13 ޖޫން 2024: ވެލާނާގޭގައިވާ އެޓާނީ ޖެނެރަލް އޮފީހުގައި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ބޭއްވި މީޑިއާ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރާ ބިލު ގާނޫނުއަސާސީއާ ފުށުއަރާ: އޭޖީ
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗު ފަހަކަށް ކުޑަ ކުރުމަށް މަޖިލީހުން ފާސްކޮށްފައި އޮތް ބިލު އޮތީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާ ފުށުއަރާ ގޮތަށް ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ލަފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ގާނޫނީ ބައެއް ފަރާތްތަކާއި އިދިކޮޅުގެ ކަންބޮޑުވުން އަމާޒުވި އެ ބިލާ ގުޅޭ ގޮތުން އުޝާމް ދެއްވި މި ލަފައާ އެކު ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކުރައްވައި އިއްޔެ އަނބުރާ މަޖިލީހަށް ފޮނުއްވާފަ އެވެ.
ތަފްސީލު - ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ ހުށަހަޅުއްވައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެ، އަވަސް އަރުވާލައިގެން ފާސް ކުރި އެ ބިލާ ގުޅޭ ގޮތުން ހުރި ގާނޫނީ ބައެއް މައްްސަލަތައް އުޝާމްގެ ލަފާގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ.
އެ ބިލުގައިވާ ގޮތުން، މި އިސްލާހަށް އަމަލު ކުރަން ފަށާތާ ފަސް ދުވަސް ތެރޭ ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރުމަށް، އެ ކޯޓުން ވަކިކުރާ ދެ ފަނޑިޔާރުންނަކީ މަގާމަށް "ގާބިލު ނޫން" ފަނޑިޔާރުން ކަމަށް ކަނޑައަޅައި އެ ދެ ފަނޑިޔާރުގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އަދި ޖޭއެސްސީން އެ ދެ ފަނޑިޔާރުންގެ ނަން ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަން ވާނެ ކަމަށް ބުނެފައިވެ އެވެ.
އުޝާމްގެ ލަފާގައި އޭނާ ފާހަގަ ކުރެއްވި ގޮތުގައި:
-
ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން، މަގާމުގައި ދެމިތިބި ފަނޑިޔާރުން ނުވަތަ މަގާމުގައި ހުރި ފަނޑިޔާރަކު އޭނާ ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްގެން ނުވާނެ
-
އެހެންކަމުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބެލުމެއް ނެތި މަޖިލީހުން ފާސްކޮށްފައިވާ ބިލުގައިވާ އިޖުރާއަތްތަކުގެ ތެރެއިން އެ ފަނޑިޔާރުންނަކީ "ގާބިލު ނޫން" ފަނޑިޔާރުން ކަމަށް ޖޭއެސްސީން ކަނޑައެޅުމަކީ ގާނޫނުއަސާސީގެ އެ މާއްދާއާ ފުށުއަރާނެ ކަމެއް
-
އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން މިހާރު ބަލަމުންދާއިރު، އެ މައްސަލައިގައި ގޮތެއް ނުނިމެނީސް މި ބިލުގައިވާ ގޮތަށް ފަނޑިޔާރުން ވަކިކުރުމަކީ "އެންމެ އިންސާފުވެރި އަދި ހަމަހަމަކަމާ އެކު ހުރިހާ ފަނޑިޔާރުން ޝާމިލުވާ ގޮތަށް ފަނޑިޔާރުންގެ ގާބިލުކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ގެއްލިގެން ދާނެ ކަމެއް"
-
މި މަރުހަލާގައި ވަކިކުރާ ދެ ފަނޑިޔާރުންނަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދޭން ބިލުގައި ހިމަނާފައިވާއިރު، މަގާމަށް "ގާބިލު ނޫން" ކަމަށް ކަނޑައަޅައި ވަކިކުުރުމަށް ފަހު، އެ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާ އެކު ވަކިވާ ފަނޑިޔާރުންނެކޭ އެއްފަދައިން އިމްތިޔާޒް ދިނުމަކީ ހަމަޖެހޭ އުސޫލެއް ވެސް ނޫން
އެ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އުޝާމް އެދިވަޑައިގެންނެވީ ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވުމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ތަސްދީގު ނުުކުރުމަށް ބާ ކައުންސިލާއި ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ގޮވާލާފައިވެ އެވެ. މި ބިލު ފާސް ކުރިތާ މާ ގިނައިރުތަކެއް ނުވެ ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.
އެއާ އެކު، މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އެ ކޯޓުގައި އޮތް މައްސަލަ ވެސް ވަނީ ހުއްޓިފަ އެވެ. އެ މައްސަލަ ބަލަމުން ދިޔައީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ކޮމެންޓް (1)
ސިކުނޑި