ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ޖޭފޯ. ފޮޓޯ | މަޖިލިސް

ފުރަތަމަ އެއާޕޯޓް އަޅަން އޮތީ ނިލަންދޫގައި، މަގޫދުއަށް ބަދަލުކުރީ ޖެއްސުމަށް: ނިލަންދޫ މެމްބަރު

އޭނާ ގަބޫލުކުރައްވާ ގޮތުގައި ދައުލަތަށް ފައިދާ ވާނީ ނިލަންދޫގައި އެއާޕޯޓް އަޅައިގެން
1 އޭޕްރީލު 2024

އެއާޕޯޓު މަޝްރޫއު ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފ. ނިލަންދޫގައި އެ މަޝްރޫއު ކުރިއަށް ގެންދަން ތިން އަހަރު ބަޖެޓު ކުރުުމަށް ފަހު، ކުރީ ސަރުކާރުން އެއާޕޯޓް މަގޫދުއަށް ބަދަލުކޮށްފައިވަނީ ޖެއްސުމަށް ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - މިދިޔަ ސަރުކާރުން މަގޫދޫގައި ތަރައްގީކުރަން ފެށި އެއާޕޯޓްގެ މަސައްކަތް ނިމެން ކައިރިވެފައިވަނިކޮށް އެ ރަށާ ވަރަށް ގާތުގައި އޮންނަ ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންގޮސް، ނިލަންދޫގައި އެއާޕޯޓް އަޅާތީ މަގޫދޫ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މީހުން އަޑުއުފުލި ގޮތުގައި، މަގޫދުއާ ޖެހިގެން އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަނީ، ރައީސް މުއިއްްޒުގެ އެއްބަނޑު ކޮއްކޮ އެ ދާއިރާއަށް ކުރިމަތި ލައްވާތީ އެވެ.

ވީ ކިހިނެއް؟ - މަގޫދޫ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވަނިކޮށް މަޝްރޫއު ހުއްޓާލާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ބާރުތައް ގާނޫނާ ހިލާފަށް ބޭނުންކޮށް އަމިއްލަ އާއިލީ އަދި ސިޔާސީ މަންފާއަށް ކަމަށް ފެންނަން އޮތް ކަމަށް ބުނެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. މަގޫދޫ ނިސްބަތްވަނީ ހަލީމްގެ ދާއިރާއަށެވެ.

އެ މައްސަލައަށް ބަހުސް ކުރަން ފާސްވުމުން ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ނިލަންދޫ ދާއިރާގެ މެމްބަރު މުހުސިން ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއު ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ ނިލަންދޫގައި ކަމަށެވެ.

ބުނީ ކީކޭ؟ - "ދައުލަތުން މިކަހަލަ މަޝްރޫއުތައް ހިންގަންވާނީ ނިލަންދޫއަކަށް އަދި މަގޫދޫއަކަށް އަދި އެހެން ރަށަކަށް ބަލައިގެންނެއް ނޫން. ދައުލަތަށް އެންމެ ގެއްލުން ކުޑައީ، ދައުލަތަށް އެންމެ ނަފާ ވަނީ، ދައުލަތަށް އެންމެ ފައިދާ ބޮޑީ ކޮން ގޮތަކަށްތޯ ބަލައިގެން،" މުހުސިން ފާހަގަކުރެއްވި އެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވި ހަލީމްގެ ވާހަކައިގައި 'ޖެއްސުމަށް' މިކަހަލަ މަޝްރޫއުތައް ހިންގާ ކަން ފާހަގަކުރެއްވި ކަމަށް ވިދާޅުވެ، 'އެއީ ރަނގަޅު ވާހަކަ އެއް' ކަމަށް މުހުސިން ވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.

"ނިލަންދޫގައި ތިން އަހަރު ވަންދެން ބަޖެޓުކޮށްފައި އޮތް މަޝްރޫއެއް ބަދަލުކޮށް މަގޫދޫގައި އެ މަސައްކަތް ހިންގާފައިވާތީ އެކަން ހަމަ އަޅުގަނޑު އިއްޒަތްތެރި މެމްބަރު ހުށަހެޅުއްވި ގޮތަށް އެކަން ހަމަ ބަލައިގަންނަން، ގަބޫލުކުރަން." ހަލީމްގެ ވާހަކައަށް އިޝާރާތް ކުރައްވައި މުހުސިން ވިދާޅުވި އެވެ.

"ހަމަ ޖެއްސުމަށް މިކަހަލަ މަޝްރޫއުތައް ބަދަލުކުރާތީ އެއީ ވަރަށް ބޮޑު މައްސަލައެއް. މިކަމަށް އެބަ ޖެހޭ ގާނޫނުތައް ހެދިގެން ހުށަހެޅެން." މުހުސިން ފާހަގަކުރެއްވި ގޮތުގައި، އެކަމާ ގުޅޭ ބިލެއް ސަރުކާރުން މިހާރު ވެސް ވަނީ ހުށަހަޅާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • ނިލަންދޫގައި އަޅަން އޮތް އެއާޕޯޓް މަގޫދުއަށް ބަދަލުވެގެން ދިޔައީ ކިހިނެއް ކަން ވަރަށް ގިނަ ރައްޔިތުންނަށް އެނގޭ

  • މި އުސޫލުން ދައުލަތަށް ލިބޭ މަންފާއަށް ބެލުމެއް ނެތި މަޝްރޫއުތައް ހިންގުމުން ލިބޭ ގެއްލުން މިހާރު މިދަނީ ފެންނަމުން

"ފ. އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު ރަށަކީ ނިލަންދޫ. އެންމެ ބިން ބޮޑު ރަށަކީ ވެސް ނިލަންދޫ. ދައުލަތުގެ ހުރިހާ މުއައްސަސާތައް ވެސް އެހުރީ ނިލަންދޫގައި،" ދާއިރާގެ މެމްބަރު ވިދާޅުވީ، ފ. އަތޮޅުގައި އެއާޕޯޓެއް އަޅާ ނަމަ ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީ ނިލަންދޫގައި އެކަން ކޮށްގެން ކަމަށެވެ.

ދެރަށް އަޅާކިޔާ ކަމަށްވާ ނަމަ، މަގޫދޫގައި އެއާޕޯޓު އަޅައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތަށް މާ ހަރަދު ބޮޑުވާނެ ކަމަށް ވެސް މުހުސިން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މެމްބަރު މުހުސިން މިހެން ވިދާޅުވާ އިރު މަގޫދޫގައި ކުރިއަށްދާ އެއާޕޯޓުގެ މަސައްކަތުގެ %70 މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން:

  • ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމި ހިޔާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެ ރަށަށް ވަނީ ގެންގޮސްފައި

  • އެތެރޭގެ ރޭނުމާއި ތަޅުން އެޅުމުގެ މަސައްކަތް ވެސް ނިމިފައި. އިންޓީރިއާ ޑިޒައިން އަށް ބޭނުންވާ ސާމާނު އެ ރަށަށް ވަނީ ގެންގޮސްފައި

  • ފަޔާ ބިލްޑިންގެ %95 ނިމިފައި

  • ރަންވޭގެ 1،550 މީޓަރުގެ މަސައްކަތް ނިމި އޭބީސީ ފަށަލަ އަޅަން ތައްޔާރުވެފައި

  • ބިން ހިއްކުމުގެ %90 މަސައްކަތް ނިމިފައި

އެނގުން މުހިއްމު - މަގޫދޫ އަކީ ކުރީގައި ފ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. އަތޮޅުވެރިކަމާއި ސިއްހީ މަރުކަޒު ނިލަންދޫއަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. އެކަންތައްގަނޑު ތެރެއިން ހިނގި ހަމަނުޖެހުމުގައި ރަށުގެ 40 ވަރަކަށް މީހުން ޖަލަށް ވެސް ލި އެވެ.

މަގޫދޫގެ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު 'ދައުރު'އަށް ވިދާޅުވީ، އެއާޕޯޓު މައްސަލައިގައި އަނެއްކާ ވެސް އެކަހަލަ ކަމެއް ފެންނަނީ ކަމަށް ރައްޔިތުންނަށް ސިފަވެގެން ގޮސްފައިވާ ކަމަށެވެ. އަބަދުވެސް ތަރައްގީއާ ގުޅޭ ކަންކަމުގައި މަގޫދު އާއި ނިލަންދުއަކީ ވާދަވެރި ދެ ރަށެެވެ. އެއާޕޯޓު މަޝްރޫއަކާ އެކު މި ވާދަވެރިކަން އަނެއްކާ ވެސް ވަނީ ގަދަވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް