ރައީސް މުހައްމަދު މުއިއްޒު ބިލެއް ތަސްދީގު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

މިއަދުން ފެށިގެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފި

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރި ނަމަވެސް، ޑުއަލް ސިޓިޒަންޝިޕް އޮންނަ އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުމުގެ ހުރަހެއް ނޯންނާނެ

ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން މިއަދުން ފެށިގެން އިޒުރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަން މަނާކޮށްފައި މި ވަނީ، މީގެ ދެ ގަޑިއެއްހާއިރު ކުރިން ރައްޔިތުން މަޖިލީހުން ފާސްކުރި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ދާދި ދެންމެއަކު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

ތަފްސީލް - ސަރުކާރުގެ ގެޒެޓްގައި މިހާރު ޝާއިއުކޮށްފައިވާ އެ އިސްލާހުގައިވާ ގޮތުން ރައީސް ތަސްދީގު ކުރެއްވުމާ އެކު ހަމަ ވަގުތުން އެ އިސްލާހަށް އަމަލުކުރުން ފެށުނީ އެވެ. އެހެންކަމުން:

  • މިއަދުން ފެށިގެން އިޒްރޭލްގެ ޕާސްޕޯޓްގައި އަންނަ މީހަކަށް ރާއްޖޭގެ ބޯޑަރުން އެތެރެވުމަކީ މަނާކަމެއް

ރައީސް މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވިކަން ހާމަކޮށް، ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިކޮށްފައިވާ ހަބަރުގައި ބުނިގޮތުގައި:

  • އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުން 

  • ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަޝްރަހުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންކަން ރައީސް އޮފީހުން ފާހަގަކުރި 

އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް މުއިއްޒު މީގެ ކުރިން ވެސް ވަނީ ގޮވާލައްވައިފަ އެވެ. 

އެނގުން މުހިންމު - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރާ ގޮތަށް އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، މީގެ އަހަރެއްހާ ދުވަސް ކުރިން މިދިޔަ މެއި މަހު އެވެ.

އެ ބިލު ހުށަހެޅިފަހުން ކެބިނެޓުން ވެސް އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ނިންމާފައިވެ އެވެ.

މީކާއީލް ހުށަހެޅުއްވި ބިލްގައި ވަނީ: 

  • އިޒްރޭލް މީހުންނާއި އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެެރެވުން މަނާ ކުރާ ގޮތަށް ހެދުމަށް

  • ނަމަވެސް ކޮމިޓީ މަރުހަލާގައި އިމިގްރޭޝަނުން ބުނެފައި ވަނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ކަށަވަރު ކުރެވޭނެ ގޮތެއް އެ އިދާރާގައި ނެތް ކަމަށް؛ އެހެންވެ އިމިހްރޭޝަނުން އެދުނީ ހަމައެކަނި އިޒްރޭލް ޕާސްޕޯޓްގައި އަންނަ މީހުން އެކަނި މަނާ ކުރުމަށް

އިމިގްރޭޝަންގެ ލަފައާ އެކު އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ނުކޮށް، ހަމައެކަނި އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުން މަނާ ކުރާ ގޮތަށެވެ. އެކަމާ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެމްޑީޕީގެ މެންބަރުންގެ ވެސް ވޯޓާއެކު 83 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް (1)

ތެފައާސާ.

15 އޭޕްރީލު 2025
"..... ޕީއެންސީ މެޖޯރިޓީ އޮންނަ މަޖިލީހުން މި ބިލު ފާސްކުރީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް ބިލް ހުށަހެޅި އިރު އޮތް ނަމަވެސް ފާސްކުރީ އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް އެއީ އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް މީހަކަށްވާ ނަމަ އެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވެވޭ ގޮތަށެވެ.... "
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް