މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކްވަނީ (ފޮޓޯ/ މަޖިލިސް)

އިޒްރޭލް ޕާސްޕޯޓު މަނާ ކުރާ ބިލު ކޮމިޓީން ފާސްކުރީ މަގްސަދު ގެއްލޭ ގޮތަށް: މީކާއިލް

ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީ މަރުހަލާގައި ބޭއްވުމަށް ފަހު، ބިލު އަވަސް އަރުވާލައިގެން ފާސްކޮށްފައިވަނީ 'ކުރިމަތިވި ޕްރެޝަރަށް ހީލަތްތެރިކަމާ އެކު' ކަަމަށް މީކާއިލް ވިދާޅުވި

އިޒްރޭލް ޕާސްޕޯޓު މަނާ ކުރާ ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ، އޭގެ މަގްސަދު ގެއްލޭ ގޮތަށް ކަމަށް، އެ ބިލު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ގަތުލުއާންމުގެ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ހަދަން މީގެ އަހަރެއްހާ ދުވަސް ކުރިން މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ނިންމައި ކޮމިޓީން ވަނީ އިއްޔެ ބަދަލުތަކާ އެކު ފާސްކޮށްފަ އެވެ. މިއަދުގެ ޖަލްސާގައި އެ ބިލު ތަޅުމަށް ގެނެސް ބަހުސް ވަނީ ފަށާފަ އެވެ.

ތަފްސީލު - ކޮމިޓީން ފާސްކުރި ބިލަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެ ބިލު "308 ދުވަސް ވަންދެން ހިރަފުސް އަރަން" ބޭއްވުމަށް ފަހު، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިއްޔެ ބިލު ފާސްކޮށްފައިވަނީ އެ ބިލު ހުށަހެޅި މަގްސަދާ މުޅިން ހިލާފަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ:

  • ބިލު ހުށަހެޅި އިރު، އިޒްރޭލް މީހުންނާއި އެ ގައުމުގެ ރައްޔިތުންގެ ތެރެއިން އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ވެސް ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ހިމަނާފައިވާނެ

  • ނަމަވެސް ކޮމިޓީން ބިލު ފާސްކޮށްށްފައި ވަނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލް މީހުންނަށް ރާއްޖެ އާދެވޭނެ ގޮތަށް

"އަޅުގަނޑުމެންނަށް މި ފެންނަނީ މި ބިލު ހުށަހެޅި މަގްސަދާ މުޅިން ހިލާފަށް، ބިލު މުޅިން އޮޅާލުމަށް ފަހު، ކުރިމަތިވަމުންދާ ޕްރެޝަރަށް ނެއްޓެން ވެގެން އަވަސް އަރުވާލައިގެން ބިލު ފާސްކުރާ ތަން،" މީކާއިލް ވިދާޅުވި އެވެ.

ކޮމިޓީން ބިލު ފާސްކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މިހާރު ބިލު އެ އޮތީ "ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫން" ކަމަށެވެ. އެކަން އޭނާ ސިފަ ކުރެއްވީ "ހީލަތްތެރިކަމާއި ދެ ފުށް ދެ ގޮތް" ކަމުގެ މިސާލެއްގެ ގޮތުގަ އެވެ.

"ކޮމިޓީ ރިޕޯޓުގައި މި ބުނަނީ އިޒްރޭލް ރައްޔިތުންނަށް މަރުހަބާއޭ، އަންނާށޭ. އެކަމަކު އަންނަން ވާނީ، ތިބޭފުޅުން ގެންގުޅުއްވާ އަނެއް ޕާސްޕޯޓުގައި ރާއްޖެ އެތެރެވިޔަސް އަޅުގަނޑުމެންނަށް އެންމެ ރަނގަޅޭ،" މީކާއިލް ވިދާޅުވި އެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، އިޒްރޭލް ޕާސްޕޯޓު މަނާ ކުރަނީ ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަކަށް އަންނަންދެނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނެތުމުން އެކަމާ ވެސް މީކާއިލް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"އަޅުގަނޑުގެ ސުވާލަކީ މި ލާއިންސާނީ ހަމަލާތައް ހުއްޓާލައިފިތޯ ކަނޑައަޅާނީ ކޮން މުއައްސަސާއަކުންތޯ؟ މި ބިލުގައި ލިޔަންވީ ނޫންތޯ، އެއީ އދ.ތޯ، ކެބިނެޓްތޯ، ނުނީ އެހެން ވެސް ފަރާތެއްތޯ،" މީކާއިލް ސުވާލު އުފެއްދެވި އެވެ.

ފާހަަގަކޮށްލެވޭ ކަމެއް -  އިމިގްރޭޝަނުން ކޮމިޓީގައި ބުނެފައި ވަނީ، ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ވަނުން މަނާ ކުރުމަކީ އެ އިދާރާއަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ:

  • ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުގައި އެ ފަރާތެއްގެ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ އެ ފަރާތަކުން ރާއްޖެ އެތެރެވުމަށްޓަކައި އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓަށް

  • ޑުއަލް ސިޓިޒަންޝިޕް ލިބިފައިވާ ފަރާތެއްކަން އިމިގްރޭޝަނަށް ކަށަވަރު ކުރެވޭކަށް ނެތް

އެހެންވެ، އިމިގްރޭޝަނުން އެ ބިލު އިސްލާހު ކުރަން އެދުނީ ހަމައެކަނި އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ހެދުމަށެވެ.

ކޮމެންޓް (3)

އިބްރާހިމް Avatar

އިބްރާހިމް

15 އޭޕްރީލު 2025
އިޒުރޭލުގައި ގިނަވާނީ ޑުއަލް ސިޓިޒެންޝިޕް މީހުން.. އާންމު ޗުއްޓީ ހޭދަ ކުރަން ގައުމުތަކަށް ދަތުރު ކުރާ މީހުން އަތުގައި އޮންނާނެ ދެ ޕާރސްޕޯރޓް.. ގިނަވާނީ ޖަރުމަނު ވިލާތާއި ، ހަންގޭރީ ފަދަ ގައުމުތަކުން ޑުއަލް ސިޓިޒެންޝިޕު ނަގައިފައި ތިބޭ މީހުން..
0 0

ހަސަން12343

15 އޭޕްރީލު 2025
ޓްރަޕް މިހާރު އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކޮއްގެން ޔުނިވާރސިޓީގެ ބަޖެޓު ކަޑާލައިގެން އެ އުޅެނީ ، އެމެރިކާ ބެކަޕް ކުރާ ގައުމެއް އިޒްރޭލަކީ އަޅުގަނޑުމެން އެމީހުންގެ ޕާސްޕޯރޓް ބޭން ކޮއްގެން ލިބިދާނެ ގެއްލުމެއްވެސް އެސެސްކުރަން ޖެހޭ ، މިވާހަކަ ދުނިޔޭގެ ފަލަ ސުރުހީއަށް އަރައިގެން ބޮއިކޮޓް ރާއްޖެ ހެދީމަ ދެންވާނެ ގެއްލުން ބަލަންޖެހޭ !
0 0

ހުސްނުހީނާ

15 އޭޕްރީލު 2025
@ހަސަން12343 ބަޑަކަށް ނުޖެހޭނެ ވަށަފަރު ގައި ރުއްގަސް ހުއްޓައެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް