ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241) ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ހަމާލާތައް ހުއްޓެންދެން އިޒްެރޭލް ޕާސްޕޯޓުގައި އަންނަ މީހުން ރާއްޖެ އެތެރެވުން މަނާ ކުރަން ކޮމިޓީން ފާސްކޮށްފި

އޭގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލު މީހުން ނުހިމެނޭ: އިޒްރޭލްގެ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ބިލުގައި އޮތް ނަމަވެސް އިމިގްރޭޝަނުން ބުނީ އެއީ ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށް

ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓެާލަންދެން އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އިޒްރޭލުން ދެމުންދާ އަނިޔާވެރި ގަތުލުއާންމުގެ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުން ރާއްޖެ އެތެެރެވުން މަނާ ކުރާ ގޮތަށް ހަދަން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރަން މީގެ އަހަރެއްހާ ދުވަސް ކުރިން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލުގެ މަސައްކަތް މިއަދު ބޭއްވި ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާލާފަ އެވެ.

ތަފްސީލު - މިއަދު މެންދުރުފަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީގެ ނައިބު ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އަމިއްލަ ގޮތުން ހުށަހަޅުއްވާ ހުށަހެޅުމެއް ކަމަށް ވިދާޅުވެ ޝާހިދުގެ ހުށަހެޅުމުގައި އޮތީ:

  • "7 އޮކްޓޯބަރު 2023އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާކަމެއް"ގެ ގޮތުގައި ކަނޑައެޅުމަށް

ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލް ތާއީދު ކުރެއްވި އެ ހުށަހެޅުން ކޮމިޓީން ފާސްވީ، ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެނގުން މުހިންމު - އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މި ބިލު ހުށަހެޅުއްވިއިރު އޮތީ އިޒްރޭލް ޕާސްޕޯޓުގެ އިތުރުން އެ ގައުމުގެ ރައްޔިތުންގެ ތެރެއިން އެހެން ގައުމެއްގެ ރައްޔިތުކަން ނުވަތަ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ހެދުމަށެވެ.

އިމިގްރޭޝަނުން މި ބިލަށް ހުށަހެޅި އިސްލާހުގައި އެދިފައިވަނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްލޭލް މީހުންނަށް ރާއްޖެ އެތެރެވުން މަނާ ނުކުރުމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ބިލުގައި އޮތް ގޮތަށް ޑުއަލް ސިޓިޒަންޝިޕްގައި އަންނަ މީހުން ދެނެގަތުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށް ބުނެފައިވެ އެވެ.

ކޮމިޓީގެ މެންބަރު ޝާހިދު ހުށަހެޅުއްވީ ވެސް އިމިގްރޭޝަނުން އެދުނު ގޮތަށް ހަމައެކަނި އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް އެތެރެވުން މަނާ ކުރާ ގޮތަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް