މާލޭގެ ބޮޑުތަކުރުފާނު މަގުގައި 4 ޖުލައި 2022 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް ވީ ތަނުގައި ފުލުހަކު މަޑުކޮށްލައިގެން: ބާރަށް ދުއްވާ މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެކްސިޑެންޓްގެ މަންޒަރާ އެކު އަނެއްކާވެސް އާންމުން ރަތަށް
އެ މަންޒަރު ބަލަން ފަސޭހައެއް ނުވާނެ އެވެ. ބަލައިފި މީހަކު ރުޅިއަންނާނީ އެ ކާރު ދުއްވި މީހާ ދެކެ އެކަންޏެއް ނޫނެވެ. ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކެއްގެ ނުކުޅެދުންތެރިކަމާ މެދު ވެސް އަންނާނީ ރުޅި އެވެ.
އެ ރުޅި އިއްޔެ ވެސް އާންމުން ސޯޝަލް މީޑިއާގައި އެ ދެއްކީ އެވެ. ހުޅުމާލޭ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓަކީ ވެސް ގަވާއިދާ ހިލާފަށާއި އެތައް ބަޔަކު ނުރައްކަލަށް ވައްޓާލާ ގޮތަށް ވެހިކަލް ދުއްވާ މީހުން ނުހުއްޓުވޭކަމުގެ ހެއްކެކެވެ.
ފުލުހުންނަށާއި ސަރުކާރުގެ އިދާރާތަކަށް އާންމުން ފާޑުކިޔަނީ ފާޑުކިޔަންވެގެންނެވެ. ބާރަށް ދުއްވާ މީހުން އާންމުންނަށް ފެނެ އެވެ. ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި 'ރޭހަށް' ދުއްވާ ފާޑަށް ކޮންމެ ދުވަހަކު ވެސް އެތައް އެއްޗެއް އެދަނީ ދުއްވަމުންނެވެ. އެކަމަކު ފުލުހުން އެކަމެއް ނުހުއްޓުވަ އެވެ. އެހެންކަމުން އެއީ ގާނޫނު ތަންފީޒުކުރަން ޖެހޭ ފަރާތްތަކުން، ވަކި ބަޔަކަށް ގަސްދުގައި ދީފައި އޮންނަ މިނިވަންކަމެކޭ، އާންމު މީހާއަށް ބުނެވޭނެ އެވެ.
"މި ގައުމުގައި ހިނގާ މިކަހަލަ ކަންކަމުން ހަމައެކަނި ދާއިމީ ގެއްލުން އަބަދުވެސް ލިބޭނީ އަނިޔާވި މީހާއަށް. ކުށްވެރިވި މީހާއަކަށް ނުލިބޭނެ،" މިއީ އިއްޔެ 'ދައުރު'ގައި ޖެހި އެކްސިޑެންޓްގެ ހަބަރަށް ކިއުންތެރިޔަކު ލިއުނު ހިޔާލެކެވެ.
"ޖަލަށް ލާ ބަލަ،" އެކްސިޑެންޓްގެ ޒިންމާ ނަގަން ޖެހޭ މީހާއަށް އަމާޒުކޮށް، އެހެން ކިއުންތެރިޔަކު ބުންޏެވެ.
"މި ގައުމުގައި ގޭންގް މީހުން ކުށްވެެރިއެއްނުވާނެ. އެއީ ހިމާޔަތް ލިބިގެންވާ ބައެއް. އެއިން މީހަކާ ދިމާލަަށް ބަލައިލިޔަސް އެމީހަކު ކުށްވެރިވާނީ،" އެހެން ކިއުންތެރިއެއްގެ ހިޔާލެވެ.
މިއިން އެއްވެސް ޝުއޫރެއްގައި ދޮގެއް ނެތެވެ. ވަކި ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަން ކޮންމެ ސަރުކާރެއްގައި ވެސް އޮންނަނީ ނުކުޅެދިފަ އެވެ. ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ ގުޅުން އޮންނަ ކޮންމެވެސް ގްރޫޕެކެވެ. ކޮންމެވެސް ނުފޫޒެއް ފޯރުވޭ ބައެކެވެ. އެފަދަ މީހުން ހައްޔަރުކުރުމާއި ދޫކުރުމާއި ޝަރީއަތަށް ކުށް ސާބިތުނުވުން ވެސް އޮންނާނީ ކައިރީގަ އެވެ. ކުށްވެރިވެއްޖެ ނަމަ އަވަހަށް ޖަލުން ނެރެ މިނިވަންކުރަން، އާއިލާ އާއި އެބައެއްގެ ގާތް މީހުން، ސަރުކާރުގެ ވެރިން ކައިރިއަށް ދުވެ އެވެ.
އިއްޔެގެ އެކްސިޑެންޓް ވި ކާރު މައި މަގަށް ނުކުތް ގޮތާއި ކޮންޓްރޯލުން ނެއްޓުނު ގޮތާއި މަގުގެ އެއް ފަރާތުގައި މަޑުކޮށްލައިގެން އިން މީހާގެ ގައިގައި ޖެހުނު ގޮތް، އާންމުންނަށް ރީތިކޮށް އެ ފެނުނީ އެވެ. އެހެންކަމުން އެފަދަ ނުރައްކާތެރި ދުއްވުމެއްގެ ޒިންމާ ނަގަން ޖެހޭ ޑްރައިވަރު ދެކެ ރުޅި އަންނާނެ އެވެ. އެއީ ކާކުކަން ނޭނގުނަސް އާންމުން ވަގުތުން ގޮތް ނިންމަ އެވެ. އެފަދަ އަމަލްތައް ގިނަ ފަހަރަށް ފެންނަނީ މުޖުތަމައުގައި 'ގަދަކޮށްގެން' އުޅޭ ޒުވާނުންގެ ފަރާތުން ކަމަށް ވުމުން ގްރޫޕްތަކަށް ފޫޅުކަނޑަލަނީ އެވެ.
އާންމުންގެ ރުޅިވެރިކަން މަޑުކުރުމުގެ މަގުސަދުގައި ނަމަވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ރޭ 12 ޖަހަން އުޅެނިކޮށް، އެކްސްގައި ލިއުއްވީ، ކާރުގައި ތިބި ތިން މީހުން ވެސް ހައްޔަރުކޮށްފި ކަމަށެވެ. އޭގެ ފަހުން ފުލުހުން މިހާރު ވަނީ އެ ތިން މީހުންގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.
އެކަމަކު މިވަރުން އަދި އާންމުން ހިތްހަމައެއްނުޖެހޭނެ އެވެ. ބައެއް މީހުން މިހާރު ވެސް ބުނަމުން އެދަނީ 'ވައްދާފައި އަނެއް ދޮރުން ދޫކޮށްލާނެ' ކަމަށެވެ. މިހާ ވަރަށް ގައުމުގެ މުއައްސަސާތަކާ މެދު އިތުބާރު ގެއްލޭނީ، ތަކުރާރުކޮށް އެފަދަ ތަޖުރިބާތައް ކުރެވޭތީ އެވެ. އާއެނކެވެ. ފުލުހުންގެ ހައްޔަރަށް ގެންގޮސް، ދުވަސްކޮޅަކަށް ބަންދު ޖަހާފައި، ދެން އެ މިނިވަންވާ މީހުން، ހަމަ ކުރިއެކޭ އެއްގޮތަށް ނުކުމެ ހަރަކާތްތެރިވާނެ އެވެ.
"ސިޔާސީ އެންމެ ކޯލަކުން މި މީހުން ދޫނުވާނެ ކަމަށް އުއްމީދުކުރަމެވެ. އަހަރެމެންގެ ކުރިމަގުގެ ޖީލަށްޓަކައި ވެސް ބަދަލުތައް ދެކެން ބޭނުމެވެ،" އިހުސާންގެ ޕޯސްޓަށް ހިޔާލު ފާޅުކުރި މީހަކު ލިއުނެވެ.
އެހެން މީހަކު އެދުނީ ގާނޫނުތައް މުގުރާ ތަނަކަށް ގައުމު ވުމުގެ ކުރިން ސަލާމަތްކޮށްދިނުމަށެވެ. އެކަމަކު ހަގީގަތުގައި މިއީ މިހާރު ވެސް ގާނޫނުތައް މުގުރަމުން ދާ ގައުމެކެވެ. ގާނޫނުގެ އެ ބުނާ ދިގު އަތް، ސިޔާސީ ބޭނުމަށް، ކުރުކޮށްލައިގެން އުޅޭ ގައުމެކެވެ.
ހަނދާން އެބަ ހުރި ހެއްޔެވެ؟ އިއްޔެއަކީ މާލޭގެ ގްރޫޕަކުން، އެތައް ބައެއްގެ ކުރިމަތީގައި މުހައްމަދު އަނަސް މަރާލިތާ ހަތް އަހަރު ފުރުނު ދުވަހެވެ. އޭނާގެ އުފަން ރަށް ރ. މީދޫ ރޭ 15 މިނިޓަށް އަނދިރިކޮށްލި އެވެ. އެއީ 31 ޖުލައި 2017ގައި، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަތް މީހުންގެ ގްެރޫޕަކުން ވަޅިން ހަމަލާދީ އޭނާ މަރާލި ވަގުތާ ދިމާކޮށް އެރަށުގެ ރައްޔިތުން ކުރިއަށް ގެންދިޔަ ހަނދާން އާކޮށްލުމެކެވެ.
ރާއްޖޭގައި ވަޅިން ހަމަލާދީ މީހަކު މަރާލިތަން ވީޑިއޯއިން އާންމުންނަށް ފެނުނު ފުރަތަމަ ފަހަރަކީ އެ އެވެ. އެ މަރާ ގުޅިގެން ދައުވާ އުފުލި ހަތް މީހުން ވެސް ވަނީ ކްރިމިނަލް ކޯޓުން ސަލާމަތްވެފަ އެވެ. އިންސާފު ލިބުން އަބަދުވެސް ލަސް މި ގައުމުގެ ޕްރޮސިކިއުޓަ ޖެނެރަލް ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުފާން ކޮށްފަ އެވެ.
ދައުލަތުގައި ޒިންމާ ނަގަން ޖެހޭ އެތައް ބަޔަކު ގަސްދުގައި އެ ޒިންމާތަކުން ރެކުމުގެ ސަބަބުން މި ގައުމު އޮތް ހާލަތު، އިއްޔެ ހިނގި އެކްސިޑެންޓާއި އަނަސްގެ މަރު ފަދަ އިންސާނިއްޔަތުކަމެއް ނެތް ކުށްތަކުން މި އޮތީ ފެންނާށެވެ.
އާންމުންނަށް އޮތީ ރުޅިގަދަވެގެން ތިބުމެވެ.
ކޮމެންޓް (10)
އަހްމަދު
ޑަންޑަނާ
ފިރާގު
ޒުވާނެއް
ހޭނެތޭ
އަހުމަދު
ޭހަމަ އެއްގޮތް
އެނގިއްޖެ
ފުންނާބު
ޅުލީ