ނޮވެމްބަރު 15، 2023: އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލައި، އަޑުއުފުލުމަށް އާންމުން މަޖިލިސް ކުރިމައްޗަށް އެއްވުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިޒްރޭލް

އިޒްރޭލް ޕާސްޕޯޓް މަނާކުރާ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފި

އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގޮވާލާ ދިވެހިން ދަނީ އިހުތިޖާޖުކޮށް، ސޯޝަލް މީޑިއާގައި އަޑު އުފުލަމުން
19 ނޮވެމްބަރު 2023

އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްތާ) މިއަދު ހުށަހެޅުއްވި މި ބިލުގައި އެދިފައިވަނީ:

  • އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން"ގެ ލިސްޓަށް 'އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވާ މީހުން' އިތުރުކުރަން

  • ގާނޫނު ފާސްވެ، ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފަށަން

އެނގުން މުހިއްމު - އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދެވޭނެ މީހުންނަކީ:

  • 1-

    ރާއްޖޭގައި ހުންނަ ދުވަސްވަރު ކެއިންބުއިމާއި ނިދުމުގެ ކަންކަން ހަމަޖެއްސޭނެގޮތެއް އޮތްކަން، ނުތަވަ އަދާކުރާނެ ވަޒީފާއެއް އޮތްކަން، ނުވަތަ އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމުގެ އެއްބަސްވުމެއް އޮތްކަން ސާބިތުކޮށްދެވެން ނެތް މީހުން

  • 2-

    އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން، ނުވަތަ އެނޫން ވެސް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން

  • 3-

    އެހެން ގައުމެއްގެ އަދުލު އިންސާފުން ފިލައިގެން އުޅޭ މީހުން

  • 4-

    ރާއްޖޭގެ އިޖްތިމާއީ ނުވަތަ ދީނީ އެއްބައިވަންތަ ކަމަށް އުނިކަން އަތުވެދާ ފަދަ ކަމެއް ކުރާ، ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ މީހުން

  • 5-

    ދިވެހި ދައުލަތާ އިދިކޮޅު ހަރަކާތްތައް ކުރާ ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ މީހުން

  • 6-

    ޓެރަރިސްޓް ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުން ހުރިކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓުންކަމަށް މައުލޫމާތު ލިބިފައިވާ މީހުން

  • 7-

    ގައުމުގެ ރައްކާތެރިކަމަށާއި ސަލާމަތަށް އުނިކަމެއް ފޯރުކޮށްފާނެކަމަށް ބެލެވޭ މީހުން

ތަފްސީލް - ބިލް ހުށަހެޅުއްވި މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި، މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ، އިޒްރޭލުން އެކި އިސްލާމީ ގައުމުތަކަށް އަދި ހާއްސަކޮށް ގައްޒާގެ ރައްޔިތުންނަށް ހަމަލާދީ، ގަތުލު އާންމެއް ހިންގަމުން ދާތާ މަހަކަށް ވުރެ ގިނަދުވަސް ވެފައިވާ އިރު، އެކަން ކުށްވެރިކޮށް އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް އެހީތެރިވުމެވެ.

އެގޮތުން، އޭނާ ގަބޫލުކުރައްވަނީ އަރަބި އެކި ގައުމުތަކުންނާއި ރާއްޖެ ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެކި ގައުމުތަކުން އިޒްރޭލުގެ ޕާސްޕޯޓުގައި އަންނަ މީހުން އެ ގައުމުތަކަށް އެތެރެވުން މަނާކުރުމަށް އެކި ފިޔަވަޅު އަޅާފައިވާތީ، އެކަން ނަމޫނާއަކަށް ބަލައިގެން ރާއްޖެއިން ވެސް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

ފާހަގަކޮށްލެވޭ - 7 އޮކްޓޯބަރުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން ގައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އުދުވާނާއި ގުޅިގެން ދިވެހިން ދަނީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އަޑުއުފުލުމުގެ އިތުރުން މަޖިލިސް ކުރިމަތީގައި ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ދަނީ ބާއްވަމުންނެވެ.

ރައްޔިތުންގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައި، އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓް މަނާކޮށް، އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެ ނުވެވޭނެ ގޮތް ހެދުމަށް ސަރުކާރަށް ލަފާ ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް