ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުން (ފޮޓޯ/ ޖޭއެސްސީ)

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން މަޖިލިސް ހުޅުވުމުން ހުށަހަޅަނީ

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް
29 ޑިސެމްބަރު 2022

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އަންނަ ފެބްރުއަރީގައި މަޖިލީހުގެ އާ ދައުރު ފެށުމުން ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ 2019ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން ވިއްކި 'އެޖެންޑާ 19'ގައި ވެސް ހިމެނޭ ކަމެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ކަމަށް ބުނެ، އޭޖީ އޮފީހުން މި މަސައްކަތް 'ރަސްމީކޮށް' ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. 

އޭރު ބުނީ، ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރަން ބިލު އެކުލަވާލައި ހިނގަމުންދާ މަޖިލީހުގެ ތިން ވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކުރާ ކަމަށެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ނިމުމާ ހަމައަށް ވެސް އެ ބިލު ހުށަހަޅާފައެއް ނުވެ އެވެ.

  • ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކުރިން ވަކާލާތު ކުރި ނަމަވެސް، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީއަށް "ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް" އެ ބާރު ފޯރުވަން އެ ކޮމިޝަންގައި ކޮންމެވެސް ވަރަކަށް ސިޔާސީ މީހުން ތިބެން ޖެހޭނެ ކަމަށް ވިދާޅުވެފައި

  • ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމެނޭ ގޮތް ހެދުމަށް އިދިކޮޅުން ގާނޫނުއަސާސީއަށް އެކި ފަހަރު މަތިން ހުށަހެޅި އިސްލާހުތައް ވެސް ވަނީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ބޭރުކޮށްލާފައި

ގާތްގަނޑަކަށް ހަ މަސްދުވަހަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 28 ޑިސެމްބަރު 2022 ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - ރައީސް ސޯލިހު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ސަރުކާރުގެ ހަތަރު އަހަރު ނިމިގެން ދިޔައިރު ވެސް، ޖޭއެސްސީ އެކުލެވޭ ގޮތަށް އިސްލާހު ގެނެސްފައި ނުވާތީ، ނޫސްވެރިއަކު ރައީސް ސޯލިހާ ކުރި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެކަމާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކާ އެކު މަޝްވަރާކޮށް ގެންނަން ޖެހޭ އިސްލާހުތައް ނިންމާފައިވާ ކަމަށެވެ.

އެއަށް ފަހު، އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ހުރިހާ ފަރާތެއްގެ އެ މަޝްވަރާތައް ހޯދުމަށް ފަހުގައި މަޖިލިސް ފެށޭއިރުގައި، ފުރަތަމަ ދައުރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުށަހަޅަން މި މަސައްކަތް ކުރަނީ. އެކަން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ 1 އިން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ.

ގުޅުންހުރި ކަމެއް - ރައީސް ވިދާޅުވި ގޮތަށް އޭޖީ އޮފީހުން ވަނީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށްފަ އެވެ. އެގޮތުން އެ މަޝްވަރާތަކުގައި ބައިވެރިވީ ފަރާތްތަކަކީ:

  • އާންމުން

  • ކޯޓުތަކުގެ ފަނޑިޔާރުން

  • ވަކީލުން

  • މަދަނީ ޖަމިއްޔާތައް

ހުރިހާ ފަރާތްތަކުން ވެސް ބޭނުންވަނީ، ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލު ގެނައުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް