ރައީސް މުހައްމަދު މުއިއްޒު (ފޮޓޯ/ރައީސް އޮފީސް)

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި

ބިލު ފާސްކުރީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ދުސްތޫރީ މައްސަލައެއް ބަލަމުންދަނިކޮށް. ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ އޮތީ ހުއްޓިފައި. އަދި ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާދެއްވުމުން އާ ފަނޑިޔާރަކު ހޯދަން ވަނީ އިއުލާންކޮށްފައި.
11 މާރިޗު 2025
3

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު 12 ދުވަސް ތެރޭ ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި މިއަދު އަނބުރާ ފޮނުއްވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިވުމުން ނުވަތަ ކަނޑާލުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅާފަ އެވެ. އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން އެ މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި އެވެ. 

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލުގެ މަސައްކަތް ދެ ދުވަސް ތެރޭ ނިންމައި މިދިޔަ މަހުގެ 26ގައި ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސަށް ވަނީ ފޮނުވައިފަ އެވެ.

ތަފްސީލް - ނަމަވެސް ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނިގޮތުގައި އެ ބިލު، "އަލުން ވިސްނެވުމަށް އެދިވަޑައިގެން" އަނބުރާ މަޖިލީހަށް ރައީސް ވަނީ މިއަދު ފޮނުއްވައިފަ އެވެ.

އެ ބިލުގައި އޮތީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމަށް ކަނޑައެޅުމަށެވެ. އެ ބިލު އޮތް ގޮތުން:

  • ތަސްދީގުކުރާތާ ފަސް ދުވަސް ތެރޭ، ވަކި ކުރާ ދެ ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވަން ޖެހޭ

  • މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަސް ތެރޭ އެ މީހުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ

  • އެ މުއްދަތުގައި އެކަން ކޮށް ނިންމުމަށްޓަކައި މަޖިލީހުގެ ގަވައިދާއި އެހެން ގާނޫނުތަކުގައި ބައެއް ކަންކަމުގައި ބަލަން ޖެހޭ މުއްދަތުތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ނުވަތަ އިސްތިސްނާއެއް ގެނައުމުގެ ބާރު މަޖިލީހަށާއި ޖޭއެސްސީސީއަށް ދީފައިވޭ

އެނގުން މުހިއްމު - އެ ބިލު މަޖިލީހުން ފާސްކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޖޭއެސްސީ އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ސަސްޕެންޑްކޮށް، އެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ބަލަން ފަށައިފަ އެވެ.

ފާހަގަކުރެވޭ - ޖޭއެސްސީން އެގޮތަށް ނިންމީ، މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.

ސަސްޕެންޑްކުރި ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ، ދުސްތޫރީ މައްސަލަ ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުއިއްޒު ފަނޑިޔާރުންނަށް ބިރު ދެއްކެވި ކަމަށް ތުހުމަތުކުރައްވައި، އިސްތިއުފާދެއްވައިފަ އެވެ.

ޖޭއެސްސީއިން އާދީއްތަ ދުވަހާއި މިއަދު، ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތަހުގީގު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

ސުއޫދު އިސްތިއުފާ ދެއްވުމުން، އާ ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީއިން ވަނީ އިއުލާންކޮށްފަ އެވެ.

ކޮމެންޓް (3)

ސަމީރާ

11 މާރިޗު 2025
ގުޑްކޮޕް ބޭޑްކޮޕް ކުޅެން ނޫޅޭ. ދެން މަޖްލީހުން އަނެއްކާ ވެސް ފާސްކުރާނީ ތަސްދީގު ކުރަން މަޖުބޫރުވާ ގޮތަށް. މަޖްލީހުގެ ބޮލުގަ ހުރިހާ ބަދުނާމެއް އަޅުވަން ހެދި ގޮތަކާ ވައްތަރީ
3 0

އީނާރި

11 މާރިޗު 2025
މީ ކުޅޭ ގޭމެއް ރައްޔިތުންނަށް ޑްރާމާދައްކަނީ ކޯޓަށް އަތްނުބާނާކަން އަންގަނީ ދެން ކީއްވެގެންބާ ބިލަށް ވޯޓްނުދިން މެމްބަރުން އެކަހެރިކުރީ އަހަރެމެންގެ މެމްބަރު ބާކީކުރިގޮތް އަހަރެމެންގެ މެމްބަރުވަނީ އަހަރެމެނަށް އ އިން ޔ އަށް ކިޔާއިދީފަ ދެން ޑްރާމާ ކުޅުމުގެ ބޭނުމެްް ނެތް
1 0

ތެފައާސާ.

11 މާރިޗު 2025
ތެޅިގަނެގެން އެއްދުވަހު ހެނދުނު ހޭލި ގޮތަށް ބިލް ފާސްކުރުވީ ސުޕްރީމްކޯޓުގައި ހިނގަމުންއައި ދުސްތޫރީ މައްސަލަ ހުއްޓުވަންކަން އެންމެންނަށްވެސް އެނގެއެއްނު؟؟ މިހާރުދެން ސުލޫކީ މައްސަލަ އުފައްދައިގެން ފަނޑިޔާރުން ސަސްޕެންޑުކޮށް ކޯޓު ޕެރެލައިޒް ކޮށްފައި އޮތީމާ މި ވަގުތަކަށް ތިޔަ ބިލްގެ ބޭނުމެއް ނެތެއްނު؟
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް