މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ބޭނުންފުޅުވަނީ ޖޭއެސްސީން ސިޔާސީ މިހުންނާއި ފަނޑިޔާރުން މަދުކުރަން. (ފޮޓޯ/ މަޖިލިސް)

ޖޭއެސްސީއަށް ވަކި ވަރަކަށް ސިޔާސީ ބާރު ފޯރުވަން ސިޔާސީ މީހުން ތިބެން ޖެހޭ: ނަޝީދު

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އިންނެވުމަކީ 'އުނިކަމެއް' ކަމަށް އަދި ސިޔާސީ މީހުން މަދުކުރަން ޖެހޭ ކަމަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިނުމަކީ "އުނިކަމެއް" ކަމަށް ވިޔަސް، ޖޭއެސްސީއަށް "ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް" އެ ބާރު ފޯރުވަން އެ ކޮމިޝަންގައި ކޮންމެވެސް ވަރަކަށް ސިޔާސީ މީހުން ތިބެން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ނަމަވެސް، ސިޔާސީ މީހުން ޖޭއެސްސީން މަދުކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިންމު - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ، 2019ގައި ބޭއްވި މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން ވިއްކި 'އެޖެންޑާ 19'ގައި ވެސް ހިމެނޭ ކަމެކެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމެނޭ ގޮތް ހެދުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް، ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގެ އިބްތިދާއީ ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަށާފަ އެވެ.

އެ އިސްލާހުގެ ބަހުސްއަށް ހުޅުވާލެއްވުމުގެ ކުރިން ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތާ މެދު އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފަ އެވެ.

މީހާ އަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހެއް ކަމަށް އެއްވެސް މީހެއްގެ ނިއްކުރީގައި ޖަހާފައި ނުވޭ. އަބަދު ވެސް މީހަކު ކަނޑައެޅެނީ ރައްޔިތުންގެ ތެރެއިން ރުހުން ލިބޭ މީހުންގެ ތެރެއިން. އެކަން ކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިފައި އޮތީ ވޯޓު ނެގުން.

މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް

ޖޭއެސްސީ އެކުލެވިގެންވާ ގޮތް:

  • މަޖިލީހުގެ ރައީސް

  • މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް

  • އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހެއް

  •  ރައީސް އައްޔަންކުރައްވާ މީހެއް

  •  ބަންޑާރަނައިބު

  • ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ، އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއް

  •  ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް

  •  ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް

ޖޭއެސްސީގައި ބަންޑާރަނައިބު އިނުމުގެ ބޭނުންތެރިކަން ފާހަގަވޭ. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އިތުރު މެންބަރެއް އެ ކޮމިޝަންގައި ހިމެނުމަށް ސަބަބު މެދުވެރިކުރުމަށް ބަޔާން ކުރުމަށް ދަތި.

މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް

ބުނީ ކީކޭ؟ - ނަޝީދު ވިދާޅުވީ ޖޭއެސްސީގައި މިހާރު ސިޔާސީ މީހުންނާއި ފަނޑިޔާރުން ވެސް ތިއްބަވަނީ އެއް އަދަދަކަށް ކަމަށެވެ. ނަމަވެސް ސިޔާސީ މީހުންނާއި ފަނޑިޔާރުން ވެސް މަދުކޮށް، އޭގެ ބަދަލުގައި ހިމަނާނެ ބަޔަކު ކަނޑައަޅާނެ ގޮތްތަކެއް ނިންމަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ މީހުންގެ ތެރެއިން މަޖިލީހުގެ މެންބަރަކު ޖޭއެސްސީގައި އިންނެވުމަށް އެ މަނިކުފާނު ތާއީދުކުރެއްވި އެެވެ.

"މަޖިލީހުގެ ރައީސް އެއީ ދައުލަތުގެ އެއްބާރު. އޭނާ ވެސް ޖޭއެސްސީގައި އިންނަން ޖެހޭ ކަަމަކީ، ތެދުފުޅެއް އުނިކަމެއް. އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިނުމަކީ އެ ތަނަށް ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރަކު ޖޭއެސްސީގައި އިންނަވަން ޖެހޭ ކަމަށް ނަޝީދު ގަބޫލުކުރައްވަނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވާ މީހަކަށް ވާތީ އެވެ.

"ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބުކުރާ ބައެއް. އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެންބަރުން ނޫން ބައެއް ހަމަ އަދިވެސް ނެތް،" ނަޝީދު ވިދާޅުވި އެެވެ.

"މީހާ އަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހެއް ކަމަށް އެއްވެސް މީހެއްގެ ނިއްކުރީގައި ޖަހާފައި ނުވޭ. އަބަދު ވެސް މީހަކު ކަނޑައެޅެނީ ރައްޔިތުންގެ ތެރެއިން ރުހުން ލިބޭ މީހުންގެ ތެރެއިން. އެކަން ކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިފައި އޮތީ ވޯޓު ނެގުން."

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބައެއް މެމްބަރުން. (ފޮޓޯ/ ޖޭއެސްސީ)

ޖޭއެސްސީގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފަނޑިޔާރުންނަށް ފިޔަވަޅުއެޅުން ހިމެނޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެފަދަ މިނިވަން މުއައްސަސާއެއްގައި "ގިނަ އަދަދެއްގެ ފަނޑިޔާރުން ތިބުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް" ކަމަށެވެ. 

"އެހެންކަމުން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން އެއީ ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޖޭއެސްސީގައި ބަންޑާރަނައިބު އިންނަވަން ނަޝީދު ތާއީދުކުރެއްވި ނަމަވެސް، ރައީސްގެ މަންދޫބަކު އެ ކޮމިޝަންގައި ހިމެނުމަށް އެ މަނިކުފާނު ބޭނުންފުޅެއް ނުވެ އެވެ.

"ޖޭއެސްސީގައި ބަންޑާރަނައިބު އިނުމުގެ ބޭނުންތެރިކަން ފާހަގަވޭ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިތުރު މެންބަރެއް އެ ކޮމިޝަންގައި ހިމެނުމަށް ސަބަބު މެދުވެރިކުރުމަށް ބަޔާން ކުރުމަށް ދަތި،" ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލިވިގެންވާ ގޮތް ބަދަލުކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށެޅުއްވި މެންބަރު ތޯރިގް: މިއީ އޭނާ މި އިސްލާހު ހުށަހެޅުއްވި ދެ ވަނަ ފަހަރު. (ފޮޓޯ/މަޖިލިސް)

ފަސްމަންޒަރު - މިއީ ތޯރިގް މި އިސްލާހު ހުށަހެޅުއްވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2020ގައި އޭނާ ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރުމަށް ފަހު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ އިސްލާހު ބޭރުކޮށްލާފަ އެވެ.

މިފަހަރު ތޯރިގް ހުށަހެޅުއްވި އިސްލާހުގައި، ޖޭއެސްސީން ސިޔާސީ އެއްވެސް ބޭފުޅަކަށް ފުރުސަތު ނުދިނުމުގެ އިތުރުން، ފަނޑިޔާރުންނަށް ވެސް ޖާގަ ދީފައެއް ނުވެ އެވެ. ކުރިން ވެއްދި އިސްލާހުގައި އުއްތަމަފަނޑިޔާރާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރަކަށް ޖާގަ އޮތް ނަމަވެސް މިފަހަރުގެ އިސްލާހުގައި އެ ބައި ވަނީ އުނިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް