ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)
މަގޫދޫ އެއާޕޯޓް ހުއްޓާލީ ސިޔާސީ މަންފާއަށް ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް
ސިޔާސީ މަންފާއަށް ފ. ނިލަންދޫގައި އެއާޕޯޓު އެޅުމަށްޓަކައި ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ، އެ ނިންމުން މުރާޖައާ ކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ވައްދައިފި އެވެ.
ވީ ކިހިނެއް؟ - މަގޫދޫ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވަނިކޮށް މަޝްރޫއު ހުއްޓާލާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ބާރުތައް ގާނޫނާއި ހިލާފަށް ބޭނުންކޮށް އަމިއްލަ އާއިލީ އަދި ސިޔާސީ މަންފާއަށް ކަމަށް ފެންނަން އޮތް ކަމަށް ބުނެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.
އެ މައްސަލައިގައި ބަހުސްކުރަން ފާސްވެފައިވަނީ 22 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިނުގަންނަން ވޯޓު ދެއްވީ 4 މެމްބަރުންނެވެ.
އެނގުން މުހިއްމު - ރައީސް މުހައްމަދު މުއިއްޒު ވަނީ މަގޫދޫއާ ޖެހިގެން ގާތްގަނޑަކަށް 10 މިނެޓުން ދެވެން އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަން އިއުލާނު ކުރައްވާފަ އެވެ. މިދިޔަ ހަފްތާގައި އެ މަޝްރޫއަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިިހާބުގައި ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ނިލަންދޫ ދާއިރާއަށް ވާދަކުރައްވަނީ ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގައި ސޮއި ކުރުމާ އެކުވެސް، އެއީ ރައީސްގެ ކޮއްކޯފުޅަށް މަޖިލިސް ގޮނޑި ކާމިޔާބު ކޮށްދިނުމަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް މީހުން ތުހުމަތު ކުރަން ފެށި އެވެ.
އެ މަޝްރޫއަށް ބިން ހިއްކަން ފެށުމާއެކު މަގޫދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ވަނީ ހުއްޓިފަ އެވެ. އެކަމާ ހިތްހަމަނުޖެހި މަގޫދޫގެ ރައްޔިތުން ވަނީ އިހުތިޖާޖަށް ވެސް ނުކުމެފަ އެވެ.
ތަފްސީލް - މަގޫދޫ އެއާޕޯޓް ހުއްޓާލުމާ ގުޅިގެން އަހުމަދު ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި:
-
ނިލަންދޫ ދާއިރާއަށް ރައީސްގެ ކޮއްކޯފުޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެ، އެރަށުގައި އެއާޕޯޓު އަޅަން އިއުލާނު ކުރުމަކީ ރައީސްގެ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމާފައިވާ ނިންމުމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ
-
ގާނޫނުއަސާސީން ރައީސަށް ދީފައިވާ ބާރުތަކަކީ އަމިއްލަ މަންފާއަށް، އާއިލީ މަންފާއަށް ނުވަތަ ސިޔާސީ މަންފާއަށް ބޭނުންކުރުމަށްޓަކައި ދީފައިވާ ބާރުތަކެއް ނޫން
-
ކުރީ ސަރުކާރުން ފަށާފައިވާ ރައްޔިތުންނަށް ފައިދާވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ރައީސް ވަނީ ވައުދުވެފައި؛ މިއީ އެ ވައުދާ ހިލާފު އަމަލެއް
އެހެންކަމުން، ތަރައްގީ އާއި މާލިއްޔަތާއި ގުދުރަތީ ވަސީލަތްތައް ރައީސް އާއި އެމަނިކުފާނުގެ އާއިލާގެ ސިޔާސީ މަންފާއަށް ބޭނުން ކުރަމުންދާ ދިޔުން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެ ކުއްލި މައްސަލާގައި ގޮވާލާފައިވަނީ:
-
ޑިމޮކްރަސީ އާއި ދެފުށްފެންނަ ސިޔާސަތުތަކާއި 'ގުޑް ގަވަނެންސް'ގެ މާތް އުސޫލުތައް ސަރުކާރުގެ ހުރިހާ ނިންމުމެއްގައި އިސްކުރަން
-
ސަރުކާރުން މި މައްސަލާގައި ނިންމާފައިވާ ނިންމުން މުރާޖައާކުރަން
މި މައްސަލާގައި މިއަދުގެ މަޖިލީހުގައި މެމްބަރުން ދަނީ ބަހުސް ކުރަމުންނެވެ. އެ މައްސަލާގައި ބަހުސްކުރަން ބޭނުންވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ލިބެންދެން ބަހުސްގެ ވަގުތު އިތުރުކުރަން ވަނީ ފާސްވެފަ އެވެ.