ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބައެއް މެމްބަރުން. (ފޮޓޯ/ ޖޭއެސްސީ)

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އެ ބިލު އެކުލަވާލައި މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކުރާ ކަމަށް އޭޖީ އޮފީހުން ބުނި
29 ސެޕްޓެމްބަރު 2022

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް މުރާޖައާކޮށް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ 2019ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން ވިއްކި 'އެޖެންޑާ 19'ގައި ވެސް ހިމެނޭ ކަމެކެވެ. 

ގާނޫނުއަސާސީ ބުނާ ގޮތުން ޖޭއެސްސީ އަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއަކަށް ވާން ޖެހޭނެ އެވެ.

ވީ ކިހިނެއް؟ - އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޖޭއެސްސީ އަކީ ދެ ފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރަން ބިލު އެކުލަވާލައި ހިނގަމުންދާ މަޖިލީހުގެ ތިން ވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކުރާ ކަމަށެވެ.

އޭޖީ އިބްރާހިމް ރިފްއަތު. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ހަމަ އެއާ އެކު، އެ ބިލު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި ޖޭއެސްސީ އާއި އެ ނޫން ވެސް ކަމާ ބެހޭ ފަރާތްތަކާ އެކު ބާއްވަން ޖެހޭ ބައްދަލުވުންތައް، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް:

  • މަޖިލީހުގެ ރައީސް 

  • މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް 

  • އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހެއް  

  • ރައީސް އައްޔަންކުރައްވާ މީހެއް  

  • ބަންޑާރަނައިބު 

  • ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް 

  • ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ، އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއް

  • ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް  

  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް

ގުޅުންހުރި ކަމެއް - ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކުރިން ވަކާލާތު ކުރި ނަމަވެސް، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ފަހުން ވިދާޅުވީ ޖޭއެސްސީއަށް "ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް" އެ ބާރު ފޯރުވަން އެ ކޮމިޝަންގައި ކޮންމެވެސް ވަރަކަށް ސިޔާސީ މީހުން ތިބެން ޖެހޭނެ ކަމަށެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމެނޭ ގޮތް ހެދުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް، ގާނޫނުއަސާސީއަށް އެކި ފަހަރު މަތިން ހުށަހެޅުއްވި އިސްލާހުތައް ވެސް ވަނީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ބޭރުކޮށްލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް