ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން މީހެއްގެ ގައިގައި ޖެހުނު ސަރަހައްދު ފުލުހުން އިއްޔެ ބަންދުކޮށްފައި (ދައުރު ފޮޓޯ)

ކާރު އެކްސިޑެންޓުގައި އަނިޔާވި މީހާގެ ކަނދުރާ އާއި މައިބަދައިގައި ވަނީ ރެނދުލާފައި: ފުލުހުން

ބާރަށް ދުއްވާފައި ދިޔަ ކާރަކުން، މަގުގެ އެއް ފަރާތުގައި ސައިކަލެއްމަތީ އިން މީހެއްގެ ގައިގައި ޖެހުނު މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު ވަނީ އަމުރު ކޮށްފައި

ހުޅުމާލޭގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ކަނދުރާ އާއި މައިބަދައިގައި ރެނދުލާފައިވާ ކަމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ އެކްސިޑެންޓުގައި ބާރަށް ދުއްވާފައި ދިޔަ ކާރުގައި ތިބި ތިން މީހުން ފިލައިގެން އުޅެނިކޮށް ރޭގެ ވަގުތެއްގައި ހައްޔަރުކޮށް، މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަނިޔާވި މީހާއަށް ލިބުނު ޒަހަމްތަކާ ގުޅޭ ގޮތުން ފުލުހުން ވާހަކަ ދެއްކީ ބަންދުގެ އަޑުއެހުމުގަ އެވެ.

ތަފްސީލު - ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދު އަމުރު ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އެއީ އިކްރާމުއްރަހްމާން، 25، ހ. ނޫރަންމާގެއާގެ އާއި އިބްރާހީމް އިކްރާމް، 33، މ. ލޭންޑްއޮފްގާޑްން އެވެ.

މަގުގެ އަރިމަތީގައި ސައިކަލެއް މަތީ މަޑުކޮށްލައިގެން އިންދާ ކާރުން ޖެހި ބާރަށް ވިއްސައިގެން ދިޔަ މީހާއަށް ލިބުނު ޒަހަމްތަކާ ގުޅޭ ގޮތުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ، ބަންދު އަމުރުގައި ބުނީ:

  • އަނިޔާ ލިބުނު މީހާ ވިއްސައިގެން ގޮސް ފުރަތަމަ ޖެހުނީ ކަނދުރާ

  • އޭނާގެ ކަނދުރާ އާއި މައިބަދައިގައި ވަނީ ރެނދުލާފައި

  • އޭނާގެ ބޯ ފަޅައިގެން ވެސް ދިޔަ

އެނގުން މުހިއްމު - ހުޅުމާލެ ހޮސްޕިޓަލުން އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ އެ މީހާގެ ހާލަތު ސްޓޭބަލް ކަމަށް ރޭ އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ބާރަށް ދުއްވާފައި ދިޔަ ކާރު އިއްޔެ ފުލުހުން ޓޯ ކުރަނީ (ދައުރު ފޮޓޯ)

ކާރުގައި ތިބި ތިން މީހުން ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އިކްރާމުއްރަހްމާން އާއި އިބްރާހިމް އިކްރާމް ބަންދު އަޑުއެހުމުގައި ބުނީ އެ މީހުން އެ ހާދިސާ ހިނގި ތަނުން ދިޔައީ ފިލާކަށް ނޫން ކަމަށެވެ.

"އެކްސިޑެންޓުވުމުގެ ސަބަބުން ތުހުމަތުކުރެވޭ މީހާގެ މެއަށް ވަރަށް ބޮޑަށް ތަދުވެފައިވާ ކަމަށާއި އަދިވެސް ތަދުވާ ކަމަށާއި އެހެންކަމުން އެތަނުގައި އިރުގަނޑަކު ހުރެފައި އެތަނުން ދިޔައީ ކަމަށް މީނާ ބުނެފައިވެއެވެ،" އިބްރާހިމް އިކްރާމްއާ ބެހޭގޮތުން އޭނާގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ އަމުރުގައި ބުނީ އެކްސިޑެންޓުވުމާއި އަނިޔާވި މިހާ އެމްބިއުލާންސަށް އެރުވުމާ ދޭތެރޭ ގާތްގަނޑަށް ހޭދަވީ 10 މިނެޓު ކަމަށް ފުލުހުން ބުނެފައިވާއިރު އެ ދެމެދުގައި ގިނައިރެއް ހޭދަވެފައިވާ ކަމަށް ނުބެެލެވޭ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 31 ޖުލައި 2024ގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއް ފަރާތުގައި ސައިކަލެއް މަތީ އިން މީހެއްގެ ގައިގައި ޖެހުނު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން (ފޮޓޯ/ޕޮލިސް)

އިކްރާމުއްރަހްމާން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ކާރުގެ ފަހަތު ސީޓުގައި އިން މީހާ އެވެ. އަދި އޭނާ އެތަނުން ދިޔައީ ފުލުހުން ގާތުގައި ބުނެފައި ކަމަށް އޭނާ ވަނީ ބަންދު އަޑުއެހުމުގައި ބުނެފަ އެވެ. ނަމަވެސް ފުލުހުން އެކަން ދޮގު ކުރި އެވެ.

"މީނާ [އިކްރާމުއްރަހްމާން]އަކީ އެކަމުގައި ޝާމިލުވާ މީހެއް ކަމަށް ފުލުހުންނަށް މައުލޫމާތު ދިން ނަމަ، އެ ސީނުން ދިޔުމަށް ހުއްދަ ނުދޭނެ ކަމަށާއި އަދި އެފަދަ ހުއްދަައެއް ދިން ކަމަށް އެއްވެސް ފުލުހަކު ވެސް ބުނެފައިވާކަން ފާހަގަ ނުކުރެވޭ ކަމަށް" ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ލިޔެފައިވެ އެވެ.

އޭގެ އިތުރުން، އިކްރާމުއްރަހްމާން ފުލުހުންނާ މުއާމަލާތް ކުރަނިކޮށް ސީސީޓީވީއިން ވެސް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވެ އެވެ.

އިކްރާމުއްރަހްމާންގެ ދަރިއެއް އަދި އިބްރާހިމް އިކްރާމްގެ ދެ ދަރިން ތިބިކަން ފާހަގަކޮށް، ދެ މީހުންގެ ފަރާތުން ވެސް އެދުނީ ބަންދަށް ލުޔެއް ދިނުމަށެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ އެކްސިޑެންޓް ހިނގި ތަނުން ފިލައިގެން ގޮސްފައިވާތީ އާއި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށްފައިވުމާއި މުޖުތަމައުގެ ސަލާމަތަށްޓަކައި އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް