މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

އިޒްެރޭލް މީހުން އައުން މަނާކުރަން ސަރުކާރަށް ލަފާ ދޭން ކޮމިޓީން ފާސްކޮށްފި

މި ގޮތަށް ފާސްވީ ކޮމިޓީގައި ތިއްބެވި ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ އަގުލަބިއްޔަތުން

އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓު މަނާކޮށް، އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެ ނުވެވޭނެ ގޮތް ހެދުމަށް ސަރުކާރަށް ލަފާ ދޭން، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓިން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ، އެގޮތަށް ގޮވާލައި އާންމުން މަޖިލިސް ކުރާ ގެ ކައިރިއަށް އެއްވެފައިވާ ދަނޑިވަޅެއްގައި މިއަދު ހެނދުނު ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ. އެ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ، މައްޗަންގޮޅި ދެކުނު ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު ހައިތަމް އެވެ.

ތަފްސީލު - އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް، ސިޓިީގައި ހައިތަމް ވިދާޅުވެފައި ވަނީ، އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ހައިތަމް: އޭނާ ވިދާޅުވީ އިޒްރޭލް ރައްޔިތުން ރާއްޖެއަށް އައުން މަނާކުރަން އޭނާއަށް ފެންނަަ ކަމަށް. (ފޮޓޯ/މަޖިލިސް)

ކުއްލި ގޮތަކަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ، ހައިތަމްގެ ސިޓީއަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

"އަޅުގަނޑަށް ފެންނަނީ، އިއްޒަތްތެރި މެންބަރު [ހައިތަމް] ހުށަހެޅުއްވި މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަަމަށް ގެނައުމަށް. އެއީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ ހާރިޖީ ކަންކަމާ ބެހޭ އެންމެހާ ކަންކަމާއި ސިޔާސަތު ކަނޑައަޅައި ހިންގުމަކީ ރައިސުލްޖުމްހޫރިއްޔާއަށް ދީފައިވާ މުތްލަގު ބާރެއް،" ކޮމިޓީގައި ވާހަކަދެއްކެވި، މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވި އެވެ.

އެ ކޮމިޓީގެ ކުރީގެ މުގައްރިރުކަން ވެސް ކުރެއްވި ޝަރީފް އެދިވަޑައިގެންނެވީ، މިކަމުގައި މަޖިލީހަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށެވެ. 

"އަޅުގަނޑު ވެސް ގަބޫލު ކުރާ ގޮތުގައި މި ސިޓީގައި ހިމެނޭ މައިގަނޑު މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ފޮނުވުމަކީ ޒިންމާދާރު ހާރިޖީ ކޮމިޓީއެއްގެ ހައިސިއްތުން ކުރަން އަދި މިފަދަ ހައްސާސް ބޮޑު ކަމެއް އައިމަ، އެންމެ ޒިންމާދާރު ގޮތްކަން،" ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެ ކޮމިޓީގައި ވިދާޅުވި އެވެ.

މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

އާ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ސައީދު ވެސް ވިދާޅުވި ގޮތުގައި، އިޒްރޭލް މީހުން އައުން މަނާ ކުރާ ގޮތަށް ހާރިޖީ ސިޔަތު ބަދަލު ކުރުމަކީ ކޮމިޓީއަށް ލިބިގެންވާ ބާރެއް ނޫނެވެ. އެހެންކަމުން، އޭނާ ވެސް އެދިވަޑައިގެންނެވީ، ޝަރީފް ވެސް ވިދާޅުވި ގޮތަށް މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.

ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލް ރައްޔިތުން ރާއްޖެއަށް އެތެރެވުމަށް ދިވެހިިން ނޭދޭ ކަމަށެވެ. އެހެންވެ، އޭނާ ދެއްވި ހިޔާލަކީ ވެސް، "ސިޓީގައި އޮތް ސިޔާސަތު ތަންފީޒުކޮށްދިނުމަށް އެދޭކަން އާ ރައިސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް" ކޮމިޓީން ނިންމުމަށެވެ.

އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު އަވަސް ކުރުމަށް އަޑުއުފުލުމަށް އާންމުން ބޭއްވި އެއްވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މެންބަރުންގެ ހިޔާލުތަކަށް ފަހު، ކޮމިޓީން ފާސްކޮށްފައި ވަނީ، އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަަށް ފެންނަ ކަމަށް ސަރުކާރަށް ލަފާ ދިނުމަށެވެ. އަދި ސިޓީއަކުން އެކަން ސަރުކާރާއި ރައީސްއަށް ދެންނެވުމަށެވެ.

އެގޮތަށް ފާސްވީ، ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވޯޓު ނުދެއްވަނީ ކޮން މެންބަރެއް ކަމެއް އަދި ސާފެއް ނޫނެވެ.

ކޮމެންޓް (3)

އަހައްމަދު

15 ނޮވެމްބަރު 2023
އިޒްރޭލް ޕާސްޕޯޓް ބޭނުންކުރާ ފަލަސްތީނު މީހުންވެސް އުޅޭ. އިޒްރޭލުގެ އާބާދީގެ 20% އެއީ. އެހެންވީމާ އެމީހުންނަށްވެސް ރާއްޖެ ނާދެވޭނެތާ! އިޒްރޭލުގެ މުދާ އެތެރެކުރުންވެސް ހުއްޓާލަން ޖެހޭ. އަދި ބޯއިކޮޓްވެސް ކުރުން މުހިންމު.
1 0

ޕުޓިން ޕްރޮޑިޖީ

15 ނޮވެމްބަރު 2023
އެމެރިކާވެސް ހިމަނާލަންވީނުން
2 0

ޕުޓިންގެ ދޮށީ ދަރިފުޅު

15 ނޮވެމްބަރު 2023
@ޕުޓިން ޕްރޮޑިޖީ އާނ، އެއީ މިކަމުގެ ބޮޑު ކުށްވެރިއަކީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް