ފަލަސްތީނަށް ތާއީދުކޮށް މި މަހުގެ ކުރީކޮޅު މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އިޒްރޭލުގެ ފަތުރުވެރިންނާއި މުދާ ވެސް މަނާކުރަން މެމްބަރުން ގޮވާލައްވައިފި
އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހަދައި އެ ގައުމުގެ އުފެއްދުންތައް ވެސް ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަަހެޅުއްވި ގަރާރަށް ބަހުސް ކުރައްވާފަ އެވެ. އެ ގަރާރުގައި ސައުދު ވެސް ވަނީ މިއަަދު ބަހުސް ކުރެއްވި މެމްބަރުންނާ އެއްގޮތަށް އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަަޅަން ސަރުކާރަށް ގޮވާލައްވާފަ އެވެ.
ބުނީ ކީކޭ؟ - ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ރާއްޖޭގައި ހަނގުރާމައިގައި ބައިވެރިވެވޭނެ ގާބިލުކަމެއް ނެތް ނަމަވެސް، ރާއްޖެ އޮތީ ފަލަސްތީނާ އެކުކަން ދެއްކުމަށް ފިޔަވަޅުތަކެއް އެޅޭނެ ކަމަށެވެ. އެގޮތުން، ގަރާރާ އެއްގޮތަށް އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހަދައި އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެނުކުރެވޭ ގޮތް ހެދުމަށް އޭނާ ތާއީދުކުރެއްވި އެވެ.
"އިޒްރޭލުގެ ހަމަ އެއްވެސް ރައްޔިތަކަށް މި ހަނގުރާމަތައް މި ގޮތަށް ކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކަށް ނުބަލާ މިކަންކަން ހިންގާހާ ހިނދަކު ދިވެހިރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން ވަނުމަކީ އަޅުގަނޑުވެ ސް އެދޭ ކަމެއް ނޫން" މޫސާ ސިރާޖު ވިދާޅުވި އެވެ.
"އިޒްރޭލުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެކުރާ ނަމަ، އެކަން ވެސް ހުއްޓަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން."
ގަރާރަށް ބަހުސްކުރައްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ސިޔާސީ ލީޑަރުންނަށާއި ސަރުކާރަށް ގޮވާލެއްވީ، އެ ބޭފުޅެއްގެ ބާރުގެ ބޭނުންކުރައްވައިގެން އިޒްރޭލާ ދެކޮޅަަށް ފިޔަވަޅު އެޅުއްވުމަށެވެ. އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ރާއްޖެއަށް މާ ބޮޑު ގެއްލުމެއް ވާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"އަޅުގަނޑު މިއަދު ވެސް ގޮވާލަން، ރާއްޖޭގައި ތިބި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ސަރުކާރާ އަދި ސަރުކާރާ ދެކޮޅު ފަރާތްތަކުން ވެސް އެ ކަމުގައި އެޅޭނެ ފިޔަވަޅުތަކެއް ކުރެވޭނެ ކަންތައްތަކެއް އަމަލީ ގޮތުން ކުރުން،" ރާއީ ވިދާޅުވި އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވީ، އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ގާނޫނެއް ފަރުމާ ކުރުމަށެވެ. އެގޮތުން، އެ ގާނޫނުގައި ހިމެނުމަށް އޭނާ ހުށަހެޅުއްވި ބައެއް ކަންކަމަކީ:
-
ސަރުކާރުގެ އެއްވެސް މީހަކަށް އިޒްރޭލު ސަރުކާރުގެ އެއްވެސް އޮފިޝަލަކާ ނުވަތަ އެ ސަރުކާރާ ގުޅުން ހުރި މީހަކާ އެއްވެސް ކަހަލަ މަޝްވަރާއެއް ކުރުން މަނާ ކުރުން
-
އިޒްރޭލް ޕްރޮމޯޓް ކުރުން މަނާކުރުން
"އަޅުގަނޑުގެ ހުށަހެޅުމަކީ، މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެންނަށް މި މައްސަލައިގައި ހަގީގަތުގައި ގޮވާލުމާއި ކުށްވެރިކުރުމާއި ބަޔާން ނެރުމާއި އެހީ ދިނުމާއި އެބަކުރިއަށް ގެންދެވޭ، ހިނގާށޭ އަޅުގަނޑުމެން އެހެން ސްޓެޕަކަށް ދާން. ގާނޫނެއްގެ ސިފައިގައި އަޅުގަނޑުމެން ބޭނުންވާ ކަންތައް ތަންފީޒުކުރަން އަދި ތައާރަފް ކުރަން،" ޔާސިރު ވިދާޅުވި އެވެ.