ނޮވެމްބަރު 15، 2023: އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވަލައި، މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު އަވަސް ކުރުމަށް އަޑުއުފުލުމަށް އާންމުން އެއްވުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ބަޖެޓުގެ ކުރިން އިޒްރޭލްގެ ގަރާރު އަވަސް ކުރަން ގޮވާލައި މަޖިލިސް ދޮށަށް
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރުގެ މަސައްކަތް ހުއްޓިިފައިވާތީ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އާންމުން މިއަދު މަޖިލިސް ދޮށަށް އެއްވެެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މުޅި މަސައްކަތް މިހާރު ހުސްކޮށްފައިވަނީ އަންނަ އަހަރުގެ ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓު ފާސް ކުރުމުގެ މަސައްކަތަށެވެ. މިއަދު ހެނދުނު 10 ޖެހިއިރު މަޖިލިސް ދޮށަށް އެއްވެ ތިބި އާންމުންގެ ގޮވާލުމަކީ، އެ މަސައްކަތް މަޑުޖައްސާލުމަށް ފަހު ވެސް އިޒްރޭލާ ގުޅޭ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.
ތަފްސީލު - އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް ހުއްޓުމެއް ނެތި ދެމުންދާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި މިދިޔަ މަހުގެ 16ގައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ، ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ މެންބަރު ސައުދު ހުސައިން އެވެ. އެ ގަރާރުގައި އޭނާ ގޮވާލައްވާފައި ވަނީ:
-
ބައިނަލްއަގުވާމީ މުޖްތަމައުގައި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަކާލާތު ކުރުމަށް
-
ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުންނާއި މުދާ އެތެރެ ކުރުން މަނާކުރުން
-
އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ، އެ ގުޅުންތައް ވަގުތުން މެދުކަނޑާލުން (އިޒްރޭލްއަކީ، ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމެއް ނޫން)
މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގެ މަސައްކަތްތައް މިދިޔަ މަހުން ފެށިގެން ހުއްޓިފައި އޮތުމުން، އިބްތިދާއީ ބަހުސް ފަށާފައިވާ އެ ގަރާރުގެ މަސައްކަތް ވެސް އޮތީ ކުރިއަށް ނުގޮހެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރުގެ މަސައްކަތް ހުއްޓިިފައިވާތީ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އާންމުން މިއަދު މަޖިލިސް ދޮށަށް އެއްވެެއްޖެ.
— Dhauru (@Dhaurunews) November 15, 2023
އިތުރަށް ކިޔާލަން:… pic.twitter.com/4bA5aBCVQQ
މަޖިލިސް އިދާރާ ކައިރިއަށް އެއްވެ ތިބި އާންމުން ގޮވާލަމުންދަނީ، ވީހާ ވެސް އަވަހަކަށް އެ ގަރާރު ފާސް ކުރުމަށެވެ. އެގޮތުން، އެ މީހުންގެ ޑިމާންޑްތަކަކީ:
-
އިޒްރޭލުގެ މުދަލާއި ރައްޔިތުންނަށް ރާއްޖެއަށް އެތެރެ ނުވެވޭނެ ގޮތް ހެދުމަށް
-
ޒަޔަނިސްޓުންނަށް ތާއީދުކޮށް، ވާހަކަ ދެއްކުމަކީ ގާނޫނީ ކުށަކަށް ހެދުމަށް
މިއަދަކީ މި ހަފްތާގައި މަޖިލިސް ބާއްވާނެ ފަހު ދުވަހެވެ. ބައެއް ބައިވެރިން ގޮވާލާފައިވަނީ، މިއަދުން މިއަދަށް އެ މީހުންގެ ޑިމާންޑްތަކާ ގުޅޭ ގޮތުން ގޮތެއް ނިންމައި އެ ގަރާރު ފާސް ކުރުމަށެވެ.
"މިއީ ހުރިހާ ދިވެހި ރައްޔިތުން އެއްބަސްވާ ޑިމާންޑްތަކެއް. މިކަމާ ދެކޮޅު ހަދާނެ މެންބަރަކު ނޫޅޭނެ މަޖިލިސްގައި މިއަދުން މިއަދަށް ވެސް މިކަމާ ގޮތެއް ނިންމަން ޖެހޭ،" މުޒާހަރާގެ އެންމެ ކުރީ ސަފުގައި ހުރި މުޖުތަބާ މުހައްމަދު 'ދައުރު'އަށް ބުންޏެވެ.
މަޖިލިސް ކައިރީގައި އާންމުން މުޒާހަރާ ކުރަމުން ދާއިރު، އެ ގަރާރު ހުށަހެޅުއްވި މެންބަރު ސައުދު އާއި މަޖިލިީހުގެ އެހެން ބައެއް މެންބަރުން ވެސް ވަނީ، މުޒާހަރާގެ ބައިވެރިންގެ ކައިރިއަށް ގޮސް އެ މީހުންގެ ކަންބޮޑުވުންތައް އަޑުއަހާފަ އެވެ.
މަޖިލިސް އިދާރާގެ މައި ގޭޓު ހުންނަ މެދުޒިޔާރަތް މަގުގައި އާންމުން އަޑުއުފުލަމުން ދާއިރު، އެ މަގު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެ ސަރައްހަދުގައި، މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްކުރުމަށް ކޮންމެވެސް ވަރަކަށް ފުލުހުން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
-
އިތުރަށް ކިޔާލަން - އިޒްރޭލުގެ ފަތުރުވެރިންނާއި މުދާ ވެސް މަނާކުރަން ގޮވާލައިފި
ފަސްމަންޒަރު - މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން މެދުކެނޑުމެއް ނެތި ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނެ އެވެ.