އަބްދުﷲ ހަމީދު (ވ) އަދި މުހައްމަދު ސަލީމް (ކ): މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސަށް ލަފާދޭން ޖޭއެސްސީން ވަނީ ފާސްކޮށްފައި

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަންކުރަން ލަފާ ދޭން ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް 12 ބޭފުޅަކާ އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީން އެންމެ ގިނަ މާކްސް ދިނީ އަބްދުﷲ ހަމީދާއި މުހައްމަދު ސަލީމަށް

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މި މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ.

ހުސްވި ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ތަފްސީލް - ޖޭއެސްސީން އެ 12 ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެންމެ ގިނަ މާކްސް ދިނީ އަބްދުﷲ ހަމީދާއި މުހައްމަދު ސަލީމަށެވެ. މާކްސް ދިން ގޮތުގެ ތަފުސީލެއް ނުލިބެ އެވެ.

ހަމީދާއި މުހައްމަދު ސަލީމްގެ ނަން ރައީސް އޮފީހަށް ފޮނުވުމަށް، ކޮމިޝަނުން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ ފާސްކޮށްފަ އެވެ.

އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ އިޖުރާއަތްތަކަކީ:

  • ކުރިމަތިލާ މީހުންނާ ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން

  • ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުން

  • މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ

ފަަސްމަންޒަރު - ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އަޒްމިރާލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރީ، އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމުމުންނެވެ. އަދި:

  •  އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމީ، ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަން ފެށީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައި ވަނިކޮށް

  • އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރި

  • އެއާ އެކު، ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ސުއޫދު އިސްތިއުފާ ދެއްވި. ސަރުކާރުން އެ ތުހުމަތު ދޮގުކުރޭ

  • މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް؛ އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ މިހާރު އޮތީ ހުއްޓިފައި

  • ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މިދިޔަ އެޕްރީލް މަހު އައްޔަންކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް