ހުޅުމާލެ ފޭސް ދޭއްގެ ބާރަށް ދުއްވާފައި ދިޔަ ރޭސިން ކާރެއް ކޮންޓްރޯލް ނުވެގެން އެކްސިޑެންޓުވުން (ދައުރު ފޮޓޯ)

ހުޅުމާލެ އެކްސިޑެންޓުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދު

ބާރު ސްޕީޑްގައި ދުއްވި ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން ފިރިހެނެއްގެ ގައިގައި ޖެހި އެ މީހާ ދިޔައީ ކާރު މަތިން ވިއްސައިގެން؛ އެކްސިޑެންޓަށް ފަހު ކާރުގައި ތިބި މީހުން ފިލި ނަމަވެސް ފުލުހުން ވަނީ އެ ވަގުތު ކާރުގައި ތިބި މީހުން ހައްޔަރުކޮށްފައި
1 އޯގަސްޓު 2024

އިއްޔެ ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބާރު ސްޕީޑްގައި ދުއްވި ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ އެވަގުތު މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން ފިރިހެނެއްގެ ގައިގަ އެވެ. ޖެހުނުލެއް ބާރުކަމުން އޭނާ ދަނީ ކާރު މަތިން ވިއްސައިގެންނެވެ. ނަމަވެސް އައިޖީއެމްއެޗުގައި އޭނާ އޮތީ ސްޓޭބަލް ހާލަތެއްގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ތަފްސީލު - އެ އެކްސިޑެންޓަށް ފަހު ކާރުގައި ތިބި މީހުން ވަނީ އެ ތަނުން ފިލައިގެން ގޮސްފަ އެވެ. ނަމަވެސް ކާރު ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ރޭގެ ވަގުތެއްގައި ވިދާޅުވީ އެކްސިޑެންޓް ހިނގިއިރު އެ ކާރުގައި ތިބި ތިން މީހުން ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ ނިންމާފަ އެވެ.

ފަސްމަންޒަރު - މި އެކްސިޑެންޓްގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ. އަސްލު މަންޒަރު ފެނުމުން އާންމުން ރުޅިއައިސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ފާޑުކިޔަން ވެސް ފެށި އެވެ.

ބައެއް މީހުން ތުހުމަތުކުރި ގޮތުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވަނީ ފުލުހުން އެކަން ހުއްޓުވަން ނޫޅޭތީ އެވެ. އޭގެ އިތުރުން ކުށް ކުރާ މީހުންނަށް އަދަބު ނުލިބޭކަމުގެ ޝަކުވާ ވެސް ބައެއް މީހުން ފާޅުކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް