ފ. މަގޫދޫ އާއި ނިލަންދޫ. މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއެއް ކުރިއަށްދާ އިރު، މިސަރުކާރުން ވަނީ ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން ނިންމާފައި

މަގޫދޫ އެއާޕޯޓް ނިމެނިކޮށް، ކައިރީގައި އޮތް ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަނީ

ނިލަންދޫ އެއާޕޯޓު އެޅުމަށްޓަކައި ބޭނުންވާ އީއައިއޭ އާއި ސާވޭތައް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައި

ފ. މަގޫދޫގައި މިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ނިމެނިކޮށް، އެ ރަށާ އެންމެ އަށް ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ، ފ. ނިލަންދޫގައި ވެސް އެއާޕޯޓު އަޅަން ނިންމައި، އެކަމަށް ބޭނުންވާ ސާވޭތަކާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރުމަށް ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ނިލަންދޫ އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަން ޖެހޭ އީއައިއޭ އާއި ސާވޭތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ.

ބުނީ ކީކޭ؟ - އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، އީއައިއޭ އާއި ސާވޭތައް ނިންމާލުމަށް ފަހު، މި އަހަރުގެ ތެރޭގައި ނިލަންދޫގެ ބިން ހިއްކައި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް. (ދައުރު ފޮޓޯ/ ހުސެން ސުނައިން)

ތަފްސީލް - މަގޫދޫގައި މިހާރު ވެސް އެއާޕޯޓެއް ތަރައްގީ ކުރެވެމުންދާއިރު، ނިލަންދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށަނީ ކޮންގޮތަކަށް ބައްލަވައިގެންތޯ 'ދައުރު'އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، އެކަން ކުރިއަށް ގެންދަނީ، މިނިސްޓްރީގެ މެންޑޭޓުގެ ދަށުން މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުއަކަށް ވާތީ ކަމަށެވެ.

މަގޫދޫ އާއި ނިލަންދޫއާ ދެމެދު އޮންނަނީ އެންމެ 15 މިނެޓުގެ ދުރުމިންކަން މުއްތަލިބް ވެސް ފާހަގަކުރެއްވި އެވެ. ނަމަވެސް، އޭނާ ވިދާޅުވީ، އެއާޕޯޓު އަޅާނެ ތަންތަން ކަނޑައަޅަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ނޫން ކަމަށާއި، އެކަން ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށެވެ.

އަދި، ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިއަށް ގެންދާނީ ކަނޑައެޅިފައިވާ މަޝްެރޫއުތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކަން ތަކުރާރު ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • ނިލަންދޫ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ޕްލޭން ކޮށް، ކުރެހުންތައް ތައްޔާރު ކޮށްފައި އޮތް މަޝްރޫއެއް 

  • އެއާޕޯޓު އަޅާ ތަންތަން ކަނޑައަޅަނީ ޓޫރިޒަމް ތަރައްގީ ވަމުން އަންނަ އިރު އެކި ގޮތްގޮތަށް ބެލިގެން، ރައްޔިތުންނަށް ފައިދާވާ ގޮތަށް

އެނގުން މުހިއްމު - ކުރީ ސަރުކާރުން 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން، އެމްޓީސީސީން މަގޫދޫގައި ތަރައްގީ ކުރާ އެއާޕޯޓު ތަރައްގީ ކުރަނީ ޖެޓުތަކަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

މަގޫދޫ އެއާޕޯޓު:

  • ރަންވޭ 1،800 މީޓަރަށް ބޮޑު ކޮށްފައިވޭ

  • އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް ވަނީ ނިމިފައި

  • ޕެސެންޖާ ޓާމިނަލް އިމާރާތުގެ ސްޓްރަކްޗާ ނިމި، ފިނިޝިންގެ މަސައްކަތް ވަނީ ފަށާފައި

  • ޖެޓްތައް ޕާކު ކުރާނެ ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން

  • ޖެޓްތަކުގެ ކްރޫންނަށް ހާއްސަ ހޮޓަލެއް ވެސް ތަރައްގީކުރާނެ

ފިނޭންސް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ފ. މަގޫދޫގައި ތަަރައްގީ ކުރާ އެއާޕޯޓު ހިންގުމުގެ ހުރިހާ ބާރެއް ވަނީ ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފަ އެވެ. ރީޖަނަަލް އެއާޕޯޓްސް އިން މިދިޔަ ނޮވެމްބަރުގައި ބުނެފައިވަނީ، ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ، މި މަހު އެއާޕޯޓު އޮޕަރޭޓު ކުރަން ފެށޭނެ ކަމަށެވެ.

ކޮމެންޓް (2)

ސާބަހޭ

4 ޖެނުއަރީ 2024
ކޮންމެ ރަށަކުވެސް އެއަރޕޯޓެއް އެޅުން މުހިންމު. ޤައުމު އެއަރލައިން ވަރުގަދަކޮށް ގިނަވެފައިވާ ޕައިލެޓުންނަށް ވަޒީފަދީ މުޅި ޤައުމު ސިންދާބާޒު ކުރަން ޖެހޭ، ސާބަހޭ މުއިއްޒު
1 1

ރަންނަ

4 ޖެނުއަރީ 2024
ވޯޓަށް ޖަހާ ކަޑަ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް