ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ: މި މަޝްރޫއުގެ %60 ނިމިފައިވާ ކަމަށް ކައުންސިލުން ބުނޭ (ފައިލް ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)
ކައިރިކައިރީގައި ދެ އެއާޕޯޓު އަޅާތީ މަގޫދޫ ކައުންސިލުގެ ކަންބޮޑުވުން
ފ. އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓް އަޅަން ކުރީގެ ސަރުކާރުން ނިންމައި އެކަމަށް ކަނޑައެޅީ މަގޫދޫ އެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ނަމަވެސް ޖެހިގެން އޮތް ނިލަންދޫގައި އާ އެއާޕޯޓެއް އަޅަން މިހާރުގެ ސަރުކާރުން އިއުލާންކުރުމުން ދެން އުފެދެނީ ކަންބޮޑުވުމެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ބަޖެޓްގައި ނިލަންދޫ އެއާޕޯޓަށް ފައިސާ ހިމަނާފައި ނެތަސް އެ މަޝްރޫއުގެ ބައެއް އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މިދިޔަ މަހު ސޮއިކޮށްފަ އެވެ.
ތަފްސީލު - މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އެ ރަށުގެ އެއާޕޯޓު މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމުގެ ބިރު ނެތް ނަމަވެސް، ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމުމަކީ ކަންބޮޑުވުމެކެވެ.
"އެއާޕޯޓެއް ހިންގުމަކީ އޭގެ ނަފަޔާ ވެސް ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމެއް. މިސާލަކަށް ތިމަރަފުށީގައި ވެސް އެބަ އޮތް އެއާޕޯޓެއް އަޅާފައި. އެކަމަކު ހަގީގީ ބޭނުމެއް ނުކުރެވޭ،" އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަގޫދޫ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި އެވެ.
"އެގޮތަށް ހަމަ މަގޫދޫގައި އެއާޕޯޓެއް އަޅާފައި، އޭގެ ފަސް ވަރަށް މިނެޓެއްހާއިރުން ދެވޭ ރަށެއްގައި އަނެއްކާ އެއާޕޯޓެއް އެޅީމަ ކޮބައިބާ މީގެން ނުކުންނާނެ ނަތީޖާއަކީ؟ އެއީ، ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވެއް."
އޭނާ ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ވަހީދު ވިދާޅުވި ގޮތުގައި ކައުންސިލުން ދެކެނީ ސަރުކާރުން ކަންކުރާނީ އެންމެ ރަނގަޅަށް ކަމަށެވެ. ނަމަވެސް މިހާ ކައިރީގައި ދެ އެއާޕޯޓް އަޅައިފި ނަމަ އެތަންތަން ފައިދާގައި ހިންގޭނެ ކަމާ މެދު އޮތީ ސުވާލު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުން ނުވަތަ ދައުލަތަކުން ނުކުރާނެއޭ އެވަރުގެ ކަމެއް ހަމަ ހުރެލާފައި. ރަށަކަށް ދެރަ ގޮތެއް ސަރުކާރުން ނުހަދާނެ ކަމަށް ކައުންސިލުން ދެކެނީ،" އޭނާ ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓުގެ މަޝްރޫއޫއާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ:
-
މިހާތަނަށް %60 މަސައްކަތް ވަނީ ނިމިފައި
-
މިދިޔަ މަހު ސަރުކާރުން މައުލޫމާތު ދީފައިވާ ގޮތުން އަންނަ ޖޫން މަހުގެ ފަހުކޮޅަށް މަޝްރޫއު ނިންމާލެވޭނެ
ފާހަގަކޮށްލެވޭ ކަމެއް - އިގްތިސާދީ ގޮތުން މިހާ ދަތި ދަނޑިވަޅެއްގައި އިތުރު އެއާޕޯޓެއް ފ. އަތޮޅުގައި އަޅަން ނިންމީ، ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވަހީދު ވިދާޅުވީ އެފަދަ 'ތަރައްގީގެ މަޝްރޫއުއަކުން ރައްޔިތުން ފިކުރު ބަދަލު ނުވާނެ" ކަމަށެވެ.
"އެހެން ނޫން ނަމަ، މިސާލަކަށް ރައީސް ޔާމީން ވެރިކަމުގައި، ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްފައި ހުރި މަސައްކަތްތައް [އަދި] ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކަށް ކޮށްފައިވާ މަސައްކަތްތައް. އެ މަސައްކަތްތަކާ ވޯޓުގެ ނަތީޖާއާ މިހާތަނަށް ދިމާވެފައެއް ނެތް،" ވަހީދު ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާއަށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު، ފާތިމަތު ސައުދާ އެވެ.
ކޮމެންޓް (1)
ތެފައާސާ.