ފ. މަގޫދޫ އެއާޕޯޓު އަޅާ ސަރަހައްދު ހިއްކާފައި (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)
އެއާޕޯޓު މަޝްރޫއު ހުއްޓާލަފާނެތީ މަގޫދޫ ރައްޔިތުން އަޑުއުފުލައިފި
ފ. މަގޫދޫގައި އެއާޕޯޓެއް ބޭނުންވެގެން އެ ރަށު ކައުންސިލުން 2021 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހު އެވާހަކަ ދެންނެވި އެވެ. އޭގެ ފަހުން އޮކްޓޯބަރު 2022ގައި މަގޫދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އެވެ. އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ.
އެންމެ ފުރަތަމަ 1،500 މީޓަރުގެ ރަންވޭއެއް ހަދަން ނިންމި ނަމަވެސް، މޭ 2023ގައި ރައީސް ސޯލިހު ވަނީ ރަންވޭ 1،800 މީޓަރަށް ބޮޑުކުރަން ނިންމާ އެކަން އިއުލާނު ކުރައްވައިފަ އެވެ. އޭރު އިއުލާންކުރެއްވީ ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓަލެއް ވެސް އެއާޕޯޓާ އެކު ތަރައްގީ ކުރުމަށެވެ.
ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ދަނިކޮށް، ފިނޭންސް މިނިސްޓްރީއާ އެކު ރީޖަނަލް އެއާޕޯޓްސް އިން ހެދި އެއްބަސްވުމެއްގެ ދަށުން އެއާޕޯޓު ހިންގުމާ އެ ކުންފުނިން ހަވާލުވިކަން މިދިޔަ ނޮވެމްބަރުގައި ރީޖަނަލް އެއާޕޯޓްސްއިން ހާމަކުރި އެވެ. އޭރު އެ ކުންފުނިން ބުނެފައިވަނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ މި އަހަރުގެ ޖެނުއަރީގައި އެއާޕޯޓު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
ނަމަވެސް އެއާޕޯޓުގެ ބޮޑު ބައި ނިމިފައި ވިޔަސް އެއްކޮށް ނިންމައެއް ނުލެވެ އެވެ. ޓާމިނަލް އިމާރާތުގެ ސްޓްރަކްޗާ ނިމި ހުރީ ހިޔާކުރަން ވެފަ އެވެ. ރަންވޭގެ 1،500 މީޓަރު ތާރު އަޅަން ތައްޔާރުކޮށްފަ އެވެ. ފަޔާ ބިލްޑިންގެ މަސައްކަތް ވެސް އޭރު ހުރީ ނިމިފަ އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެގޮތަށް އޮއްވާ އެރަށާ ދާދި ގާތުގައި އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމާ އޭގެ ސާވޭކުރަން އެމްޓީސީސީއާ، އާ ސަރުކާރުން، 4 ޖެނުއަރީގައި ހަވާލުކުރި އެވެ.
މަގޫދޫގައި އެއާޕޯޓެއް ތަރައްގީ ކުރަމުން އަންނަ އިރު ނިލަންދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށަނީ ކޮން ގޮތަކަށް ބައްލަވައިގެންތޯ 'ދައުރު'ން އެ ދުވަހު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބުއާ ސުވާލު ކުރުމުން ވިދާޅުވީ، އެކަން ކުރިއަށް ގެންދަނީ، މިނިސްޓްރީގެ މެންޑޭޓުގެ ދަށުން މި އަހަރުގެ ބަޖެޓުގައި ހިމެނޭ އުމްރާނީ ތަރައްގީގެ މަޝްރޫއުއަކަށް ވާތީ ކަމަށެވެ.
މަގޫދު އާއި ނިލަންދުއާ ދެމެދު އޮންނަނީ ކަނޑު މަގުން އެންމެ 15 މިނެޓުގެ ދުރުމިންކަން މުއްތަލިބް ވެސް ފާހަގަކުރެއްވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ، އެއާޕޯޓު އަޅާނެ ތަންތަން ކަނޑައަޅަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ނޫން ކަމަށާއި، އެކަން ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
ނިލަންދޫ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ޕްލޭން ކޮށް، ކުރެހުންތައް ތައްޔާރުކޮށްފައި އޮތް މަޝްރޫއެއް
-
އެއާޕޯޓު އަޅާ ތަންތަން ކަނޑައަޅަނީ ޓޫރިޒަމް ތަރައްގީ ވަމުން އަންނަ އިރު އެކި ގޮތްގޮތަށް ބެލިގެން، ރައްޔިތުންނަށް ފައިދާވާ ގޮތަށް
ނިލަންދޫ އެއާޕޯޓަށް ބިން ހިއްކަން މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއާ އެކު ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މަޝްރޫއުތައް ކަނޑައަޅާ ރައީސް މުހައްމަދު މުއިއްޒު މިދިޔަ ބުދަދުވަހު އާންމު ކުރެއްވި ގަރާރުގައި ވެސް ޑޮމެސްޓިކް އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ނިލަންދޫ ވަނީ ހިމަނައިފަ އެވެ.
ނިލަންދޫ އެއާޕޯޓުގެ މަސައްކަތުގެ އަޑު ގަދަވެފައިވަނިކޮށް މަގޫދޫގައި އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު މިއަދު ވިދާޅުވި އެވެ.
ރަށުގެ ރައްޔިތުން ތިބީ އެކަމާ ކަންބޮޑުވެފަ އެވެ. އަދި މަސައްކަތް ހުއްޓާލާފައި އޮތް އޮތުމާ ދެކޮޅަށް އަޑު އުފުލަން ރަށުގެ ރައްޔިތުން ރޭ ވަނީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް އެއްވެފަ އެވެ.
މަގޫދޫ އެއާޕޯޓާ ގުޅޭ ކަންބޮޑުވުންތަކާ މެދު ވާހަކަ ދައްކަވަމުން ވަހީދު ފާހަގަކުރެއްވި ގޮތުގައި:
-
ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމި ހިޔާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެ ރަށަށް ވަނީ ގެންގޮސްފައި
-
އެތެރޭގެ ރޭނުމާއި ތަޅުން އެޅުމުގެ މަސައްކަތް ވެސް ނިމިފައި. އިންޓީރިއާ ޑިޒައިނިން އަށް ބޭނުންވާ ސާމާނު އެ ރަށަށް ވަނީ ގެންގޮސްފައި
-
ފަޔާ ބިލްޑިންގެ %95 ނިމިފައި
-
ރަންވޭގެ 1،550 މީޓަރުގެ މަސައްކަތް ނިމި އޭބީސީ ފަށަލަ އަޅަން ތައްޔާރުވެފައި
-
ބިން ހިއްކުމުގެ %90 މަސައްކަތް ނިމިފައި
ވަހީދު ވިދާޅުވީ އެއާޕޯޓާ އެކު އެއާޓެކްސީ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރަން ފަންޑު ވެސް ހަަމަޖެހިފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް ތިން ދުވަސްވަރު ވެއްޖެ އަމަލީ މަސައްކަތް ކުރުން ހުއްޓާލާފައި އޮންނަތާ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ވެސް ވަޒީފާއަށް ނަގާފައިވާ ކަމަށެވެ.
"އެ މުވައްޒަފުންނާ ބައްދަލުކުރި ފަޔާ ފައިޓިން ޓްރެއިނިންއަށް ދާން. ދުވަސް ވެސް ކަނޑައެޅި. ކަނޑައަޅާފައި އޮއްވާ ހުއްޓުނީ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތް ހުއްޓާލުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ކައުންސިލަށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައްޔިތުން ރޭ އިހުތިޖާޖަށް ނުކުތް ކަމަށާއި ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ވެސް ބޭއްވި ކަމަށް ވިދާޅުވި އެވެ.
"ކައުންސިލުން ނިންމީ ކައުންސިލުން އިސްނަގައިގެން ސުލްހަވެރިކޮށް ޝުއޫރު ފާޅުކުރުމަށް ނުކުންނަން. އެއާއެކީ ރޭގައި ރަށުގެ ހުރިހާ ރައްޔިތުން ނުކުތް،" އޭނާ ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓު މަސައްކަތް ކުރާ ސަރަހައްދުގައި ރޭ އެރަށު ރައްޔިތުން ވަނީ ހޮޅިން ގޭޓެއް ހަދައިފަ އެވެ. އެގޮތަށް ކަންތައް ކުރީ މަސައްކަތްކުރާ ސައިޓުގައި ހުރި ވެހިކަލްތައް ރަށުން ގެންދަން އުޅޭތީ ވެހިކަލްތައް ގެންދެވޭނީ ރައްޔިތުންގެ ހުއްދައާ އެކު ކަމަށް އިހުތިޖާޖުގައި ބައިވެރިވި ރައްޔިތުން ނިންމުމުން ކަމަށް ވަހީދު ވިދާޅުވި އެވެ.
"މަގޫދޫ ރައްޔިތުންނަކީ މާރާމާރީއަށް ހިތްވަރުދޭނެ ބައެއް ނޫން. އެހެން ނަމަވެސް މަގޫދޫ ރައްޔިތުންނަކީ މާޒީގައި ސަރުކާރަކުން ރައްޔިތަކަށް ދޭނެ އެންމެ ބޮޑު އެއް ލަނޑު [ލިބިފައި ތިބި މީހުން]،" ފ. އަތޮޅުގެ އަތޮޅުވެރިކަމާއި ސިއްހީ މަރުކަޒު އެ ރަށުން ނިލަންދުއަށް ބަދަލުކުރި ކުރުމަށް އިޝާރަތްކުރައްވާ ވަހީދު ވިދާޅުވި އެވެ.
އެކަންތައްގަނޑު ތެރެއިން ރަށުގެ 40 ވަރަކަށް މީހުން ޖަލަށް ވެސް ލި އެވެ.
"ރައްޔިތުންނަށް ސިފަވެގެން ދިޔައީ އަނެއްކާވެސް އެކަހަލަ ކަމެއް މި ފެންނަނީ ބާއޭ. ރައްޔިތުން އެހެންވެ މިއޮތީ އެމްޓީސީސީ ސައިޓު ބަންދުކޮށްފައި ހޮޅި ޖަހައިގެން. އެއްވެސް އެއްޗެއް ނުނެރެވޭ ގޮތަށް ސައިޓު ބަންދުކޮށްފި ރައްޔިތުން،" ވަހީދު ވިދާޅުވި އެވެ.
އެމްޓީސީސީގެ ފަރާތުން މާލޭ ކޮޅުން އެ މަސައްކަތް ބަލަހައްޓާ ޕްރޮޖެކްޓު ސުޕަވައިޒަރަކާ ހަވާލާދެއްވައި ވަހީދު ވިދާޅުވީ މަސައްކަތް ހުއްޓާލަން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަތާރުން އެމްޓީސީސީއަށް އަންގާފައެއް ނުވެ އެވެ.
އެ ޕްރޮޖެކްޓު ހުއްޓާލީތޯ ނުވަތަ އަދިވެސް ކުރިއަށް ގެންދާނީތޯ ސާފުކުރަން މިނިސްޓަރު މުއްތޮލިބަށް ގުޅުމުންނާއި މެސެޖަށް ޖަވާބު ނުދެއްވާތީ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.
އެމްޓީސީސީގެ ސީއީއޯ އާބްދުﷲ ޒިޔާދަށް ގުޅުމުން ވެސް އަދި މެސެޖު ކުރުމުން ވެސް ޖަވާބު ނުދެއްވާތީ އެ ކުންފުނީގެ ރަސްމީ ޖަވާބެއް ވެސް ނުލިބެ އެވެ.
އަބަދުވެސް ތަރައްގީއާ ގުޅޭ ކަންކަމުގައި މަގޫދު އާއި ނިލަންދުއަކީ ވާދަވެރި ދެ ރަށެެވެ. އެއާޕޯޓު މަޝްރޫއަކާ އެކު މި ވާދަވެރިކަން އަނެއްކާވެސް މި ވަނީ ގަދަވެފަ އެވެ.
މަގޫދޫ ރައްޔިތުން އެންމެ ކަންބޮޑުވަނީ އެ ރަށުގެ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓާލަފާނެތީ އެވެ.