ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ކޮންސްޓްރަކްްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ނިލަންދޫ އެއާޕޯޓަށް ބިން ހިއްކަން އެމްޓީސީސީއަށް

ސަރުކާރުގެ ސިޔާސަތަކީ މީހުން ދިިރިއުޅޭ ރަށަކުން ނޫނީ ރިސޯޓު/ސިނާއީ ރަށަކުން ފުރައިގެން 30 މިނިޓުން ދެވޭ ރާސްތާގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދަން

ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. އެކަމަކު އެ މަސައްކަތަށް ދާނެ ހަރަދާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުދެ އެވެ.

ވީ ކިހިނެއް؟ - މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

  • މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

  • އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދު

ތަފްސީލް - މި މަސައްކަތުގެ ދަށުން އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއިން ކުރާނެ އެވެ.

  • އެއްބަސްވުމުގައިވާ ގޮތުން މި މަސައްކަތް 390 ދުވަހުގެ ތެރޭ ނިންމަން ޖެހޭ

  • މި އެއްބަސްވުމުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކާ 2،098 މީޓަރު ބޮޑުހިލައިގެ ރިވެޓުމެންޓު އަދި 1،400 މީޓަރު ޖިއޯބޭގް ރިވެޓުމެންޓު ޖަހާނެ

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނީ ސަރުކާރުގެ ސިޔާސަތަކީ މީހުން ދިިރިއުޅޭ ރަށަކުން ނޫނީ ރިސޯޓު/ސިނާއީ ރަށަކުން ފުރައިގެން 30 މިނެޓުން ދެވޭ ރާސްތާގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކޮށް ޑޮމެސްޓިކް ދަތުރުތަކުގެ ވިއުގަ ފުޅާކުރުން ކަމަށެވެ.

ގުޅުން ހުރި - ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލު ކުރި އިރު އެއާޕޯޓު އަޅަން ބޭނުންވާ ސާވޭތައް ހެދުމުގެ މަސައްކަތް ވެސް ކުރީ އެ ކުންފުނިންނެވެ.

ފާހަގަ ކުރެވޭ- ނިލަންދޫގައި އެއާޕޯޓެއް އަޅާއިރު އެ ރަށާ އަށެއްކަ ކިލޯމީޓަރު ދުރުގައި އޮންނަ މަގޫދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެބަ ކުރެ އެވެ. ކުރީ ސަރުކާރުގައި ފެށި އެ މަޝްރޫއު ވަނީ ނިމުމަކާ ގާތްވެފަ އެވެ.

އެހާ ކައިރީގައި އެއާޕޯޓެއް ހަދާއިރު ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށަނީ ކޮން ގޮތަކަށް ބައްލަވައިގެންތޯ މީގެ ކުރިން 'ދައުރު'އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މުއްތޮލިބް ވިދާޅުވީ އެކަން ކުރިއަށް ގެންދަނީ، މިނިސްޓްރީގެ މެންޑޭޓުގެ ދަށުން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުއަކަށް ވާތީ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް