މަހިބަދޫ ދާއިރާ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ޖޭއެސްސީ ބަދަލުކުރަން ތޯރިގު އަނެއްކާވެސް ނުކުންނަވައިފި، ބޭނުމަކީ ސިޔާސީ އެއްވެސް މީހަކު ނުހިމެނުން

ގާނޫނުއަސާސީއަށް މިފަހަރު ހުށައެޅުއްވި އިސްލާހުގައި ޖޭއެސްސީގެ 10 މެމްބަރުން 8 އަށް ބަދަލުކުރުން ހިމެނޭ
20 އޮކްޓޯބަރު 2021

ޖޭއެސްސީ މިހާރު އޮތް ގޮތް ބަދަލުކުރައްވަން އދ. މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ގާނޫނުއަސާސީއަށް ދެ ވަނަ ފަހަރަށް އިސްލާހެއް ހުށައަޅުއްވައިފަ އެވެ.

މިދިއަ އަހަރު އޭނާ ވެއްދި އިސްލާހަށް ތަޅުމުގައި ބަހުސްކޮށް އެކަމަކު ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ބަލައިނުގަނެ ނެރެ އެއްލައިލިޔަސް ދެ ވަނަ ފަހަރަށް ބައެއް ބަދަލުތަކާ އެކު މި މަހު 13ގައި އާ އިސްލާހު ވެއްދެވީ، ތޯރިގު ވިދާޅުވި ގޮތުގައި، ޖޭއެސްސީ މިހާރު އޮތް ގޮތް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން ވެސް ބޭނުންވާތީ އެވެ.

އާ އިސްލާހުގައި ސިޔާސީ އެއްވެސް މީހަކަށް ފުރުސަތު ނުދިނުމުގެ އިތުރުން ފަނޑިޔާރުންނަށް ވެސް، ޖޭއެސްސީން ޖާގަ ދީފައެއް ނުވެ އެވެ. ތޯރިގު ކުރިން ވެއްދެވި އިސްލާހުގައި އުއްތަމަފަނޑިޔާރާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރަކަށް ޖާގަ އޮތެވެ. ނަމަވެސް މިފަހަރުގެ އިސްލާހުގައި އެ ބައި ވަނީ އުނިކުރައްވައިފަ އެވެ.

ޕަވާ އެބިއުސް ކުރުމުގެ ކަންތައް ފެނިފައި އޮތީމާ، ސިޔާސީ މަސްރަހުގައި އެބަ ގަބޫލުކުރޭ ޖޭއެސްސީ އެބަ ބަދަލުވާން ޖެހޭ ކަމަށް،"

އަހުމަދު ތޯރިގު، މަހިބަދޫ ދާއިރާގެ މެމްބަރު

ތަފުސީލް – ތޯރިގު ފާހަގަކުރައްވާފައިވާ ގޮތުގައި މިހާރު ޖޭއެސްސީ އޮތް ގޮތުން "ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާއި ގޮތްކިއުން އިންތިހާއަށް ބޮޑަށް ހިމެނުމު"ގެ ސަބަބުން އަދުލްއިންސާފު ގާއިމްކުރަން ހުރަސްއެޅެ އެވެ.

ޖޭއެސްސީގެ މެމްބަރުންގެ އޮނިގަނޑަށް ހުށައެޅި އިސްލާހު

  • ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތުނުކުރާ މީހުންގެ ތެރެއިން، އެބައި މީހުން އިންތިހާބުކުރާ މީހަކު

  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައި މީހުން އިންތިހާބުކުރާ ގާނޫނީ ވަކީލަކު

  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައި މީހުން އިންތިހާބުކުރާ އަންހެން ގާނޫނީ ވަކީލަކު

  • ދިވެހިރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އެބައި މީހުން އިންތިހާބުކުރާ ދާރިސަކު

  • ދިވެހިރާއްޖޭގެ ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔައިވައިދޭ ދާރިސުންގެ ތެރެއިން، އެބައި މީހުން އިންތިހާބުކުރާ ދާރިސަކު

  • ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރިނުވާ ތަޖުރިބާކާރުންގެ ތެރެއިން އެބައި މީހުން އިންތިހާބުކުރާ މީހަކު

  • ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރިނުވާ ތަޖުރިބާކާރުންގެ ތެރެއިން، އެބައި މީހުން އިންތިހާބުކުރާ މީހަކު

  • ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރިނުވާ ތަޖުރިބާކާރުންގެ ތެރެއިން، އެބައި މީހުން އިންތިހާބުކުރާ މީހަކު

"މި ފަހުން ދިވެހިރާއްޖޭގައި ކުރެވެމުންދާ ތަޖުރިބާތަކަށް ބަލާއިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގައި ސިޔާސީ މަގުސަދު ހާސިލްކުރުމަށާއި ސިޔާސީ ބަދަލުހިފުމުގެ ގޮތުން، ވެރިކަމާއި ވާދަވެރި ފަރާތްތަކުގެ ޝަރީއަތްތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ނުފޫޒު ފޯރުވާ" ކަމަށް، އިސްލާހު ހުށައެޅުއްވި ސަބަބުތަކުގެ ތެރޭގައި ތޯރިގު ހިމެނުއްވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ވާދަވެރިންގެ ޝަރީއަތްތަކުގެ ހުކުމް ކުޑަތަންވެފައި ވަނިކޮށް ގާޒީން ސަސްޕެންޑްކުރުމާއި ވަކި ގޮތަކަށް ހުކުމްކޮށްދޭ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓު ފަދަ ކޯޓުތަކަށް ޕްރޮމޯޝަން ދޭ ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު: މިހާރު ގާނޫނުއަސާސީ އޮންނަ ގޮތުން މަޖިލިހުގެ ރައީސަށް ވެސް ޖާގަ އޮވޭ(ފޮޓޯ/މަޖިލިސް)

ވަކި ފަނޑިޔާރުންގެ ނަންތަކެއް ނުގެންނެވިޔަސް، ބެލެވޭ ގޮތުގައި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި އިސްކޮށް އިންނެވި ފަނޑިޔާރު އަލީ ރަޝީދު ފަދަ ބޭފުޅުންނަށް އަމާޒުކުރެއްވި ބަހެކެވެ. އޭނާއަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

ނަމަވެސް ތޯރިގު އޭރު ނިސްބަތްވި ޔާމީންގެ ސަރުކާރުން ވެސް ޖޭއެސްސީ އާއި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަކަށް، 'ދައުރު'އާ ވާހަކަ ދެއްކެވި އިރު، ދެކޮޅެއްނުހައްދަވަ އެވެ. އޭނާ ވިދާޅުވީ 2008ގެ އާ ގާނޫނުއަސާސީއަށް އަމަލްކުރަން ފެށިތާ މިވީ 13 އަހަރު ތެރޭގައި ފެނުނު އެކި ވެރިކަމުގައި ވެސް ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ފޯރުވުން ހިނގާ ކަމަށެވެ. ނަމަވެސް އޭނާގެ މަގުސަދަކީ އެފަދަ ނުފޫޒުތައް ވީހާވެސް ކުޑަކުރުން ކަމަށާއި މިހާރު ހުށައެޅުއްވި އިސްލާހު ގާނޫނުއަސާސީއަށް ގެނެވިއްޖެ ނަމަ، ޔަގީނުން ވެސް މިހާރަށް ވުރެ ސިޔާސީ ނުފޫޒު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

"ޕަވާ އެބިއުސް ކުރުމުގެ ކަންތައް ފެނިފައި އޮތީމާ، ސިޔާސީ މަސްރަހުގައި އެބަ ގަބޫލުކުރޭ ޖޭއެސްސީ އެބަ ބަދަލުވާން ޖެހޭ ކަމަށް،" ތޯރިގު ވިދާޅުވި އެވެ.

"ރައީސް ސޯލިހު، ރައީސް ނަޝީދު، އަދި ޕީޕީއެމްއަށް ވެސް އެނގޭ ބަދަލުވާން ޖެހޭ ކަން."

މިހާރު ތިބެނީ 10، އިސްލާހުގައި 8

މިހާރު ގާނޫނުއަސާސީ އޮންނަ ގޮތުން ޖޭއެސްސީގައި 10 މެމްބަރުން ތިބެ އެވެ. އޭގެ ތެރޭގައި ގިނައީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވޭނެ ފަދަ މަގާމުތަކުގައި ތިބޭ މީހުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއް، ސީއެސްސީގެ ރައީސް އަދި ބަންޑާރަ ނައިބަކީ، ސީދާ ސިޔާސީ ނުފޫޒު ތެރޭގައި ތިބޭ މީހުންނެވެ.

އޭގެ އިތުރުން އާންމުންގެ ތެރެއިން ހޮވާ މެމްބަރު ވެސް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލިހުން ކަމަށް ވާތީ ގިނަ ފަހަރަށް އޭގައި ވެސް ސިޔާސީ ނުފޫޒު ފޯރަ އެވެ.

ދެން ތިބެނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ތިން ފަނޑިޔާރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެކެވެ.

ތޯރިގުގެ އިސްލާހުގައި 10 މެމްބަރުން ވަނީ 8 މެމްބަރުންނަށް މަދުކޮށްފަ އެވެ.

ތޯރިގު ވިދާޅުވީ ރާއްޖޭގެ ތަޖުރިބާއަށް ބަލާފައި ޖޭއެސްސީގެ އޮނިގަނޑަށް އާ ބަދަލެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އާ އިސްލާހުގައި އެ އޮތީ މި ވަގުތަށް އޭނާ އާއި އޭނާ ލަފާ ހޯއްދެވި އެކި ތަޖުރިބާކާރުންގެ ވިސްނުމުގައި، އެންމެ ރަނގަޅު ހައްލު ކަމަށް ވިދާޅުވި އެވެ.

އިންތިހާބު ކިހިނެއް؟

ކުރީގެ ރައީސް ޔާމީން، ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ފަހު ގެއަށް ވަޑައިގަންނަވަނީ

މިހާރު އޮތް ގޮތުން އެކި ދާއިރާތަކުން މީހުން އިންތިހާބުކުރަން ވެސް ޖެހޭނީ އާ އުސޫލުތަކެއް ކަނޑައަޅާށެވެ. މިސާލަކަށް ތައުލީމީ ދާއިރާގެ ތަޖުރިބާކާރާއި ގާނޫނީ ފަންނު ނޫން އެހެން ފަންނަކުން މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހުންގެ ތެރެއިން މީހަކު އިންތިހާބުކުރުން ވާނީ، ފަށައިގަންނަ އިރު، އުނދަގޫ ކަމަކަށެވެ. ސަބަބަކީ އެފަދަ މީހުންގެ ދަފުތަރެއް ވެސް ނެތުމެވެ.

"އެ ތަފުސީލުތައް ހިމަނާނީ ގާނޫނުގައި. މިހާރު އެ އޮތީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހު،" ތޯރިގު ވިދާޅުވި އެވެ.

އެނގުން މުހިންމު - ތޯރިގަކީ ޔާމީންގެ ވެރިކަމުގައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ޖޭއެސްސީ އާއި ޝަރުއީ ނިޒާމް ބޭނުންކުރި އިރު ވެސް ޕީޕީއެމްގެ މެމްބަރެކެވެ. ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގެ ބައެއް ފަނޑިޔާރުން ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ބެންޗާ ހަމައަށް ވެސް، އޭރުގެ ސަރުކާރުން "ޕްރޮމޯޝަން" ދިނެވެ. އަދި އެނޫން ވެސް ސިޔާސީ އިދިކޮޅު އެތައް ލީޑަރުންނެއް ބަންދުކޮށް، ޖަލަށް ލައި، އެކި ހުކުމްތައް އިއްވީ ވެސް، ސިޔާސީ ނުފޫޒު އޮވެގެން ކަމަށް، އޭރު އެތައް ބަޔަކު ގަބޫލުކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް