އަބްދުﷲ ހަމީދު (ވ)، މުހައްމަދު ސަލީމް (ކ) : މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށްޓަކައި ރުހުން ހޯދުމަށް މިއަދު މަޖިލީހަށް ވަނީ ފޮނުވާފައި
ސުޕްރީމް ކޯޓަށް އައްޔަން ކުރަން ހަމީދާއި ސަލީމްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށްޓަކައި ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ. އެގޮތުން:
-
ހުސްވި ދެ މަގާމަށް 12 ބޭފުޅުން ކުރިމަތިލެއްވި އިރު، އެ ބޭފުޅުންނާ އިންޓަވިއުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ން ރައީސްއަށް ލަފާ އެރުވީ ހަމީދާއި ސަލީމް އައްޔަންކުރުމަށް
-
ޖޭއެސްސީގެ ލަފާގެ މަތިން އެ ދެ ބޭފުޅުން އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައި
ތަފްސީލު - ހަމީދާއި ސަލީމް އެ މަގާމަށް އައްޔަން ކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައަޅައިދިނުމަށް ރައީސްގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. ސިޓީ ތަޅުމުގައި އިއްވުމަށް ފަހު، މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ އިޖުރާއަތްތަކަކީ:
-
ކުރިމަތިލާ މީހުންނާ ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން
-
ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުން
-
މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ
އިތުރަށް ކިޔާލަން
ފަަސްމަންޒަރު - ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އަޒްމިރާލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރީ، އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމުމުންނެވެ. އަދި:
-
އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމީ، ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަން ފެށީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައި ވަނިކޮށް
-
އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރި
-
އެއާ އެކު، ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ސުއޫދު އިސްތިއުފާ ދެއްވި. ސަރުކާރުން އެ ތުހުމަތު ދޮގުކުރޭ
-
މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް؛ އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ މިހާރު އޮތީ ހުއްޓިފައި
-
ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މިދިޔަ އެޕްރީލް މަހު އައްޔަންކޮށްފައި