ލަސްވިޔަސްގެ ބަތަލާ ވާޝިޔާ މުހައްމަދު ރޭގެ ހަފުލާގައި (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

'ލަސްވިޔަސް'ގެ ފުރަތަމަ މަންޒަރުތައް: ލޯބި، ރުޅި އަދި ހިނިތުންވުން

މިއީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ފިލްމު އުފެއްދުމުގެ ހުނަރު، 30 އަހަރު ފަހުން ވަޒަންކޮށްލަން ވެސް ލިބޭނެ ފުުރުސަތެއް
16 ފެބްރުއަރީ 2024

އެންމެ ފަހުން މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ އާ ފިލްމު 'ލަސްވިޔަސް'ގެ ބައެއް މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް މިވަނީ ދޫކޮށްލައިފަ އެވެ. ބައެއް ތަރިންގެ ފުރަތަމަ ފެނިލުން ވެސް، ރޭ ދޫކޮށްލި ގާތްގަނޑަކަށް ދެ މިނިޓްގެ ޓްރައިލާއިން  އަހަރެމެންނާ ހަމައަށް އާދެ އެވެ. 

ފުރަތަމަ ވެސް ދައްކާލަނީ ބަތަލާ ވާޝިޔާ މުހައްމަދު އާއި ބަތަލް އީސާ އަހުމަދު (އާނަންދު) ކާރެއްގައި ހުޅުލޭ/ހުޅުމާލޭ ހައިވޭއިން މާލެއަށް ދަތުރުކުރާ ރީތި މަންޒަރެވެ. މީގެ 40 އަހަރު ކުރިން ފެށިގެން ރާއްޖެއަށް މަޝްހޫރުވި ލަވަ 'ކައިވެނީގެ އަމާޒު' ކާރުތެރެއިން އިވިއިވި ހުރެ އެވެ.

ދެ މީހުންނަކީ ލޯބިވެރިންކަމާ މެދު ޝައްކެއް ނެތެވެ. ރޭގަނޑުގެ ވަގުތު ބީޗެއް އިނދެ ތަރިތައް ގުނާ މަންޒަރަކާއި ރީތި މޫދެއްގައި އޮތް ބޮޑު ގަލެއް މަތީގައި ދެ މީހުން ތިބޭ ތަން ވެސް ހިތްގައިމެވެ.

އެ ގާ ފެނުމުން، ކުރިން ކުޑަ ބަނޑޮހަށް ދަތުރު ދިޔަ ޒުވާނުންގެ ހަނދާންތަކެއް އަލުން އާވެދާނެ އެވެ. ކުޑަ ބަނޑޮސްގެ މޫދުގައި އޮތް ގަލަކީ އެތައް ޒުވާނުންގެ ލޯތްބާ ގުޅިފައި އޮތް ތަނެކެވެ.

ލަވައަކީ ފިލްމުގެ މުހިންމު ބައެއްކަން އެނގޭ މަންޒަރުތަކެއް ވެސް މި ޓްރައިލާއިން ފާހަގަކުރެވުނެވެ.

ވާޝިޔާ އާއި އީސަގެ އިތުރުން 'ލަސްވިޔަސް'ގެ މުހިންމު ބައިތަކުގައި ހިމެނޭ ބައެއް ތަރިންގެ ހަރަކާތްތައް ވެސް މި ޓްރައިލާއިން ފެނުނެވެ. އޭގެ ތެރޭގައި އަހުމަދު އިފްނާޒް ފިރާގު ހިމެނެ އެވެ. އޭނާ ދައްކާލީ ވަރަށް ރުޅިގަދަ މީހެއްގެ ގޮތަށެވެ.

'ލަސްވިޔަސް'ގެ ބަތަލް އަހުމަދު އީސަ ރޭގެ ހަފުލާގައި (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

މި ޓްރައިލާގައި ކުރިން އަހަރެމެންގެ ތެރޭގައި މަޝްހޫރު މޫނުތަކެއް ވެސް ފެނުނެވެ. ޔަގީނުން ވެސް އެންމެ އޭގެ ތެރެއިން އެންމެ މަޝްހޫރު ތަރިއަކީ ރީސޯ މޫސާ މަނިކެވެ.

ކައިވެނީގެ މުހިންމުކަމާ މެދު އީސައަށް ނަސޭހަތް ދެނީ ރީކޯ މޫސަ އެވެ.

ގިނަ ފިލްމުތަކެއް ކުޅެފައިވާ ފައުޒިއްޔާ ހަސަންގެ ހިނިތުންވުން ވެސް މި ޓްރައިލާއިން ފެނެ އެވެ. ދިވެހި ލިބާހެއްގައި ހުރި ފައުޒިއްޔާ ދައްކާލަނީ ރާއްޖޭގެ ރަށެއްގެ ގޯތިތެރެއިން މަގުމައްޗަށް ނުކުމެ، އީސަގެ ގައިގައި ބައްދާލަނިކޮށެވެ.

ފައުޒިއްޔާ ހަސަން 'ލަސްވިޔަސް'ގެ މަންޒަރެއްގައި: މިއީ އޭނާ އަހަރެމެންނާ ވަކިވުމުގެ ކުރިން ކުޅުނު އެންމެ ފަހު ފިލްމު 

މިއީ ފައުޒިއްޔާ މަރުވުމުގެ ކުރިން ކުޅުނު ފަހު މަންޒަރުތަކެވެ. އޭނާގެ ހަނދާންތައް އެތައް ބަޔަކަށް އާވާނެ އެވެ. 

އިތުރު ތަރިންގެ ތެރޭގައި އަހުމަދު އާސިމް، އިބްރާހިމް ޖިހާދު (ޖިމީ) އަދި ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ) ވެސް ފެނެ އެވެ.

ފާހަގަކުރެވުނު އެހެން ބައެއް ކަންކަން

'ލަސްވިޔަސް'ގެ މުހިންމު ބަޔަކުން ފެންނަ ޒޯޔާ ހަސަންއާ އެކު ޑައިރެކްޓަރު ޓެޑްރީ (ފޮޓޯ/އެޓާނަލް ޕިކްޗާސް)

މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު މަރިޔަމް ޒޯޔާ ހަސަން އަކީ 'ލަސްވިޔަސް'ގެ މައިގަނޑު އެއް ތަރި އެވެ. އެކަމަކު ފުރަތަމަ ޓްރެއިލާއިން އޭނާ ފެނިފައެއް ނުވެ އެވެ. ފިލްމުގައި ޒޯޔާ ކުޅެނީ ވަރަށް ބަލި ކުއްޖެއްގެ ބަ އެވެ.

ފުރަތަމަ ޓްރައިލާއިން ޒޯޔާގެ އެއްވެސް ތަންކޮޅެއް ނުފެނުމުން، ދެން އަންނަން ހުރި ޓްރައިލާތަކަށް ބެލުންތެރިން އިންތިޒާރުކުރާނެ ކަމަށް ފެނެ އެވެ. 

ޒޯޔާ އާއި އޭނާގެ މަންމަ ނިއުމާ، ރޭ އޮތް ހަފުލާގައި (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ރޭގެ ހަފުލާގައި 'ލަސްވިޔަސް'ގެ ފުރަތަމަ ޕޯސްޓް ވެސް ވަނީ ނެރެފަ އެވެ. މިއީ ވާޝިޔާ އާއި އީސަ، މޫދުގެ ގަލެއް މަތީގައި ތިއްބާ ފެންނަ މަންޒަރުގެ ބައެކެވެ.

"ލަސްވިޔަސް" ފުރަތަމަ ޕޯސްޓަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް