އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު ފަސީހް. (ފޮޓޯ/ އިމިގްރޭޝަން)

އިމިގްރޭޝަން

އިމިގްރޭޝަނުން އެދުނީ އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އިޒްރޭލު މީހުން ވަނުން މަނާ ނުކުރަން

އެގޮތަށް އެދުނު ސަބަބެއް ކަމަށް އޮތީ މީހެއްގެ އަތުގައި ޑުއަލް ސިޓިޒަންޝިޕް އޮތަސް އެކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތުމުން ކަމަށް އިމިގްރޭޝަނުން ބުނި

އިޒްރޭލު މީހުންގެ ތެރެއިން އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާ ނުކުރަން އިމިގްރޭޝަނުން މަޖިލީހުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހުއްޓުމެއް ނެތި ހިންގަމުންދާ އަނިޔާވެރި ގަތުލުއާންމުގެ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލް މީހުންނާއި އެ ގައުމުގެ މީހުންގެ ތެރެއިން އެހެން ޕާސްޕޯޓު އޮންނަ މީހުން ވެސް ރާއްޖެ އެތެރެވުން މަނާ ކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް އޮތީ އިސްލާހު ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިދިޔަ އަހަރު މެއި މަހު ހުށަހެޅި އެ ބިލަށް އިމިގްރޭޝަނުން ފޮނުވާފައިވާ ހުށަހެޅުން، އެ ބިލު ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އިއްވާފަ އެވެ.

ތަފްސީލު - އިމިގްރޭޝަންގެ ހުށަހެޅުމުގައި ބުނީ، އިޒްރޭލު މީހުންގެ ތެރެއިން އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލް މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާކުރުމަށް އޮތް ނަމަވެސް، އެއީ އެ އިދާރާއަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ:

  • ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުގައި އެ ފަރާތެއްގެ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ އެ ފަރާތަކުން ރާއްޖެ އެތެރެވުމަށްޓަކައި އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓަށް

  • ޑުއަލް ސިޓިޒަންޝިޕް ލިބިފައިވާ ފަރާތެއްކަން އިމިގްރޭޝަނަށް ކަށަވަރު ކުރެވޭކަށް ނެތް

އެހެންވެ، އިމިގްރޭޝަނުން އެ ބިލު އިސްލާހު ކުރަން އެދުނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ހެދުމަށެވެ.

މިއަދު ހެނދުނު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިޒްރޭލު ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމަށް ޕީއެންސީގެ ޕީޖީގެ ނައިބު ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހަމައްދު ޝާހިދު ހުށަހެޅުއްވި އެވެ.

އިމިގްރޭޝަނުން ފޮނުވާފައިވާ އިސްލާހު އަދި މެންބަރު ޝާހިދުގެ ހުށަހެޅުމާ ގުޅޭ ގޮތުން މައިކް އޮފްކޮށްލައިގެން ނުރަސްމީކޮށް މެންބަރުން 20އަކަށް މިނެޓު މަޝްވަރާ ކުރެއްވި އެވެ. އެހެންވެ، މިކަމުގައި މެންބަރުން ދެއްކެވި ވާހަކައެއް ނޭނގެ އެވެ.

މިއަދު ހެނދުނު ބޭއްވި ކޮމިޓީގެ ބައްދަލުވުން:

ނުރަސްމީ މަޝްވަރާއަށް ފަހު، ބައްދަލުވުމުގެ ރިޔާސަތުގެ އިންނެވި ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ބިލުގައި "ކުޑަ ތައާރަޒުވުމެއް އުޅޭތީވެ" އެކަމުގައި ބަންޑާރަނައިބުގެ ލަފައެއް ހޯދުމަށް ފަހު މިއަދު މެންދުރު ކޮމިޓީގެ އިތުރު ބައްދަލުމެއް ބާއްވާނެ ކަމަށެވެ. އެއީ ކޮން ކަހަލަ ތައާރަޒުވުމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އެ ކޮމިޓީގައި އަޅުގަނޑުމެން މީތި [ބިލުގެ މަސައްކަތް] ނިންމާލަން،" ބައްދަލުވުން ނިންމާލައްވަމުން ސަލީމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިޒްރޭލު ގިނަ މީހުންނަކީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނެވެ. އެހެންވެ، މި އިސްލާހު އިމިގްރޭޝަނުން އެދިފައިވާ ގޮތަށް ފާސްކޮށްފި ނަމަ، އިޒްރޭލުގެ ގިނަ މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުރަހެއް ނޯންނާނެ އެވެ.

އެމްޑީޕީން މި ބިލު ހުށަހެޅި ފަހުން، މިދިޔަ އަހަރު ޖޫންގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. 

ކޮމެންޓް (1)

ޙަސަބް

14 އޭޕްރީލު 2025
ދުނިޔޭގެ ކޮންމެ ޔަހޫދިއްޔަކު ބޭނުމިއްޔާ އިޒްރޭލް ޕާސްޕޯޓް ލިބޭ، އެހެންވީމަ ގިނަ ވާނީ އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލް މީހުން، އެހެން ވީމަ އެމީހުންނަށް ހުއްދަ ދެވުނީ. ދެން އެހެންވީމަ މާ ފަލަސްތީނު ވެގެން ނޫޅޭ. ހަގީގަތުގައި ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ގައުމަކުން ތިހެން ނަހަދާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް