ފ. މަގޫދޫ އެއާޕޯޓު މަޝްރޫއު ދައްކުވައިދޭ ފޮޓޯއެއް. (ފޮޓޯ/ފ. މަގޫދޫ ކައުންސިލް)
'މަގޫދޫ އެއާޕޯޓު ނާޅައި އެންމެ ހޮޅިއެއް ވެސް ގެންގޮސްގެން ނުވާނެ'
ފ. މަގޫދޫ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ކުރާ އެމްޓީސީސީ ސައިޓުން މަސައްކަތުގެ އަަޑެއްބަޑެއް ނީވެ އޮންނަތާ 2-3 މަސް ވެއްޖެ އެވެ. އެ ސައިޓުގައި ކުރިން މަސައްކަތް ކުރަމުންދިޔަ 500 ވަރަކަށް މުވައްޒަފުންގެ އަދަދު، ދެ ސުމެއް ކަނޑާލާފައި ފަހަކަށް މަދުވެއްޖެ އެވެ. ލޮރީތަކާއި ފާޑުފާޑުގެ މެޝިންތައް ގެންދަން ފަށައިފި އެވެ. އެ ރަށު ކައުންސިލާއި ރައްޔިތުންނަށް ވެސް މި ވާ ގޮތެއް ނޭނގެ އެވެ. އެންމެ ފަހުން ރައްޔިތުން ރުޅިގަދަވެގެން އިއްޔެ ނުކުތީ މުޒާހަރާއަށެވެ.
"އިއްޔެ އެމްޓީސީސީގެ އުފުއްޔެއް ކައިރި ކުރި ހިސާބުން މުޒާހަރާ ކުރަން ފެށީ،" މަގޫދޫ ކައުންސިލް މެމްބަރު މުހައްމަދު ސޮބީހު 'ދައުރު'އަށް ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއު
-
އެމްޓީސީސީއާ ހަވާލުކުރީ 19 އޮކްޓޫބަރު 2022ގައި
-
އެއީ 231 މިލިއަން ރުފިޔާގެ އަގަކަށް
-
ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި ނިންމަން
އެ މަޝްރޫއުގެ ދަށުން:
-
1،500 މީޓަރުގެ ރަންވޭއެއް ހަދާނެ؛ ފަހުން 1،800 މީޓަރަށް ބޮޑުކުރަން ނިންމި
-
އޭޕްރަން އަދި ޓެކްސީވޭ ހަދާނެ
-
ފަޔަ ޕެޑް އަދި ސާވިސް ރޯޑްގައި ތާރު އަޅާނެ
-
ޓާމިނަލް އިމާރާތެއް ބިނާކުރާނެ
-
ފަޔަ ބިލްޑިން، ފަޔަ ޕޮންޑް އަދި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކުރާނެ
-
ސެކިއުރިޓީ ޕޯސްޓްތަކާއި ސަލާމަތީ ވަސީލަތްތައް ގާއިމްކުރާނެ
-
އެއާޕޯޓުގެ ވަށައިގެން ފެންސު ޖަހާނެ
-
އެއަފީލްޑް ލައިޓިން ސިސްޓަމެއް ގާއިމްކުރާނެ
-
މޫސުމާ ބެހޭ އާލާތްތައް ހަރުކުރާނެ
-
ގްރައުންޑް ހެންޑްލިން ވަސީލަތްތައް ގާއިމުކުރުމުގެ
ރަންވޭ ބޮޑުކުރުމުގެ އިތުރުން ޖެޓު ޖެއްސޭ ގޮތަށް އެ އެއާޕޯޓުގެ ފެންވަރު މަތިކޮށް، ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓަލެއް ވެސް އެއާޕޯޓާ އެކު ތަރައްގީ ކުރާނެކަން 2023ގައި އޭރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާންކުރައްވާފަ އެވެ.
'މަޝްރޫއު ހުއްޓިފައި؛ އެއްވެސް ޖަވާބެއް ނެތް'
މި ސަރުކާރު އައި ފަހުން އެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތްއިރު، ސޮބީހު ވިދާޅުވީ އެއީ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތާ އިދިކޮޅު ކަމަށެވެ.
ސޮބީހު ވިދާޅުވީ ރައީސް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ބިލަތްދޫގައި މަގޫދޫ ކައުންސިލާ ބައްދަލުކުރައްވައި، ހިނގަމުންދިޔަ އެއްވެސް މަޝްރޫއެއް ނުހުއްޓައި ކުރިއަށްގެންގޮސް ނިންމާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"އެކަމަކު ރައީސްގެ އެ ބަސްފުޅާ މުޅިން އިދިކޮޅަށް، ކަންކަން ހިނގަމުންދާ މަންޒަރު މި ފެންނަނީ. ހުރިހާ މުވައްޒަފުން ގެންގޮސްފި. ސާމާނު ގެންދަނީ. އެހެންވެ ކައުންސިލުން މަސައްކަތް ކުރީ މި މަޝްރޫއުގައި ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ ބަލަން،" އޭނާ ވިދާޅުވި އެވެ.
މަޝްރޫއުގެ ކުރިމަގު އޮތް ގޮތާއި ސަރުކާރުގެ ސްޓޭންޑު އޮޅުންފިލުވަން ކައުންސިލުން 'ޓަކިނުޖަހާ ދޮރެއް' ނެތެވެ.
"އެމްޓީސީސީ، ހައުސިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، ރައީސް އޮފީސް، މި ތަންތަނަށް ސިޓީ ވެސް ފޮނުވިން. އެއްވެސް ޖަވާބެއް ނުލިބޭ. ގުޅީމަ ފޯނު ވެސް ނުނަގަނީ." އޭނާ ވިދާޅުވި އެވެ.
މިކަމުގެ ތެރޭގައި ކުރިން ވެސް ސުވާލު އުފެދޭ އިތުރު ކަމެއް އޮތެވެ: މަގޫދޫ އެއާޕޯޓު ނިމެން ކައިރިވެފައިވަނިކޮށް އެ ރަށާ އެންމެ އަށް ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމުމެވެ.
އެ ބަހުސްގެ އެއްކޮޅުގައި ކަންބޮޑުވުންތަކާ އެކު މަގޫދޫ އޮތްއިރު، ސަރުކާރުން ބުނެފައިވާ ގޮތުގައި ކައިރިކައިރީގައި ދެ އެއާޕޯޓު އޮތުމަކީ ގެއްލުންވާނެ ކަމެއް ނޫނެވެ.
ކައުންސިލާއި އާންމުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ސުވާލުކުރަން ގުޅި ނަމަވެސް އެމްޓީސީސީގެ މީޑިއާ އޮފިޝަލު ފޯނު ނުނަންގަވާތީ އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
އިތުރަށް ކިޔާލަން
'މަގޫދޫ އާއި ނިލަންދޫ އެއާޕޯޓު ކައިރީ އޮތުމުން ގެއްލުމެއް ނުވާނެ'
30 މޭ 2024
'އެއާޕޯޓް އަޅަން އޮތީ ނިލަންދޫގައި، ބަދަލުކުރީ ޖެއްސުމަށް'
1 އޭޕްރީލު 2024
ކައިރިކައިރީ ދެ އެއާޕޯޓު އަޅާތީ މަގޫދޫ ކައުންސިލުގެ ކަންބޮޑުވުން
25 ފެބްރުއަރީ 2024
މަގޫދޫ އެއާޕޯޓް ނިމެނިކޮށް، ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަނީ
4 ޖެނުއަރީ 2024
'މިތަނުން އެންމެ ހޮޅިއެއް ވެސް ގެންދަން ބޭނުމެއް ނޫން'
މަޝްރޫއުގެ ކުރިމަގާ ބެހޭގޮތުން ފޮނުވާ ސިޓީތަކާއި ކުރާ ފޯނުކޯލުތަކަށް ސަރުކާރާއި އެމްޓިސީސީގެ ޖަވާބެއް ނެތް ނަމަވެސް، މަގޫދޫ ރައްޔިތުން ރޭ މުޒާހަރާ ކުރަން ފެށުމާ އެކު ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދަށް އެމްޓީސީސީގެ ކޯލެއް ލިބުނެވެ.
"މަގޫދޫ ރައްޔިތުން އެއްވެސް މުދަލަކަށް ގެއްލުން ނުދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން. އެމީހުން (އެމްޓީސީސީއިން) ބުނީ އެއްވެސް ވެހިކަލެއް ގެންދަން ނޫޅެމޭ. އެމްޓީސީސީގެ އެހެން ސައިޓަކަށް ވަރަށް 'އާޖަންޓު'ކޮށް 100 ވަރަކަށް ދަގަނޑު ހޮޅި ބޭނުންވެގެންނޭ،" ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ރައްޔިތުން ތިބީ އެންމެ ހޮޅިއެއް ވެސް ގޭ ގޮތަކަށް ނޫނޭ. ދެން އެސްއޯ ފުލުހުން ގޮވައިގެން އެ ހޮޅިތައް ބަލާ އައުމަކީ ވަރަށް ދެރަ ކަމެކޭ."
ރައްޔިތުން އެގޮތަށް ތިބުމާ އެކު ވަހީދު ވިދާޅުވީ އެންމެ ފަސޭހައިން ހޮޅި ލިބޭ ތަނަކުން ހޮޅި ގަނެފައި، ކައުންސިލަށް ބިލު ކުރުމުން ފައިސާ ވެސް ދައްކައިދޭނެ ކަމަށް ވިދާޅުވި ކަމަށެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއުގެ ކުރިމަގު ނޭނގުމެއްގެ ތެރޭގައި އޮތް އިރު، ވަހީދު ވިދާޅުވީ އެއްވެސް މަސައްކަތެއް ނުކޮށް، އެ މަޝްރޫއު މުޅިން ހުއްޓިފައި އޮންނަތާ 2-3 މަސް ވެދާނެ ކަމަށެވެ.
"ދޭތެރެދޭތެރެއިން ލޮރީތަކާއި އެކްސްކެވޭޓަރުތައް ވެސް ގެންގޮސްފި. އަޅުގަނޑުމެން ހީކޮށްގެން ތިބީ އެމްޓީސީސީގެ ބައިވަރު މަސައްކަތު ސައިޓުތައް އޮންނާތީ އެހެން ތަނަކަށް ބޭނުންވެގެން ސާމާނު ގެންދަނީ ކަމަށް،" ވަހީދު ވިދާޅުވި އެވެ.
"ނަމަވެސް އެއްވެސް މަސައްކަތެއް ނުކޮށް އޮންނަތާ މިހާރު 2-3 މަސް ވެއްޖެ. ކުރިން 300 ވަރަކަށް މީހުން ތިބި މަސައްކަތު ސައިޓުގައި މިހާރު ތިބީ 5 ވަރަކަށް މީހުން."
ސޮބީހު ވިދާޅުވީ މިއީ ހަމައެކަނި މަގޫދޫ ރައްޔިތުންގެ ހައްގުތަކާ ގުޅިފައި އޮތް ކަމެއް ނޫން ކަމަށެވެ. ޕީއެސްއައިޕީ ބަޖެޓުން އެހާ ބޮޑު ހޭދައެއްކޮށް، މަޝްރޫއުގެ ކަމަށެވެ. ޕިއެސްއައިޕީ ބަޖެޓުން އެހާ ބޮޑު ހޭދައެއް ކޮށްގެން، ބޮޑުބައި ނިމިފައި އޮތް މަޝްރޫއެއް އޭނާ ވިދާޅުވީ ތާކުންތާކު ނުޖެހޭ ގޮތަށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
'މަޝްރޫއުގެ ކުރިމަގު އޮތް ގޮތް ބުނެދިނީމަ ނިމުނީ'
އެ މަޝްރޫއުގެ ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދިޔަ ނަމަ މި ސަރުކާރު އައުމުގެ 6 ވަރަކަށް މަސް ދުވަސް ކުރިން އެ މަޝްރޫއު އޮންނަން ވާނީ މުޅިން ނިމިފަ އެވެ.
ނަމަވެސް ސޮބީހު ވިދާޅުވި ގޮތުގައި އޭރު އެމްޓީސީސީއިން އެއްފަހަރާ ބައިވަރު މަޝްރޫއުތައް ކުރިއަށްގެންދާތީ މެޝިނަރީޒްގެ ދަތިކަމާއި އެ މަސައްކަތުގައި ބޭނުންކުރި ޑްރެޖަރު ހަލާކުވުން ފަދަ ކަންކަމާ ހުރެ މަޝްރޫއު ދިގުލައިގެންދިޔައީ އެވެ. އެހެން ނަމަވެސް މި ސަރުކާރު އައިއިރު އެ މަޝްރޫއުގެ ގާތްގަނޑަކަށް %80 މަސައްކަތް ނިމިފައި އޮތްކަން ފާހަގަކުރައްވައި ސޮބީހު ވިދާޅުވީ އޭރު:
-
ޓާމިނަލް އޮތީ އެއްކޮށް ހިޔާކޮށް ނިންމާފައި؛ ބާކީ ނުކުރެވި ހުރީ ޕާޓިޝަންތަކާއި މުށި ޖެހުމުގެ މަސައްކަތް އެކަނި
-
ފަޔާ ސްޓޭޝަންގެ %99 މަސައްކަތް ނިމިފައި؛ އިތުރަށް ހަމައެކަނި ކުރަން ޖެހޭ ކަމަކީ ލައިޓު ސުވިޗުތައް ހަރުކޮށްލުން
-
ބޭރު ބެޑުގެ 1،000 މީޓަރުގެ ސަރަހައްދެއްގައި ހޮޅި ޖަހައި ނިމިފައި
-
ރަށާ ވީ ފަޅީގައި ވެސް ހޮޅިތައް ހަރުކޮށްފައި
-
1،400 މީޓަރަށް އޭބީސީ ހިލަ އޮތީ އަޅާފައި
-
މުޅި މަޝްރޫއުގެ %80 - %85 ވަނީ ނިމިފައި
ނަމަވެސް އެމްޓީސީސީގެ ވެބްސައިޓުގައި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ މަޝްރޫއުގެ ނިމިފައިވަނީ %43 އެވެ. ސްޓޭޓަސް އަކީ 'އޮންގޮއިން' އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަންވޭ ބޮޑުކުރައްވަން އިއުލާން ކުރެއްވި ނަމަވެސް ޕްރޮޖެކްޓުގެ ސްކޯޕުގައި އަދިވެސް ރަންވޭގެ ދިގުމިނަށް އޮތީ 1،500 މީޓަރެވެ. އެ މަޝްރޫއުގެ މައުލޫމާތު ވެބްސައިޓަށް އެންމެ ފަހުން އަޕްޑޭޓުކުރީ އިއްޔެ އެވެ.
އެމްޓީސީސީއިން މަސައްކަތު ސައިޓުން ސާމާނު ގެންދަން ފެށިއިރު، ސޮބީހު ވިދާޅުވީ އަދިވެސް އެ މަޝްރޫއުގެ %99 ނިންމޭވަރަށް އެ ތަނުގައި ސާމާނު އެބަހުރި ކަމަށެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއު ކުރިއަށް ނުގޮސް އޮންނާތީ މީގެ ކުރިން ވެސް އެކިފަހަރު މަތިން އެ ރަށު ރައްޔިތުން މުޒާހަރާ ކުރި އެވެ. ކައުންސިލް ރައީސް ވަހީދު ވިދާޅުވީ ރައްޔިތުން ތިބީ ވަކި ކަމަކަށް ޑިމާންޑު ކޮށްގެން ކަމަށާއި ކައުންސިލުން އަބަދު ވެސް އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ.
"ރައްޔިތުންގެ ޑިމާންޑަކީ ކަމާބެހޭ ފަރާތްތަކުން ބުނެދޭށޭ މި މަޝްރޫއު އޮތް ގޮތް. ވަރަށް 'ސިމްޕަލް' ކަމެއް އެއީ. މަޝްރޫއު ކުރިއަށްގެންދަން ނެތިއްޔާ ނެތޭ، އޮތް ނަމަ އެކަން ކުރާނެ ގޮތުގެ ޕްލޭން ހިއްސާކުރީމަ ނިމުނީ."
ކޮމެންޓް (1)
މޯޑު10