'ލަސްވިޔަސް' އިން ފުރުސަތު ލިބުމުން މި ތަރިން ހިތްހަމަޖެހިފައި
މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ފިލްމުތައް ބިނާކުރަނީ މުޖުތަމައުގެ އެކި މައްސަލަތަކުގެ މައްޗަށެވެ. އޯޑިއަންސަށް އޭނާގެ މަސައްކަތް ކަމުދަނީ ވާހަކަ ގެނެސްދޭ ގޮތް ރަނގަޅުވެގެންނެވެ. އަސަރު އޭގެ މޮޅަށް ގެނެސްދީގެންނެވެ.
މިސާލަކަށް 'ދެރިޔާ' ނުކުތުމުގެ ކުރިން ގެވެށި އަނިޔާގެ ވާހަކަ އެހާ އާންމުކޮށް ދައްކައެއް ނޫޅެ އެވެ. އެ ފިލްމު ބިނާކުރީ އަންހެނުންނަށް ލިބޭ އަނިޔާގެ މައްޗަށެވެ.
މިހާރު އަނެއްކާ މި އޮތީ ނިޔާޒްގެ ފިލްމެއް އަޅުވާ މޫސުން ފެށެން ކައިރިވެފަ އެވެ. އެގޮތުން 12 އޭޕްރިލްގައި އޮލިމްޕިހަށް އަންނާނީ 'ލަސްވިޔަސް' އެވެ. މިއީ ވެސް މިހާރު ރާއްޖޭގެ މުޖުތަމައުގައި ހުރި މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ލޯތްބާއި ހިތާމަ އެވެ. ގުޅުމާއި ގުޅުން ކެނޑުމެވެ. މައާފުކުރުމާއި ކުށް ގަބޫލުކުރުމެވެ.
ނިޔާޒުގެ ފިލްމަކުން ފުރުސަތު ލިބުމަކީ ދިވެހި ތަރިންނާއި ފަންނާނުންނަށް ވެސް އުފަލަކަށް ވެ އެވެ. އެ މީހުން ގަބޫލުކުރަނީ ދާއިރާގެ އެހެން ހަރުފަތަކަށް އެ މީހުން ގެންގޮސްދޭ ކަމެވެ.
'ލަސްވިޔަސް'ގެ ބައެއް ފަންނާނުންނާ 'ދައުރު'ން ބައްދަލުކޮށް، އެ މީހުންގެ ހިޔާލު ހޯދާލީމެވެ.
އަހުމަދު އިފްނާޒް ފިރާގު
ފިލްމީ ދާއިރާއަށް އަހުމަދު އިފްނާޒް ތައާރަފުވީ އައި ފިލްމްސްގެ ފުރަތަމަ އުފެއްދުން 'ބަވަތި' އިންނެވެ. އޭގައި އޭނާ ކުޅުނީ ލީޑް ރޯލެކެވެ. އައި ފިލްމްސްގެ 'ނީނާ' އާއި މި ފަހުން ނެރުނު 'ފްރީ ޑެލިވަރީ' އަދި 'ކަންބަޅި' ވެސް ފުރިހަމަވީ އިފްނާޒް ހިމެނިގެންނެވެ. 'ކަންބަޅި'ގެ ކޯ ޑައިރެކްޓަރަކީ ވެސް އޭނާ އެވެ.
އެކްޓިންއާ މެދު އޭނާ ސީރިއަސް އެވެ. އެހެންކަމުން ނިޔާޒުގެ އިޓާނަލް ޕްރޮޑަކްޝަންގެ މަސައްކަތެއްގައި ބައިވެރިވެ، ކާސްޓްގައި ހިމެނުން އޭނާއަަށް ވެސް މުހިއްމެވެ.
'ލަސްވިޔަސް'އިން ފުރުސަތު ހޯދަން މަސައްކަތް ކުރި ގޮތް ކިޔައިދެމުން އިފްނާޒް ބުނީ މި ފިލްމުން ރޯލެއް ދޭން ނިޔާޒު ގާތު އޭނާ އެހުމުން ފުރަތަމަ ލިބުނީ ހީކުރި ކަހަލަ ޖަވާބެއް ނޫން ކަމަށެވެ. ސަބަބަކީ 'ބަވަތި'ގައި ލީޑް ރޯލެއް އަދާކޮށްފައި ހުރި އެކްޓަރަކަށް 'ލަސްވިޔަސް'ގައި ސައިޑް ރޯލެއް ދޭން ޑައިރެކްޓަރު ބޭނުންނުވުމެވެ.
"ވަރަށް ދެރަވެގެން ގެެއަށް ދިޔައިން. ގެއަށް ގޮސް އަންހެނުން [ތާތި] ކައިރި ބުނެފިން ޓެޑް ބުނެފިޔޭ ނޫނެކޭ. ދެން ތާތި ބުނެފި ބޭނުމެއް ނޫންހޭ [އެ ފިލްމުގައި] އުޅެން. އަލުން ދާށޭ. އިއްލެ [ޑައިރެކްޓަރު އިލްޔާސް ވަހީދު] ބުނެފި ޓެޑްގެ ފިލްމެއްގެ ކިތަންމެ ކުޑަ ރޯލެއް ވެސް އެއީ ވަރަށް ބޮޑު ކަމެކޭ،" އިފްނާޒް ކިޔާދިނެވެ.
އަލުން އޭނާ ނިޔާޒް ގާތަށް ގޮސް ސައިޑް ރޯލެއް ވިޔަސް ދޭން އެދުނެވެ. އެކަމަކު ނިޔާޒް ބުނިކަމަށް ވަނީ އެއީ 'ސައިޑްގެ ވެސް ސައިޑް ރޯލެއް' ކަމަށެވެ. މަހެއްހާ ދުވަސް ވަންދެން އެ ބަހުސް ކުރިއަށް ދިޔަ ކަމަށް، އިފްނާޒް ބުންޏެވެ.
އެންމެ ފަހުން އޭނާ ހިމެނުނީ 'ލަސްވިޔަސް'ގެ ތަރިންގެ ތެރޭގަ އެވެ.
މިހާތަނަށް އާންމުކުރި ފިލްމުގެ ފުރަތަމަ ޓްރެއިލާ އިން އޭނާގެ އެ ރޯލުގެ ކުޑަ ތަންކޮޅެއް ފެނެ އެވެ.
މައިޝާ އާދަމް (ތާތި)
ލަސްވިޔަސްގައި މައިޝާ އާދަމް ކުޅެނީ 'ޝިމާނާ'ގެ ރޯލެވެ. އެ ބަޔަށް ނަގާނެ ފަންނާނެއް ކަނޑައަޅަން ތިން މީހެއްގެ އޮޑިޝަން ބޭއްވި އެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް އެ ރޯލުގައި ދައްކަން ޖެހޭ އެކްޓިން ނުދެއްކުނެވެ.
ތާތިއަށް އެ ފުރުސަތު ލިބުނީ އޭގެ ފަހުންނެވެ.
"އިފްނާޒް އަންހެނުން ވެސް ފިލްމު ކުޅޭ ނޫންހޭ، އޭނާ ގެނެސްބަލާށޭ ވާހަކަ ދައްކަން. ވާހަަކަ ދައްކަން އައިމާ ބުނީ މިއޭ ރޯލަކީ،" އޭނާ އެ ފިލްމަށް ވަންނަން ޖެހުނު ގޮތް ކިޔައިދެމުން ތާތި ބުންޏެވެ.
އެހެން ތަރިންނެެކޭ އެއްގޮތަށް އޭނާ ވެސް ހުރީ 'ލަސްވިޔަސް'ގެ ކާސްޓްގައި ހިމެނުމުން އުފަލުންނެވެ. ކުޅުނު ރޯލާ މެދު ވެސް ހިތްހަމަޖެހިގެންނެވެ.
އިބްރާހިމް ޖިހާދު (ޖިމީ)
ފިލްމީ ތަރި ޖިމީ އަހަރެމެންނަށް އެންމެ ފަހުން ފެނިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ޕްރޮޑަކްޝަނުން އުފެއްދި "ހެހެސް" އިންނެވެ. 'ލަސްވިޔަސް'އާ ގުޅޭ ގޮތުން ޖިމީ ބުނަން އޮތީ މިއީ ޑައިރެކްޓަރު ޓެޑްރީ ނިޔާޒުގެ އެނބުރި އައުމެއް ކަމަށެވެ. މިއީ އޭނާ ވެސް 'ދެރިޔާ'ގެ ޑައިރެކްޓަރާ އެކު މަސައްކަތްކުރި ފުރަތަމަ ފަހަރެެވެ.
"އޯވަރޯލްކޮށް ބުނާ ނަމަ މަންޒަރުތައް، އަދި ފިލްމު އެޑިޓްކޮށްފައި ބަލާލި އިރު އެކްސްޕެކްޓް ކުރި ވަރަށް ވުރެ ވެސް މާ ފުރިހަމަ،" ޖިމީ ބުންޏެވެ.
އަހުމަދު އާސިމް
އާސިމްއަކީ ލޯބީގެ ގިނަ ރޯލްތަކަކުން ފެނިފައިވާ އެކްޓަރެކެވެ. އަދި ވިލަން ރޯލްތަކުން ވެސް ފެނިފައިވެ އެވެ. އެހެންކަމުން މިއީ ކޮންމެ ކަހަލަ ރޯލަކަށް ވެސް ހެޔޮވަރު އެކްޓަރެކެވެ. މި ފަހުން 'ގަމިނި'ގައި އޭނާ ދެއްކި މޮޅު އެކްޓިން ފާހަގަކޮށްލެވެ އެވެ.
'ލސްވިޔަސް'ގެ ކަވަރޭޖް
މުހައިމިންގެ ގަމީސް/ފަޓުލޫނު އެއްގޮތް؛ ބޭނުންވީ މާޒީއާ ގުޅުވާލަން
18 ފެބްރުއަރީ 2024
'ކައިވެނީގެ އަމާޒު'، މި ފަހަރު މައިޝާގެ އަޑުން 'ލަސްވިޔަސް'ގައި
17 ފެބްރުއަރީ 2024
ލަސްވިޔަސްގެ ފުރަތަމަ މަންޒަރުތައް: ލޯބި، ރުޅި އަދި ހިނިތުންވުން
16 ފެބްރުއަރީ 2024
'ލަސްވިޔަސް'ގެ ފުރަތަމަ ޓްރެއިލާ ނެރެފި
16 ފެބްރުއަރީ 2024
ޓެޑްރީ އެ އަންނަނީ އަނެއްކާވެސް އާ އިންގިލާބަކާ އެކު
11 ފެބްރުއަރީ 2024
'ލަސްވިޔަސް'ގައި އާސިމް ފެންނަނީ ފިލްމުގެ ބަތަލްގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ރޯލުންނެވެ.
"ލަސްވިޔަސްގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ. އެކްޓަރުން ވަރަށް މޮޅު. ޓެޑް ބޭނުންކޮށްފައި މިހިރީ އެންމެ ޒަމާނީ ޓެކްނޮލޮޖީ. ކުރާ މަސައްކަތެއް ފުރިހަމަ ކުރުމަށް ޓެޑް ބުރަ މަސައްކަތެއް ކުރޭ،" އާސިމް ބުންޏެވެ.