ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިފައިވާ ގޮތަށް ބަދަލު ގެނައުމުގެ މަސައްކަތުގެ ތެރެއިން ޖޭއެސްސީއާއި ސުޕްރީމް ކޯޓް މަޝްވަރާ ކުރަނީ (ފޮޓޯ / އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީސް)

އޭޖީގެ ދިރާސާ: އެންމެން ވެސް ބޭނުންވަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން

ހިޔާލު ދިން ގިނަ މީހުން ބުނީ މިހާރު ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮންނަ ގޮތުން ސިޔާސީ ނުފޫޒު ކޯޓްތަކަށް ފޯރާ ކަމަށް
1 ޑިސެމްބަރު 2022

ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން އާންމުންނާއި ވަކީލުންނާއި ފަނޑިޔާރުންގެ އިތުރުން ރާއްޖެ އާއި ބައިނަލްއަގުވާމީ ޖަމިިއްޔާތަކުން ބޭނުންވާ ކަމަށް ބަންޑާރަ ނައިބު، އޭޖީގެ އޮފީހުން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު އެ އޮފީހުން ބުނފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގައި އެ ކޮމިޝަނަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ އެކު މަޝްވަރާކޮށް އެ އޮފީހުން ވަނީ ހިޔާލު ހޯދާފައިވެ އެވެ.

މަޝްވަރާތަކުގައި ބައިވެރިވީ ފަރާތްތަކަކީ:

  • އާންމުން

  • ކޯޓުތަކުގެ ފަނޑިޔާރުން

  • ވަކީލުން

  • މަދަނީ ޖަމިއްޔާތައް

އޭގެ އިތުރުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެނިހެން ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ދާއިރާ އާއި ޖޭއެސްސީ އިސްލާހުކުރުމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓުތަކާއި ލިޔުންތައް ވެސް ދިރާސާ ކަރުދާހުގައި ހިމަނާފައިވެ އެވެ.  

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުން (ފޮޓޯ/ ޖޭއެސްސީ)

ތަފްސީލް -  އޭޖީ އޮފީހުން ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ މަސައްކަތުގެ ދަށުން ކަމާބެހޭ ގިނަ ފަރާތްތަކާއި ބައްދަލުކޮށް، ޖޭއެސްސީގައި ހުރި މައްސަލަތަކާއި ޖޭއެސްސީއަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ހިޔާލު ހޯދާފައިވެ އެވެ.

އެ ބައްދަލުވުންތަކާ ގުޅޭ ގޮތުން އޭޖީ އޮފީހުން މިއަދު ޝާއިއުކުރި ކަރުދާހުގައި މަޝްވަރާގައި ބައިވެރިވި ގިނަ ފަރާތްތަކުން އެ ކޮމިޝަނުގައި ސިޔާސީ މެމްބަރުން ތިބެން ގިނަ ބަޔަކު ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް މަޖިލިސް ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮމިޝަނުގައި ތިބެން ބޭނުން ނުވާ ކަން ފާހަގަ ކޮށްފައިވެ އެވެ. ގިނަ ބަޔަކު ބޭނުންވީ ފަނޑިޔާރުންނާއި ފަންނީ މީހުން ހިމަނައިގެން ކޮމިޝަން އެކުލަވާލަން ކަމަށް އޭޖީ އޮފީހުގެ ކަރުދާހުގައިވެ އެވެ.

އެގޮތުން ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ދިރާސާގެ ބައިވެރިގެން ފަރާތުން އައިސްފައިވާ ހުށަހެޅުންތަކުގެ ގޮތުގައި ކަރުދާހުގައި ފާހަގަކޮށްފައިވަނީ:

  • ޖޭއެސްސީން ހުށަހެޅީ ފަނޑިޔާރުންނާއި ފަނޑިޔާރުން ނޫން ފަރާތްތައް އެއް ހަމަކުރަން

  • ފަނޑިޔާރުންގެ ފަރާތުން އައިސްފައިވާ ހުށަހެޅުންތަކުގައި ގިނައިން ހުރީ އެކި މަރުހަލާގެ ކޯޓުތައް ތަމްސީލުކުރާ ފަނޑިޔާރުން ހިމެނޭގޮތަށް، ފަނޑިޔާރުންނަށް އަގުލަބިއްޔަތު ލިބޭ ގޮތަށް ޖޭއެސްސީ އެކުލަވާލަން

  • މަދަނީ ޖަމިއްޔާތަކުން ހުށަހެޅީ ފަނޑިޔާރުން މަދު، ފަނޑިޔާރުން ނޫން ފަރާތްތައް ގިނައިން ނުވަތަ ފަނޑިޔާރުންނާއި ވަކީލުންނާއި ވެރިކަން ހިންގުމުގެ ބާރުތައް ހިމަނައިގެން ހަމަހަމަކޮށް ޖޭއެސްސީ ބާއްވަން

  • އެއްވެސް ހުށަހެޅުމެއްގައި މަޖިލިހުގެ ރައީސް ކޮމިޝަނުގައި ހުންނަން ފެންނަ ކަމަކަށް ބުނެފައެއް ނުވޭ

ޖޭއެސްސީގައި ސިޔާސީ މެމްބަރުން ތިބުމަކީ، އެ ކޮމިޝަން މިނިވަން ތަނެއްގެ ގޮތުގައި ސިފަކުރަން އެންމެ ބޮޑު އެއް ހުރަސް ކަމަށް ވެސް ގިނަ ބައިވެރިން ބުނެފައިވެ އެވެ. އެކަމަކު ފާރަވެރި ނިޒާމެއްގެ ތެރެއިން ސިޔާސީ ވަޒީފާތަކުގައި އުޅޭ މީހުން ކޮމިޝަނުގައި ތިބުމަކީ ކޮންމެހެން ގޯސް ކަމެއް ނޫން ކަމަށް ވެސް ހުށަހެޅުންތައް ލިބިފައިވެ އެވެ.

މަޖިލިސް ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: މި ހައިސިއްޔަތުން މިހާރު ޖޭއެސްސީގައި ހުންނަވާ (މަޖިލިސް ފޮޓޯ)

އާންމުން ބުނީ ޖޭއެސްސީ އިސްލާހުކުރަން ބޭނުންވާކަމަށް

ޖޭއެސްސީގެ ކޮމްޕޮޒިޝަނާ ގުޅޭ ދިރާސާއަށް މައުލޫމާތު ދިން އާންމުންގެ %90 މީހުން ބޭނުންވީ ޖޭއެސްސީ އެކުލެވިިގެންވާ ގޮތް ބަދަލުކުރާށެވެ. ދިރާސާގައި ބައިވެރިވި އާންމުންގެ 115 މީހުންގެ ތެރެއިން 110 މީހުން ބުނީ ޖޭއެސްސީ ބަދަލުކުރަން ޖެހޭ ކަމަށެވެ.

ޖޭއެސްސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކަކީ:

  • ރައީސްގެ މެމްބަރާއި ބަންޑާރަ ނައިބާއި މަޖިލިސް ރައީސް އާއި މަޖިލިސް މެމްބަރުން ޖޭއެެސްސީގައި ތިބެން ނުފެނޭ

  • މިހާރު ވަޒީފާ އަދާކުރާ ފަނޑިޔާރުން ހިމެނުމާ މެދު ހިޔާލު ދެގޮތް، އެކަމަކު ރިޓަޔާކޮށްފައިވާ ފަނޑިޔާރުން ކޮމިޝަނުގައި ތިބެން ގިނަ ބަޔަކު ބޭނުން

  • ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރަކާއި ގާނޫނީ ވަކީލަކާއި އާންމުންގެ މީހަކު ހިމަނަން ގިނަ ބަޔަކު ބޭނުން

  • ކޮމިޝަނުގެ މެމްބަރުންގެ އަދަދު މަދުކުރަން ފެނޭ، ކޮމިޝަނު އެކުލަވާލަން ބޭނުންވަނީ ޝަރުއީ ދާއިރާ އާއި ދައުލަތާއި އާންމުން ހިމަނައިގެން

ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

އެނގުން މުހިންމު - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ 2019ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން ވިއްކި 'އެޖެންޑާ 19'ގައި ވެސް ހިމެނޭ ކަމެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ކަމަށް ބުނެ، އޭޖީ އޮފީހުން މި މަސައްކަތް 'ރަސްމީކޮށް' ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. 

އޭރު ބުނީ، ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރަން ބިލު އެކުލަވާލައި ހިނގަމުންދާ މަޖިލީހުގެ ތިން ވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކުރާ ކަމަށެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމާ ހަމައަށް ބިލު ހުށަހަޅާފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް