image-placeholder

ދޭހައިން ކިތަކެއް

20 ސެޕްޓެމްބަރު 2024
ދެރައީސުންނާ ޝަފީގު ބައްދލުކުރިކަމަށް މަށަށް ދޭހަވީ. އެއްގޮތަކަށްވެސް ދެރައީސުން ބައްދަލުކުރިވާހަކައެއް މިއަކުނެތް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް