ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ޖުމްހޫރީ ޕާޓީގެ ހަރަކާތެއްގައި ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/ މުހައްމަދު ޝަރުހާން

އިންޑިއާގެ ނުފޫޒާ ހެދި އެކަނި ދެވަނަ ދައުރެއް ދޭކަށް ނުޖެހޭ: އަލީ ހުސައިން

އަލީ ހުސައިން ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުތެރޭގެ ސަރަހައްދު ވެސް އިންޑިއާ އިން އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައި އޮތް މިންވަރުގެ ސަބަބުން އެކަނި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދި ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް މަޝްވަރާކުރަމުން އަންނަ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވާ އަލީ ހުސައިން ސަރުކާރަށް ފާޑުވިދާޅުވީ، މި ހަފްތާގައި އާންމު ކުރި 'ދައުރު'ގެ 'ހަތް ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - އަލީ ހުސައިން ވިދާޅުވި ގޮތުގައި، ރައްޔިތުން މި ސަރުކާރު އިންތިހާބު ކުރީ ވަރަށް ފޮނި އުންމީދުތަކާ އެކު އެވެ. ނަމަވެސް އިންތިހާބުވުމަށް ފަހު، ކަންކަން ހިނގަމުންދާ ގޮތުން އިތުރު ދައުރެއް ދޭން އޭނާގެ ތާއީދެއް ނެތެވެ. މައިގަނޑު އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތުމެވެ.

"ބޭރުގެ ނުފޫޒުގެ ވާހަކަ، އެ ސަބަބާ ހެދި އެކަނި ވެސް [ ދެވަނަ ދައުރެއް ދޭން ނުޖެހޭ]... ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލި ފަހުން، ރާއްޖޭގައި ބޭރުގެ ނުފޫޒު އެންމެ ގަދަވި ދުވަސްވަރަކީ މިއީ. [އެހެންވީމަ] ބައިވަރު ސަބަބު އެބަހުރި މި ސަރުކާރު ބަދަލު ކުރަން ޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

އިންޑިއާއާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވުންތަކެއް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންތާކުންތޯ ފަށާނީ. ފަށަން ރަނގަޅު ވާނެ، އުތުރު ތިލަފަޅުގައި ބަނދަރެއް ހަދަން [އިންޑިއާއާ އެކު] އެކުލަވާލި އެއްބަސްވުން. މަޖިލީހުގެ 241 ކޮމިޓީގައި ސްލައިޑްތަކެއް ދައްކާލީ. އަޅުގަނޑުމެންނަށް [އެއްބަސްވުން] ސާފުކޮށް ކިޔާލާކަށް ނުލިބޭ. ރައްޔިތުންނަށްޓަކައި ކުރެވޭ މިފަދަ އެއްބަސްވުމެއްގައި އޮތީ ކޯޗެއްކަން ރައްޔިތުންނަށް އެނގެން ޖެހޭނެ،" އެ ކޮމިޓީގައި އިންނަވާ އަލީ ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި، އެ ބަނދަރު އެޅުމަށް ފަހު، އިންޑިއާގެ މީހުން [ނުވަތަ] އިންޑިއާގެ ނޭވީ މި ތަނަށް އަންނަންޏާ ހަމައެކަނި އިންފޯމް ކޮށްލަން [އަންގާލަން] މި ޖެހެނީ، އެއްގޮތަކަށް ވެސް ހުއްދަ ނަގާކަށް ނުޖެހޭ."

'ދައުރު'ގެ 'ހަތް ސުވާލު' ޕްރޮގްރާމްގައި އަލީ ހުސައިން ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ކެންދޫ ދާއިރާގެ މަޖިލިސް ގޮނޑި ދެ ވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ އަލީ ހުސައިން ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުތެރޭގެ ސަރަހައްދު ވެސް އިންޑިއާ އިން އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. އެގޮތުން:

  • އިންޑިއާ އިން ދީފައި އޮތް ހެލިކޮޕްޓަރު ދުއްވުމަށް އިންޑިއާގެ ސިފައިން ފުދޭ ވަރަކަށް ދަނީ ހަރަކާތްތެރިވަމުން؛ އެ ގައުމުގެ ޖާސޫސީ އެޖެންޓުން އެކަށީގެންވާ އަދަދަކަށް ހަރަކާތްތެރިވޭ

  • ރާއްޖޭގެ އުތުރުން، ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް ހަވާލުކުރީ އިންޑިއާ ކުންފުންޏަކަށް

  • ރާއްޖޭގެ ދެކުނުން، އައްޑޫ ގަން އެއާޕޯޓު ތަރައްގީކުރަން ހަވާލުކުރީ ވެސް އިންޑިއާގެ ކުންފުންޏަކާ؛ ދެކުނުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރަން ދަނީ މަސައްކަތް ކުރަމުން

ރާއްޖޭގެ ޗާޓުތައް ކުރެހުމަށް އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމަށް ވެސް އަލީ ހުސައިން ފާޑުވިދާޅުވި އެވެ. އެއީ "ސީދާ ރާއްޖޭގެ ސަލަމަތާއި ރައްކާތެެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ" އެއްބަސްވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ހަގީގަތުގައި ކާބަފައިންގެ ޒަމާނުއްސުރެ އަޅުގަނޑުމެންގެ މިނިވަންކަން ހިފެހެއްޓީ، އަޅުގަނޑުމެން މާ މޮޅުވެގެންނެއް ނޫނޭ. އަޅުގަނޑުމެންގެ ފަރުތައް ހުރި ގޮތުން، އެ ފަރުތައް އޮތް ގޮތާއި ހުރި ނެތް ގޮތް އެނގެނީ ހަމައެކަނި ދިވެހިންނަށް ކަމަށް ވާތީ، އަޅުގަނޑުމެންނަށް ހަމަލާ ދޭން އައި މީހުން ފަރުތަކަށް އުރި، ހުރިހާ ގޮތް ގޮތެއްވީ،" އަލީ ހުސައިން ވިދާޅުވި އެވެ.

"އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އުޅެނީ އެ ހައިޑްރޯގްރަފީ ޗާޓު ކުރަހަން ދީގެން. ޗާޓް ހަމައެކަނި ކުރަހަނީކީ ނޫން. ޗާޓުގެ ކޮޕީ ރައިޓްސް ވެސް މި ލިބެނީ އިންޑިއާއަށް."

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން  24 އޮކްޓޫބަރު 2021ގައި ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުން: އަލީ ހުސައިން ވިދާޅުވީ، އެ އެއްބަސްވުމުގައި އޮތް އެއްޗެއް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް. (ފޮޓޯ/ މަޖިލިސް)

މި ސަރުކާރުން ލޯނެއް ނެގިޔަސް ނަގަނީ އިންޑިއާގެ ބޭންކަކުން އަދި ބޮޑު މަޝްރޫއެއް ހިންގިޔަސް ދެނީ އެ ގައުމުގެ ކުންފުންޏަކަށް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ، ތިލަމާލެ ބުރިޖު އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނެގީ އެ ގައުމުގެ ކުންފުންޏަކަށް އެ މަޝްރޫއު ދޭ ގޮތަށް ޝަރުތުކޮށްފައި ކަމަށެވެ.

"އެ ވަރަކުން އަދި ނިމުނީއެއް ނޫން. އެއީ އެންމެ ހެއްވާ ކަމަކީ މި ބްރިޖު [އެގްރިމަންޓާ] ގުޅިގެން މައްސަލައެއް ދިމާވެއްޖިއްޔާ ވެސް އާބިޓްރޭޝަންއަށް ވެސް [ދާން ޖެހެނީ އިންޑިއާގެ] މުމްބާއީ އާބިޓްރޭޝަނަށް. ދެން ކިހާ ވަރެއްތޯ ވާނީ؟،" އޭނާ ސުވާލު އުފެއްދެވި އެވެ.

"އިންޑިއާގެ ނުފޫޒު [ރާއްޖެއަށް] އޮތް މިންވަރުގެ ވާހަކަ ދައްކާ ދައްކާ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ދަރަޖައަށް މި އޮތީ."

މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/ މަޖިލިސް)

އަލީ ހުސައިން ކުރެއްވި އަނެއް ތުހުމަތަކީ، ފޮރިން މިނިސްޓްރީ މެދުވެރިކުރުމެއް ނެތި، އިންޑިއާ އިން ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި މިނިސްޓްރީތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމެެވެ.

ހަމަ އެއާ އެކު، ކިރިޔާ ވެސް އިންޑިއާއާ ގުޅުން ގޯސްވެދާނެހެން ހީވާ ނިންމުމެއް މީގެ ކުރީގެ ސަރުކާރުތަކުން ނިންމުމުން، އިންޑިއާ އިން ރާއްޖެއަށް "ޖެއްސުން" ކުރާ މައްސަލަ ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މި ހިސާބަށް ދިޔައިމަ، އަޅުގަނޑުމެންނަކީ ހަމަ މިނިވަން ބައެއްތޯ؟ މިނިވަން ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެމި އޮވެދާނެތޯ؟ މި ސުވާލު ވެސް ކުރަން އެބަ ޖެހޭ،" އޭނާ ސުވާލު އުފެއްދެވި އެވެ.

"ހަމަ އެއާ އެކު، ކިރިޔާ ވެސް އިންޑިއާގެ ގުޅުން ގޯސްވާ ގޮތަށް ސަރުކާރުން ކަމެއް ވާއިރަށް އަޅުގަނޑުމެންނަށް ފެންނަނީ އިންޑިއާ ހައި ކޮމިޝަން ކައިރީ ބޮޑު ސިންގާ ކިއުއެއް. ޖެއްސުން ނޫންތޯ އެ ކުރަނީ؟ ކޮން ކަމެއްތޯ އެ ކުރަނީ؟"

ބޭރުގެ ނުފޫޒުގެ ވާހަކަ، އެ ސަބަބާ ހެދި އެކަނި ވެސް [ ދެވަނަ ދައުރެއް ދޭން ނުޖެހޭ]... ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލި ފަހުން، ރާއްޖޭގައި ބޭރުގެ ނުފޫޒު އެންމެ ގަދަވި ދުވަސްވަރަކީ މިއީ. [އެހެންވީމަ] ބައިވަރު ސަބަބު އެބަހުރި މި ސަރުކާރު ބަދަލު ކުރަން ޖެހޭ.

އަލީ ހުސައިން / ކެންދޫ ދާއިރާގެ މެންބަރު

އަލީ ހުސައިން އިތުރަށް ވިދާޅުވީ:

  • އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުއްސަމަދު މި ފަހުން އިންޑިއާގައި ހުންނަވަނިކޮށް އެ ގައުމުގެ އިމިގްރޭޝަނުން އޭނާ ހައްޔަރުކޮށް ޑީޕޯޓްކޮށްލި މައްސަލައަށް އިޝާރާތްކުރައްވައި އަލީ ހުސައިން ވިދާޅުވީ ދިވެއްސަކާ މެދު އިހާނެތިކޮށް އަމަލުކޮށް، އެ ގައުމުން ފޮނުވާލުމުން، އޭނަގެ ހައްގުގައި ވާހަކަދެއްކުމުގެ ބަދަލުގައި ދިވެހި ސަރުކާރުން ވާހަކަދެއްކީ އިންޑިއާގެ ދިފާއުގައި ކަމަށް؛ އެއީ ވަރަށް ދެރަވަރު ކަމެއް

  • މިނިވަން ދައުލަތެއްގައި އޮތުމަށް ބޭނުންވާ ކަމަށްވާ ނަމަ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރަން ޖެހޭ؛ ހާއްސަކޮށް ކާބޯތަކެތި އުފައްދަން ފަށަން އެބަ ޖެހޭ

  • އެހެން ނޫނީ މިނިވަންކަން ހިފަހައްޓަން އުދަނގޫވާނެ؛ ދަރަނިތަކުގެ ތެރެއިން ދަރަންޏެއް އެއް ފަހަރު ނޫނީ ދެ ފަހަރު ނުދެއްކުނަސް މިނިވަންކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު

"ހަގީގަތުގައި މި މައްސަލައަކީ ކޮންމެހެން އިންޑިއާގެ ނުވަތަ ބޭރު އެހެން ބައެއްގެ މައްސަލައެއް ނޫން. އަޅުގަނޑުމެންގެ އަމިއްލަ މައްސަލަ. އަޅުގަނޑުމެން ކަން ކުރާ ގޮތުން. އެއީ އަޅުގަނޑުމެން ނިންމާނީ ބޭރުގެ ކިހާ ވަރެއްގެ ނުފޫޒެއްތޯ އަޅުގަނޑުމެންނަށް އޮންނާނީ. އަޅުގަނޑުމެން ލޯނު ނަގަންޏާ ލޯނު ނަގަނީ ކޮން ގައުމަކުންތޯ. މި ހުރިހާ ކަމެއް ނިންމާނީ އަޅުގަނޑުމެން އަމިއްލައަށް. އެއް ގައުމަކުންތޯ ހުރިހާ ލޯނެއް ނަގަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.

"މިއަދު މި ފެންނަނީ ކޮންމެ ކަމެއްގައި، މިސާލަކަށް، ދެ ރަށެއްގެ ދޭތެރޭ ދުއްވުމަށް ޑިންގީއެއް ވެސް އިންޑިއާ އިން ހިލޭ [ދިން ތަން] ފެނުން. ރަށެއްގައި ޖެހި މަގު ބައްތި ވެސް އިންޑިއާގެ އެހީގައި. މި ހިސާބަށް ދިޔައިމަ ކީއްކުރަން ނަގާ ޓެކްސްއެއްތޯ ސުވާލު ކުރަން ޖެހޭ."

'ހަތް ސުވާލު' އަލީ ހުސައިންއާ އެކު:

ކޮމެންޓް (2)

ރެއްކަބޭ

17 މާރިޗު 2023
މިކަހަލަ ބޮލުރޮދިކެނޑިފައި ތިބިމީހުން މީހާރު ޖޭޕީން ބޭރުކުރަންޖެހޭ. މިކަހަލަމީހުން ގޮވައިގެން އުޅެން ގާސިމަށް ވަރަށް އުނދަގޫވާނެ. ރިޔާސީކެންޑިޑޭޓަކަށް މިހަފަހަރުވެސް ނިކުމެފާނެ.
0 1

ލޫކަސް9

15 މާރިޗު 2023
ރާއްޖޭގެ ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތައް ދީނީ އިންޑިއާގެ ކުންފުނިތަކަށް އެގޭ މަސައްކަތަކަށް އެއްވެސް ދިވެއްސެއް ނުނަގާ، ލޮޖިސްޓިކްވެސް އެމީހުންގެ އަމިއްލަ ކޮޅުވެއްޓި ހަމައެކަނި ކެޕްޓަން މި ނަގަނީ، މިތާގައި ހަދާނެ އެއްޗެއް އެ ހަދަނީ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް