މަޖިލީހުގެ ކޮމިޓީއެއްގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ޝަރުއީ ދާއިރާގެ މުހިންމު ވައުދުތައް ނުފުއްދާ: އަލީ ހުސައިން

މި ސަރުކާރުގެ ފަސް އަހަރު ދައުރު ނިމިގެންދާއިރު، ޖޭއެސްސީ އެކުވެލިގެންވާ ގޮތް ބަދަލު ނުކުރާތީ އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރެއްވި

ޝަރުއީ ދާއިރާ އިސްލާހު ކުރަން މި ސަރުކާރުން ކުރި ހަމައެކަނި ކަމަކީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުން ކަމަށް ވިދާޅުވެ، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ވީ ވައުދުތައް ނުފުއްދާތީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ، ނަމަވެސް ދެވަނަ ދައުރަކަށް ކޯލިޝަން ނުހެދުމަށް އިއްޔެ ނިންމި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ އަލީ ހުސައިން ސަރުކާރަށް ފާޑުވިދާޅުވީ، މި ހަފްތާގައި އާންމުކުރި 'ދައުރު'ގެ 'ހަތް ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ތަފްސީލު - ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން އިއްޔެ ހަވީރު ނިންމި ނިންމުމުގެ ކުރިން 'ދައުރު'އަށް ދެއްވި މި އިންޓަވިއުގައި، އަލީ ހުސައިން ވަނީ މި ސަރުކާރަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ބައިވަރު ސަބަބުތަކުގެ މައްޗަށް ވާހަކަދައްކަވާފަ އެވެ. އެއް ސަބަބަކީ، އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ޝަރުއީ ދާއިރާ އިސްލާހު ކުރަން 2018ގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ގިނަ ވައުދުތައް، މި ސަރުކާރުގެ ފަސް އަހަރު ނިމެން ކައިރި ވެފައި ވާއިރު ވެސް ފުއްދަވާފައި ނުވުމެވެ.

"އަދި މިހާތަނަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުން ފިޔަވައި [ޝަރުއީ ދާއިރާ އިސްލާހު ކުރަން]  ކުރަން ބުނި ކަންތައްތަކުގެ ތެރެއިން މުހިންމު ކަންތައްތައް ނުކުރެވޭ. ވަރަށް ހާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން، ޖޭއެސްސީގެ ކޮޕްޒިޝަން،" ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި އެވެ. 

"ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލެއް ނުކުރެވުނު. ބަދަލު ނުކުރެވުނު ތާނގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ އިހްލާސްތެރި ނިޔަތް އޮތްކަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ސާބިތުކޮށެއް ނުދެއްވުނު. މި ސަބަބާ ހެދި އެކަނި ވެސް އަޅުގަނޑަކަށް ހީވަނީ [މި ސަރުކާރު] ބަދަލު ކުރަން ކުރަން ޖެހޭ."

'ދައުރު'ގެ 'ހަތް ސުވާލު' ޕްރޮގްރާމްގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

މިހާރު ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން، ވެރިކަން ލިބޭ ބަޔަކަށް އަދި މަޖިލީހުގެ މެޖޯރިޓީ ލިބޭ ބަޔަކަށް ޖޭއެސްސީގެ ކޮންޓްރޯލް ލިބޭ އިރު، އެ ތަން ޕާޓީތަކުގެ "ޖަގަހައަކަށް" ހަދާފައި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް އަލީ ހުސައިން ދެކެވަޑައިގަންނަވަ އެވެ.

"ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމަށްޓަކައި، ހާއްސަކޮށް ކޯޓުތަކުގެ ނިންމުންތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަން ޔަގީން ކުރުމަށް ކުރަން ޖެހޭ މުހިންމު ކަމެއް،" މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވި އެވެ. 

އޭގެ އިތުރުން، ނުފުއްދުނު އެހެން ވައުދުތަކާއި އެހެން ބައެއް ކަންބޮޑުވުންތައް ވެސް އަލީ ހުސައިން ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ގެއްލުވާލި މީހުންނާއި މަރާލި މީހުންގެ އާއިލާތަކަށް އިންސާފު ނުހޯދުނު

  • އެމްއެމްޕީއާރުސީގެ ވައްކަމުގެ ތެރެއިން ގެއްލުނު ފައިސާ ނުހޯދުނު؛ މަދު ބަޔަކަށް ދައުވާ ކުރި ނަމަވެސް، އެ ވައުދު ފުއްދުނު ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ 

  • ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ހިސާބަކީ ސަރުކާރުން ގިނަ މީޑިއާތަކަށް ފައިސާ ދީގެން، އެ މީޑިއާތައް ދަނީ ކޮންޓްރޯލްކުރަމުން

  • އަސާސީ ހައްގުތައް ކަށަވަރު ކުރާނެ ކަމަށް ވައުދުވި؛ އަދިވެސް މާލޭގައި އެއްވުމަކީ މަނާކަމެއް އަދި އެ ގާނޫނު އިސްލާހު ނުކޮށް ކޮމިޓީގައި އޮތީ ޕާކްކޮށްފައި

  •  ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމްކުރުމުގެ ވާހަކަ ކެމްޕެއިންގެ ތެރޭގައި ދެއްކި؛ އެ ކަމެއް ނުކުރެވުނު

ގުޅުން ހުރި ކަމެއް - ޖެއެސްސީ ބަދަލުކުރުމަށް ސަރުކާރުގެ ވިސްނުން ހުރީ މި ދައުރުގެ ފަހުކޮޅު އެކަން ކުރުމަށެވެ. މިިދޔަ އަހަރުގެ މެދުތެރޭގައި އެ މަސައްކަތް ފަށައި ދިރާސާއެއް ހެދި އެވެ. އަދި މަޖިލިސް މި ދައުރަށް ހުޅުވުމާ އެކު، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް ސޯލިހް މިގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މިިދިޔަ މަހު މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފަށައިގެން މަހެއްހާ ދުވަސްވީއިރު އަދިވެސް އެ ބިލެއް ނުފޮނުވަ އެވެ.

'ހަތް ސުވާލު' އަލީ ހުސައިންއާ އެކު:

އިތުރު އާޓިކަލް

އިތުރު އާޓިކަލް