ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

މަގޫދޫ އާއި ނިލަންދޫ އެއާޕޯޓު ކައިރީ އޮތުމުން ވާނެ ގެއްލުމެއް ނެތް: މުއްތޮލިބު

މިނިސްޓަރު ވިދާޅުވީ ނިލަންދޫގައި އެއާޕޯޓު އެޅުމަކީ އެ ސަރަހައްދަށް އިންވެސްޓު ކުރާ މީހުން ވެސް ބޭނުންވާ ގޮތް ކަމަށާއި ޑްރޯން އޮޕަރޭޓު ކުރަން ނޫނީ ޓްރެއިނިން އެއާޕޯޓެއްގެ ގޮތުގައި ވެސް މަގޫދޫ އެއާޕޯޓު ބޭނުން ކުރެވިދާނެ ކަމަށް

ފ. މަގޫދޫ އާއި އެ އަތޮޅު ނިލަންދޫ އެއާޕޯޓު ކައިރި ކައިރީ އޮތުމުން ވާނެ ގެއްލުމެއް ނެެތް ކަމަށާއި ނިލަންދޫގައި އެއާޕޯޓު އެޅުމަކީ އެ ސަރަހައްދަށް އިންވެސްޓު ކުރާ ވިޔަފާރިވެރިން ވެސް ބޭނުންވާ ގޮތް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަގޫދޫ އެއާޕޯޓުގެ މަސައްކަތް ނިމެނިކޮށް ނިލަންދޫގައި އެއާޕޯޓު އަޅަން ނިންމުމުން އެ ދެ ރަށުގެ ދެމެދުގައި ވާދަވެރިކަން އުފެދުނެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރު ވިދާޅުވީ ދެ ރަށެއްގެ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތެރެއަށް ވަންނަން ސަރުކާރުން ބޭނުން ނުވި ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތޮލިބު ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ތަފްސީލް -  ގާތްގަނޑަކަށް 15 މިނެޓުގެ ދުރުމިން ހުންނަ ނިލަންދޫ އާއި މަގޫދޫގައި ވެސް އެއާޕޯޓު އެޅުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގެއްލުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

"މަގޫދޫ އެއާޕޯޓު ދިގުކުރިޔަސް އެންމެ ބޮޑަށް ދިގު ކުރެވެނީ 1،800 މީޓަރަށް. އެކަމަކު ފ. އަތޮޅަށް ބަލާއިރު އެ ސަރަހައްދަކީ ކުރިން ވެސް ބޭރު ބަޔަކު އެތަން ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުނު. މިހާރު ވެސް ނިލަންދޫގެ ފަޅުތެރޭގައި ވެސް އެތާ ކައިރީ ވެސް ބޮޑެތި އިންވެސްޓުމެންޓުތައް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިި އޮތީ. ނިލަންދޫ ފަޅުތެރޭން ދެ ސަރަހައްދެއް ވިއްކާލާފައި ވެސް އެބައޮތް ބަޔަކަށް ރިސޯޓު ހަދަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓުތައް ތަރައްގީ ކުރާއިރު އެ ސަރަހައްދަށް ސީދާ ދަތުރުތައް ބާއްވަން އިންވެސްޓަރުން ބޭނުންވާ ކަމަށާއި ޖެޓުތައް ޖެއްސޭވަރުގެ އެއާޕޯޓެއް އިންވެސްޓަރުން ބޭނުންވާ ކަމަށެވެ.

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

މުއްތޮލިބު ވިދާޅުވީ:

  • ނިލަންދޫ ފަޅު ހިއްކައިގެން 2،500 މީޓަރުގެ ރަންވޭއެއް އެޅޭނެ

  • ކައިރީ އޮންނަ ދ. އަތޮޅުގައި ވެސް ގިނަ ރިސޯޓުތައް ހިންގާއިރު އެ ސަރަހައްދަށް ބޮޑު ރަންވޭއެއް އޮންނަ އެއާޕޯޓެއް ބޭނުންވޭ

އޭނާ ވިދާޅުވީ މަގޫދޫ އެއާޕޯޓަކީ ގާތްގަނޑަކަށް %75 މަސައްކަތް ނިމިފައިވާ ތަނެއް ކަމަށާއި އެ ތަނުގެ މަސައްކަތް ހުއްޓާލުމަކީ ރައްޔިތުންނަށް ވެސް އެ ސަރަހައްދުގެ ރިސޯޓުތަކަށް ވެސް ފައިދާވާނެ ގޮތެއް ނޫން ކަމަށެވެ.

"ހަރަދުތަކެއް ކުރެވިފައި ހުރީ. އެހެން ނަމަވެސް، މުސްތަގުބަލަށް ބަލާއިރު އެ ސަރަހައްދަށް އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާތިއްޔާއި އިންވެސްޓަރުން ވެސް އެދޭ ކަމަކަށް ވާތީ އަޅުގަނޑަކަށް ނުފެނޭ ނިލަންދޫގައި އެއާޕޯޓެއް އެޅިޔަސް އެއިން ގެއްލުމެއް ވާނެ ކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ އެއާޕޯޓަކީ ބޭކާރު އިންވެސްޓުމެންޓަކަށް ނުވާނެ ކަމަށާއި ޑްރޯން އޮޕަރޭޓު ކުރަން ނޫނީ ޓްރެއިނިން އެއާޕޯޓެއްގެ ގޮތުގައި ވެސް މަގޫދޫ އެއާޕޯޓު ބޭނުން ކުރެވިދާނެ ކަމަށެވެ.

ކޮމެންޓް (1)

ފްރެންކް ކެސީ

1 ޖޫން 2024
ހިނފަމުންދާ މަޝްރޫއުތަކަށް ބޭނުންވާވަރަށްވެސް ފައިސާ ނެތް ކަމަށް މިނިސްޓަރު ވިދާޅުވާއިރު، ނިލަންދޫ އެއަރޕޯޓް އަޅަން ފައިސާ ހުރީތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް