ޖޭޕީ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމުގެ %99 ޔަގީންކަން އެބަ އޮތް: އަލީ ހުސައިން

އޭނާ ވިދާޅުވީ މިހާރު އޮތް ހާލަތަކީ 2018ގެ ރިޔާސީ އިންތިހާބުގައި އޮތް ހާލަތެއް ނޫން ކަމަށް އަދި އެހެން ޕާޓީއެއްގެ ފަހަތަށް އަރަން ޖެހޭ އެެކަށީގެންވާ ސަބަބެއް ވެސް ނެތް ކަމަށް

މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަކި ކެންޑިޑޭޓަކު ނެރެ ވާދަކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަލީ ހުސައިން މިގޮތަށް ވިދާޅުވީ، މި ހަފްތާގެ 'ދައުރު'ގެ ހަތް ސުވާލު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. 

ބުނީ ކީކޭ؟ - "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަމަ ގާތްގަނޑަކަށް %99 ޔަގީން ޖޭޕީން ކެންޑިޑޭޓަކު ނެރޭނެކަން... ކޮންގްރެސްގެ އިއްތިފާގުން އެންމެން އާނއެކޭ ބުނި ބަހެއް ބޮލާލާ ޖަހާނޭކަމަށް ގަބޫލެއް ނުކުރަން. އަދި ކޯލިޝަން ހަދައިގެން ބައެއްގެ ފަހަތަށް އަރައިގެން ދާން ޖެހޭ ވަރުގެ ސަބަބުތަކެއް ހުރިކަމަށްވެސް ގަބޫލެއް ނުކުރަން،" ދެވަނަ ދައުރަކަށް ކެންދޫ ދާއިރާއަށް ހަމަ ޖޭޕީގެ މެންބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގެން ހުންނެވި އަލީ ހުސައިން ވިދާޅުވި އެވެ.

'ދައުރު'ގެ ހަތް ސުވާލު ޕްރޮގްރާމްގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އެނގުން މުހިންމު - މިދިޔަ މަހު ފަހުކޮޅު ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ:

  • ރިޔާސީ އިންތިހާބަށް އެޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ޕާޓީގެ ކައުންސިލަށް ލަފާ ދިނުމަށް 

  • އެ ލަފަޔާ ގުޅިގެން މިހާތަނަށް ކައުންސިލުން އެކަމާ މެދު ގޮތެއް ނިންމާފައެއް ނެތް

  •  ނަމަވެސް އެ ޕާޓީން އަންނަނީ ސިޔާސީ ލީޑަރުންނާއި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން 

  • އެ މަޝްވަރާތައް ކުރުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކައުންސިލް ވަނީ ދީފައި

އަލީ ހުސައިން ވިދާޅުވި ގޮތުގައި ގައުމީ ކޮންފަރެންސްގެ ގަރާރު ފާސްވީވެސް އެއާ ދެކޮޅަށް ވާހަކަ ދެއްކި ބޭފުޅުންވެސް ވޯޓު ދެއްވައިގެންނެވެ. އެ ގަރާރު ބޮލާލާ ޖަހައި، އިންތިހާބުގައި ވާދަ ނުކުރަން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމައިފިނަމަ، އެއީ ޕާޓީގެ ކުރިމަގާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭނެ ނިންމުމަކަށް ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ޖަލު ހުކުމެއްގެ ސަބަބުންކަން ފާހަގަ ކުރައްވައި އަލީ ހުސެއިން ވިދާޅުވީ، މިފަހަރު އިންތިހާބު އަންނަ އިރު އޮތީ ކުރިން އޮތް ހާލަތެއް ނޫން ކަމަށާއި ހާލަތު މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ.

"އިންތިހާބުތަކުގައި ވާދަކުރެވޭ ގޮތަށް ހާލަތު ރަނގަޅުވީމާ، އާންމު ރައްޔިތުންނާ އެންގޭޖްވުމަށް އޮތް ހަމައެކަނި ގޮތަކީ، އިންތިހާބުތަކުގައި ބައިވެރިވުން. އަދި ޕާޓީއަށް ލިބިފައިވާ ތާއީދުވެސް މިނެކިރާލަން ލިބޭނެ ހަމައެކަނި ފުރުސަތަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުން،" އަލީ ހުސައިން ވިދާޅުވި އެވެ.

26 ފެބްރުއަރީ 2023 - ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން ގާސިމް އިބްރާހިމް (ފޮޓޯ/އ ޖޭޕީ)

ޖޭޕީގެ ފަރާތުން ވާދަކުރައްވާނީ ގާސިމްތޯ ކުރި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ، ބޮޑަށް ބެލެވެނީ އެގޮތަށް ކަމަށެވެ.

"އެއީ ޖުމްހޫރީ ޕާޓީގައި މިވަގުތު އެންމެ ޕޮޕިއުލާ އަދި އެންމެ މީހުން ގަދަރުކުރާ މީހަކީވެސް ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމްކަމަށްވާތީ،" އަލީ ހުސައިން ވިދާޅުވި އެވެ.

ޕާޓީ ތެރެއިން ޕްރައިމަރީއަކަށް ހުޅުވާލިޔަސް، ގާސިމްއާ ވާދަކުރާނެ ފަރާތެއް ހުންނާނެ ކަމަށް އަލީ ހުސައިން އަށް ގަބޫލެއް ނުކުރެއްވެ އެވެ. އަދި މި ދަނޑިވަޅުގައި ޕާޓީގެ ރޫހު ހުރީވެސް ގާސިމް ކުރިމަތިލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ގޮތަކަށް ދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ފަސް މަންޒަރު - އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިހާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވި އެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ އަދަދަށް ދެ އިންތިހާބުގައި ވެސް ވޯޓު ލިބިވަޑައެއް ނުގަތެވެ.

ނަމަވެސް، ކުރިން އޮތް ތިން އިންތިހާބުގައި ވެސް ކޮންމެ ވެރިއަކަށް ވެސް ކާމިޔާބު ހޯއްދެވިފައި ވަނީ، ޖޭޕީއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެ ޕާޓީ ވެފައިވަނީ ކޮންމެ އިންތިހާބެއްގެ ނަތީޖާ އަނބުރާލުމުގައި މުހިންމު ރޯލެއް އަދާ ކުރާ ޕާޓީއަކަށެވެ.

ކޮމެންޓް (4)

މަމީމަ

11 މާރިޗު 2023
ޕޮޕިއުލަރ ވަރާ ރައްޔިތުންގެ ތާއީދު އޮތްވަރު ފާއިތުވެ ދިޔަ އިންތިޚާބު ތަކުން ވަނީ ވަރަށް ރީތިކޮށް ފެނިފަ. ވަރަށް ސަލާމް
0 0

ޙަސަން

9 މާރިޗު 2023
ހާދަ އާޓު ބޮޑޭ ދޯ، ގާސިމް ބޭނުން ވާނެ މުޅި ރާއްޖެ
0 1

ކ މޫސަ

9 މާރިޗު 2023
އަޖައިބެއް ކަހަލަ ޕާޓީއެއްދޯ. ކެންޑިޑޭޓްނެރެންވެސް ޖެހެނީ ގަދަކަމުން.😂
0 1

ރަގަޅު ގޮތް

9 މާރިޗު 2023
ތީގައި އެންމެ ރަގަޅު ގޮތަކީ އަލީ ހުސެއިން ވާދަކުރުން. ގާސިމަށް ވުރެ ގިނަ ވޯޓު އާންމުންގެ ތެރެއިން އަލީއަށް ލިބޭނެ. އެކަމަކު ޖޭޕީ ތެރޭ އެންމެން ވެސް ތިބޭނީ ގާސިމް ކުރިމަތިލާން ބޭނުންވީމާ ދޫކުރާ ގޮތަށް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް