މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހު (ކ) ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީއެންސީ)

މެންބަރު ފަލާހު

އެމްޑީޕީއަށް ބާރު ލިބިއްޖެ ނަމަ އިޒްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާނެ: ފަލާހު

ފަލާހު ވިދާޅުވި ގޮތުގައި، އެމްޑީޕީން އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ހުށަހެޅީ މި ސަރުކާރަށް އެކަން ކުރަން ނުކެރޭނެ ކަމަށް ހީކޮށް

އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅީ އެއްވެސް ކަހަލަ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށާއި އެ ޕާޓީއަށް ބާރު ލިބިއްޖެ ނަމަ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުން އުވާލާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރާ ގޮތަށް މީގެ އަހަރެއްހާ ދުވަސް ކުރިން އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެއްޅުއްވި ބިލަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިއްޔެ ބަދަލެއް ގެނެސް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

ތަފްސީލު - ބިލު ފާސް ކުރުމަށް ވޯޓަށް އެހުމުގެ ކުރިން ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ފަލާހު ވަނީ އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އެމްޑީޕީގެ ވެރިކަން 2023ގައި ނިމުނުއިރު ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާނުކޮށް އޮތީ އެ ޕާޓީގައި އެއްވެސް ކަހަލަ ހެޔޮ ނިޔަތެއް އަދި އިހްލާސްތެރިކަމެއް ނެތުމުން

  • އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ކެރުނީ މި ސަރުކާރަށް 

  • އޭގެ ހައްގު ޝުކުރު ރައީސް މުހައްމަދު މުއިއްޒުއަށް އަދާ ކުރަން ޖެހޭ ކަމަށް؛ މިއީ މިދިޔަ ވެރިކަންތަކުގައި ވެސް އެއްވެސް ވެރިއަކަށް ކުރަން ނުކެރުނު ކަމެއް

"ހިތާމައަކީ މާދަމާ އެމްޑީޕީއަށް ބާރެއް ލިބުނަސް އިޒްރޭލް ރައްޔިތުންނަށް މި ގައުމަށް އަންނަން ފުރުސަތު ލިބޭނެ. އެ ބޭފުޅުންނަށް މަޖިލީހުގެ ބާރު ލިބިއްޖިއްޔާ މަޖިލިސް މެދުވެރިކޮށް [ނުވަތަ] އެ ބޭފުޅުންގެ ސަރުކާރެއް އޮވެއްޖިއްޔާ ސަރުކާރު މެދުވެރިކޮށް އެ ދުވަކީ އިޒްރޭލް ރައްޔިތުންނަށް އަނެއްކާވެސް މި ގައުމުގެ ބީޗުތަކާއި މޫދު ތަންތަނުގައި ފަތަން ފުރުސަތު ލިބޭ ދުވަސް،" ފަލާހު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ފަލާހު ވިދާޅުވި ގޮތުގައި، ކޮމިޓީން މި ބިލުގެ މަސައްކަތްކޮށްފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު އެވެ. އެ މަޝްވަރާއަށް އެމްޑީޕީއަށް ތަކުރާރުކޮށް ދައުވަތު ދިން ނަމަވެސް އެ ޕާޓީން ކޮމިޓީއަށް އައިސްފައި ނުވާކަން ފަލާހު ފާހަގަކުރެއްވި އެވެ.

"ނުކުރެނު، ހުމާ ރަޖާ ލާފައި ތިބީ. ކީއްތޯ ވަނީ 241 ކޮމިޓީގައި ލައިވްކޮށް އައިސް ތިމަންނަމެންނަށް ފެނެއޭ ތި މަނާ ކުރަން. އެއިން ބޭފުޅަކު ލޯ ވެސް ދިއްކޮށްނުލި. ސިޓީ ލިބުނު ކަމަށް ވެސް ނުހެދި. ހަތަރު، ފަސް ފަހަރަށް ސިޓީ ފޮނުވި،" އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި، ޕީއެންސީން މިކަން ކުރަން ނިންމީ ހެޔޮ ނިޔަތް އޮވެގެންނެވެ. އެމްޑީޕީން އެ ބިލު ހުށަހެޅީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެމްޑީޕީން މި ބިލު ހުށަހެޅީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ނިޔަތެއްގައެއް ނޫން. އެ ހުށަހެޅުއްވި މެންބަރު [މީކާއިލް] ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ، އަޅުގަނޑުމެން މިކަމެއް ނުކުރާނެއޭ، ކޮށްފި ނަމަ މި ގައުމުގެ އިގްތިސޯދު ފުނޑުފުނޑުވާނެއޭ، މި ގައުމުގެ ބަޑަށް ޖެހޭނެއޭ، އެެހެންވީމަ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ލިބެނޭއޭ. އެއީ އެމްޑީޕީގެ ނިޔަތް،" ފަލާހު ވިދާޅުވި އެވެ.

ފަލަސްތީނު ފަދަ މުސްލިމް އަހުންނާއި އުހުންތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ލިބެމުންދާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ބަލަން ނުތިބޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. މި ނިންމުމުގެ ސަބަބުން ގައުމު "ބަޑަށް ޖެހުނަސް" ފަރުވާލެއް ނެތް ކަމަށާއި އެކަން މިއަދު ދައްކައިދީފައިވާކަން ފަލާހު ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - ބަހުސް މަރުހަލާގައި އެމްޑީޕީ މެންބަރުން ވަނީ ބިލު ކޮމިޓީން ފާސްކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް 83 މެންބަރުންގެ އިއްތިފާގުން ބިލު ފާސްކުރީ އެމްޑީޕީގެ މެންބަރުންގެ ވޯޓާ ވެސް އެކު އެވެ.

ކޮމެންޓް (1)

ހިނާން

15 އޭޕްރީލު 2025
މުސްލިމުން ކިހިނެއް އެއްބައިވާނީ. މީ ދިވެހިރާއްޖޭގެ ހާލަތު އެންމެން ވޯޓުދީގެން ފާސްކުރި ބިލެއް. ފާސްނުކޮށް 305 ދުވަހު ބޭއްވުމަށްފަހު ސިޔާސީ ގެއްލުން ބޮޑުކަމުން ކުރިކަމަކާ ވ ވައްތަރު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް