ފިލްމު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ): އޭނާ ދެވަނަ ފިލްމާ މެދު އޮތް ޔަގީންކަން ބޮޑު (ފޮޓޯ/އެޓާނަލް ޕިކްޗާސް)

ޓެޑްރީ އެ އަންނަނީ އަނެއްކާވެސް އާ އިންގިލާބަކާ އެކު: ހަތް މިނިޓްގެ އެންމެ މަންޒަރަކުން އެކަން ޔަގީންވޭ

މީގެ 30 އަހަރު ކުރިން 'ދެ ރިޔާ'އާ އެކު ވެސް މުހައްމަދު ނިޔާޒު ދިވެހި ފިލްމީ ދާއިރާއަށް ގެނެސްދިނީ އިންގިލާބެއް. އޭނާގެ ދެ ވަނަ ފިލްމު 'ލަސްވިޔަސް' ވާނީ އޭގެ ދެވަނަ އިންގިލާބަށް
11 ފެބްރުއަރީ 2024
3

މުހިންމު ނުކުތާތައް

އާ ފިލްމެއް ނުހަދާ މިދިއަ 34 އަހަރުގެ ތެރޭގައި ޑައިރެކްޓަރު ޓެޑްރީ ނިޔާޒު 'ގާވީކީ ނޫން'

ލަސްވިޔަސް އަޅުވަން އޮލިމްޕަސް 64 ދުވަހަށް ބުކްކުރީ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް

ރާއްޖެ ދުށް އެންމެ މޮޅު އެއް ޑައިރެކްޓަރުގެ ފިލްމު ރަސްމީކޮށް ނެރޭނީ 12 އެޕްރީލް 2024ގައި

ހޮސްޕިޓަލްގެ އެނދުގައި އޮތް ބަލި ކުޑަ އަންހެން ކުއްޖާ އާއި އޭނާގެ މަންމަ އެވެ. ދެން ވަންނަނީ ބައްޕަ އެވެ. ދެބަފައިންގެ މެދުގައި ކުރުކުރުކޮށް، އެކަމަކު އަސަރުން ފުރިގެންވީ ވާހަކަކޮޅު ކުރިއަށް ދެ އެވެ. 

ހިތްފަޅައިގެން ދިއުމާއި ރުއިމާއި ހިތްވަރުދިނުމެވެ. 

މި ހަޔާތުގައި އޮންނަނީ އުފަލާއި ހިތާމަ އެވެ. ކުށެއް ނެތި ވެސް ހިތާމަ އެވެ. ކުށް އޮތް މީހާގެ ހަޔާތް އުފަލުން ފުރިފައި ވެސް އޮވެދާނެ އެވެ.

ލަފުޒުތަކެއްގެ ގޮތުގައި އަނގައިން ބޭރުނުވިޔަސް، ދަރިފުޅާއި ބައްޕަގެ އަސަރުތަކުން ބުނެދެނީ ދިރިއުޅުމުގެ އެތައް ޝަކުވާއެކެވެ. ދެބަފައިންނަށް ވެސް އެކަން އެނގެ އެވެ. އެ ވަގުތު ދަރިފުޅު ދައްކައިދިނީ ހަމައެކަނި ކެތްތެރިކަމެއް ނޫނެވެ. ހިތްވަރާއި ކެރުން ވެސް މެ އެވެ. އެހެންކަމުން ރޮއިރޮއި އިން ބައްޕަގެ ހިތްހަމަޖައްސައިދޭން ވެސް، ވަރު ދޫވެފައި އޮތް އަޑުން، ބަސްތައް އިއްވި އެވެ. ލޯތްބެވެ. އުއްމީދެވެ.

 'ލަސްވިޔަސް'ގެ ކުޑަ އަންހެން ކުއްޖާގެ ބައި ކުޅޭ ޒޯޔާ ހަސަން އިބްރާހިމްއާ އެކު ޑައިރެކްޓަރު ޓެޑްރީ: ޒޯޔާ އަކީ ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު (ފޮޓޯ/އެޓާނަލް ޕިކްޗާސް)

ކަރުނައިގެ ވަގުތުކޮޅެކެވެ. އަޑުންއަޑު ނަގާފައި ބައްޕައަށް ރޮވޭހާވެ އެވެ. ފޭސްބުކުން އެ ދައްކާލި ފޮޓޯ އާއި އޭގެ މާނަ ބުނެދިން ގޮތުން، ހަޔާތުގެ އޮޅުންބޮޅުންގަނޑުގެ ތެރެއިން ވެސް، ހިތުގައި އުއްމީދު އުފަންކުރުވާކަން އެނގެ އެވެ. 

އުއްމީދަކީ ދިރިހުރުމުގެ ބާރެކެވެ. ހަޔާތުގެ ކޮންމެ ހިސާބަކުން ވެސް އުއްމީދު ގެނެސްދެނީ ތާޒާކަމެވެ. ގައިގައި ވަރުނެތަސް، ދުލުން ބަހެއް އިއްވާނުލެވުނަސް އުއްމީދުން ލިބިދޭ ހިނިތުން ފުދެ އެވެ.

މި ހުރިހާ އެއްޗެއް ބުނެދީ، އިހުސާސްކޮށްދިން އެ މަންޒަރު ގާތްގަނޑަކަށް ހަތް މިނިޓަށް ދެމިގެން ދިޔަ އެވެ. އަހަރެން ކުރިންސުރެ ކުރަމުން އައި އުއްމީދު އެންމެ ފަހުން ހަގީގަތަކަށް ވަނީކަން ޔަގީންކޮށްދޭން ވެސް އެ ހަތް މިނިޓް ފުދި އިތުރެވެ.

މުހައްމަދު ނިޔާޒު (ޓެޑްރީ) އަނެއްކާވެސް މި ގެނެސްދެނީ ދިވެހި ފިލްމީ ދާއިރާއަށް ބޮޑު އިންގިލާބެއް ކަމާ މެދު ޝައްކެއް ނެތެވެ. އޭނާގެ ފުރަތަަމަ ފިލްމު 'ދެ ރިޔާ' ނެރުމާއި މިއަދާ ހަމައަށް ދިގު 34 އަހަރު މާޒީ ވަމުން އެ ދަނީ އަހަރެމެންނަށް އޭނާގެ ދެ ވަނަ ޑައިރެކްޝަނެއް ނުލިބި އެވެ. އެކަމަކު 'ލަސްވިޔަސް' އެ އަންނަނީ އެ މުއްދަތުގައި ނިޔާޒު 'ގާވެ ހުރީކަން' ނޫންކަން ބުނެދެމުންނެވެ. ދިވެހި ފިލްމީ އިންގިލާބު އަދިވެސް ތިމަންނައާ ގުޅިފައި އޮތްކަން ސާބިތުކޮށްދެމުންނެވެ.

ޓެޑްރީ އޭނާގެ ދެވަނަ ފިލްމު 'ލަސްވިޔަސް'ގެ މަސައްކަތުގައި (ފޮޓޯ/އެޓާނަލް ޕިކްޗާސް)

ތަފާތު ކަންކަމުގައި އަހަރެމެން ދެ މީހުން މައްސަލަ ޖެހި، އެކަކު އަނެކަކަށް ފާޑުކިޔުން ވެސް އޮވޭމެ އެވެ. ދެ މީހުން އެކަކު އަނެކަކަށް އެހީތެރިވެ، ރަހުމަތްތެރިކަމުގެ އަގު ވެސް އަދާކުރޭމެ އެވެ. އެކަމަކު ދެ މީހުން ބައްދަލު ނުވެ އަހަރުތަކެއް ވެސް ހިނގައިދެ އެވެ. ހާއްސަކޮށް އޭނާގެ ސިކުނޑި އާއި ވިސްނުމާއި ހިޔާލުތަކާއި ލޯބި އޮތް އޭނާގެ އަމިއްލަ ސްޓޫޑިއޯގެ ތެރެއިންނެވެ.

އެއީ އެޓާނަލް ޕިކްޗާސްގެ ސްޓޫޑިއޯ އެވެ. ނިޔާޒުގެ އިލްމާއި ހިލްމާއި ތަޖުރިބާ އާއި އާ ހިޔާލުތަކުގެ ބިނާ އެވެ. މިދިއަ ހުކުރު ވިލޭރޭ އަހަރެން އިނީ އެ ސްޓޫޑިއޯގަ އެވެ. ނިޔާޒުގެ ބޭނުމަކީ އޭނާގެ އާ ފިލްމާ ބެހޭ މައުލޫމާތުކޮޅެއް ދިނުމެވެ. ބައެއް މަންޒަރުތައް ދައްކާލުމެވެ.

އަހަރެންގެ ބޭނުމަކީ، އާނއެކެވެ؛ އޭނާގެ އާ ފިލްމެއް ނުފެނުމުގެ އުނިކަން އޮތް 34 އަހަރު އެންމެ ފަހުން މާޒީވާން ކައިރިވެއްޖެ ކަން އަމިއްލައަށް ޔަގީންކުރުމެވެ. ފިލްމުގެ އެންމެ ފަހު މަރުހަލާގެ ތެރެއަށް ކަޅިއެއް ދޫކޮށްލުމެވެ.

ލަސްވިޔަސްގެ ވާހަކަ އާއި ސްކްރީންޕްލޭ ވެސް ތައްޔާރުކުރީ ޓެޑްރީ ނިޔާޒު (ފޮޓޯ/އެޓާނަލް ޕިކްޗާސް)

ނިޔާޒު ދައްކައިދިނީ އެ ފިލްމުގެ އެންމެ ފަހު މަންޒަރުން މަންޒަރެކެވެ. އެ މަންޒަރާ ހަމައަށް ވާހަކަ ނިއުޅެމުން އައި ގޮތް ބެލުމުގެ ބޭނުމެއް ނެތެވެ. އެނގޭ އެއްޗަކީ 'ލަސްވިޔަސް'ގެ ވާހަކަ ވެސް އަދި ސްކްރީންޕްލޭގެ ވެރިޔަކީ ވެސް އޭނާ ކަމެވެ. 

"ރާއްޖޭގައި ނޫޅޭނެ މި ފިލްމުގައި ދައްކާ މައްސަލަަތައް ތަޖުރިބާ ނުކުރާނެ އާއިލާއެއް،" ނިޔާޒު ބުންޏެވެ.

ނިންމާ މަންޒަރުގައި ދައްކާ ވާހަކަތަކަކީ އޭގެ އެއް ބަ އެވެ. އެހާ ހިސާބަށް ބެލުންތެރިންނަށް ދެވޭނީ، އަހަންނަށް ފެނުނު މަންޒަރުތަކަށް ބަލާ ނަމަ، ރާއްޖޭގެ ރީތިކަމުގެ ތެރެއަށް ވެސް ގެނބެމުންނެވެ. ނޫ ކުލައިގެ މޫދާއި ފެހި ގަސްތަކާއި ކުޅި އާއި ކަނޑުމަތީގެ ހިތްގައިމު ނެގުންތަކުން ބުނެދިނީ އޭނާގެ ފިލްމަކުން ފޫހިވާނެ ޖާގަ ނިޔާޒު ނުދޭނެކަމެވެ.

އިންގިލާބަކަށް ފަހު އިންގިލާބެއް

އުމުރުން 55 އަހަރުގެ ޑައިރެކްޓަރު ދިވެހި ފިލްމީ އުފެއްދުންތަކަށް ފުރަތަމަ އިންގިލާބު ގެނެސްދިނީ 1994ގައި ނެރުނު 'ދެ ރިޔާ'އިންނެވެ. އެއީ އޭރަށް ދިވެހި ފިލްމުގެ މުޅި މަލަމަތި ބަދަލުކޮށްލުމެކެވެ. ފިލްމު އުފެއްދުމަކީ، ފިލްމުގައި ވާހަކަ ގެނެސްދީ، ވާހަކަ ކިޔައިދިނުމަކީ ކޮބައިކަން ގިނަ މީހުންނަށް ވިސްނައިދިން އިންގިލާބެކެވެ. އަލަށް  ކެމެރާއެއްގެ ކުރިމައްޗަށް އަރާ މީހެއްގެ ކިބައިން ވެސް އަޖައިބެއް ކަހަލަ ހުނަރެއް ނެރެދޭނެ ކަމުގެ ގާބިލްކަން އޭނާގެ ހުރިކަމެވެ.

ނިޔާޒުގެ ހުނަރާ މެދު އެއްވެސް ޝައްކެއް ނެތެވެ. ރޯދަމަހު ގައުމީ ޓީވީން ދެއްކި 'ސަޅިބައިސާ'ގެ ޑައިރެކްޓަރު، އޭރު މުޅި މާލޭގެ މަގުތައް 'ފަޅުކުރީ' އެ ހުނަރާ ހެދި އެވެ. މި ބުނީ 'ސަޅިބައިސާ' ދައްކާ ގަޑީގައި މާލޭގެ މަގުތަކުން މީހުން މަދުވެ، ގޭގޭގެ ޓީވީ ދޮށަށް މީހުން ޖަމާވި ވާހަކަ އެވެ.

 'ދެރިޔާ'ގެ މަސައްކަތް ފެށުމުގެ ހަފުލާ: މިއީ ދިވެހި ފިލްމު އޯޑިއަންސަށް ލިބުނު މޮޅު އުފެއްދުމެއް

ދެން ޓީވީއެމުން ވަކިވެ އަމިއްލައަށް ސްޓޫޑިއޯއެއް ހަދައި، 'ދެ ރިޔާ' ނެރެ ދިވެހިންގެ މުނިފޫހިފިލުވުމުގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރަށް ވި އެވެ. އޭނާގެ އެ މޮޅުކަމުގެ ވާހަކަ އަހަރެން މަސައްކަތްކުރި ނޫސްތަކުގައި ތަކުރާރުކޮށް ލިއުނެވެ. 'ހަވީރު' އާއި 'މިހާރު' އެވެ. އާ ފިލްމެއް ނުހަދައި އެހާ ގިނަ ދުވަސް ވާތީ އެ ހިތްހަމަނުޖެހުން ވެސް ފާޅުކުރެވުނެވެ. ތެދުވެރި ހިތަކާއި ސާފު ނިޔަތެއްގަ އެވެ.

އޮލިމްޕަހާ ހަމައަށް ފިލްމެއް ގެނެސްނުދިނަސް ނިޔާޒްގެ މުޅި ހަޔާތް ބިނާވެފައި އޮތީ މުޅިން ވެސް ވީޑިއޯ މަސައްކަތަށެވެ. މިހާރު އުމުރުން 35 އަހަރުގެ ޒުވާނުންގެ ހިތަށް ވެސް ނުގެނެވޭނެ އެވެ. އެއީ ސައިކަލާއި ކާރަށް ވުރެ ބައިސްކަލްގެ ރަން ޒަމާނެވެ. މުސްކުޅި ރެލީ ބައިސްކަލްގެ ބަދަލުގައި ވެރިރަށުގެ ޒުވާނުންގެ ދިރިއުޅުމާ ގުޅާލަދިނީ ދާހޯން ބްރޭންޑްގެ ބައިސްކަލެވެ. އެ ބައިސްކަލްގެ ތަފާތުކަން ޒުވާނުންގެ ސިކުނޑިއަށް ވައްދާލަދިނީ އޭރުގެ ޓީވީ އިސްތިހާރުތަކުން ނުފެންނަހާ ރީތި އުފެއްދުމަކުންނެވެ.

ޓެޑްރީ އޭނާގެ 'ސަޅިބައިސާ'ގެ ހަނދާންތައް އާކޮށްދޭ ފޮޓޯއެއް (ފޮޓޯ/އެޓާނަލް ޕިކްޗާސް)

އޭގެ ފަހުން އެސްޓާސް ބުކްޝޮޕް އާންމުންގެ ތެރެއަށް މަޝްހޫރުކޮށްދިން 'ބަނޑޭރި' ހިމެނޭ އިސްތިހާރުތަކެވެ. ކޮންމެ ރޯދަމަހަކު އޭގެ އާ އިސްތިހާރެއް ފެނޭތޯ ވެސް ޓީވީ ބެލުންތެރިން އިންތިޒާރުކުރި އެވެ. މާލޭގެ މަގުތަކުގައި ފޮތް ގާޑިޔަލެއް ހިފައިގެން ފޮތް ވިއްކި ހިދުމަތްތެރިޔާ 'ބަނޑޭރި' އިސާހިތަކު ތަރިއަކަށް ބަދަލުކޮށްލަދިނީ ޑައިރެކްޓަރުގެ އުފެއްދުންތެރި ވިސްނުމާއި މަންޒަރުތަކުންނެވެ.

އެކަމަކު ޓެޑްރީ ނިޔާޒު ދަންނަ ގިނަ މީހުންގެ އުއްމީދު އަބަދުވެސް އޮތީ އޭނާގެ އާ ފިލްމަކާ ގުޅިފަ އެވެ. އޭނާ 1998ގައި ޕްރޮޑިއުސްކުރި 'އަމާނާތް' އެތައް އަހަރަކަށް ފަހު ފެބްރުއަރީ 2017ގައި އޮލިމްޕަހުގައި އެޅުވި އެވެ. ހައުސްފުލް ޝޯތަކުން އެކަނި ނިންމާލީއެއް ނޫނެވެ. ބެލުންތެރިންނަށް ބޮޑު ހައިރާންކަމެއް ވެސް ގެނެސްދިނީ އެވެ. ކުރުކުރު ޓީޒާއިން ދައްކައިދިނީ ގޮނޑިއެއްގައި އިން ބަލި އަންހެން ކުއްޖެކެވެ. ދެން އަރަނީ 'ލަސްވިޔަސް' އެވެ. އާންމުންނާ ހަމައަށް އަންނާނެ ތާރީހަކަށް ޖަހާފައި އޮތީ 2018 އެވެ.

ނިޔާޒާ މެދު އާ އުއްމީދެއް އުފެއްދި އެ ދައްކާލުމަށް މި މަހު ބަރާބަރު ފަސް އަހަރު ފުރޭނެ އެވެ. އެކަމަކު އެ އިއުލާންކުރުމާއި ފިލްމުގެ އަސްލު މަސައްކަތް ފެށުމާ ދެމެދު ތިން އަހަރު ހޭދަވި އެވެ. އެހެންކަމުން 12 އެޕްރީލްގައި 'ލަސްވިޔަސް' އޮލިމްޕަހަށް އެ އަންނަނީ ގާތްގަނޑަކަށް ދެ އަހަރުގެ މަސައްކަތަށް ފަހު އެވެ. އެ މުއްދަތުގައި 13 ފަހަރަށް ފިލްމުގެ ސްކްރީންޕްލޭ ބަދަލުކުރި އެވެ. ތަޖުރިބާކުރަން ޖެހުނު ބައެއް ހާލަތްތަކަށް މަންޒަރު އިތުރުކޮށް، އޭނާގެ ސިކުނޑީގައި އޮތް ވިސްނުން އަބަދުވެސް އެއަށް ވުރެ މޮޅުކުރުމުގެ ބަދަލުތަކެވެ.

އޮލިމްޕަސް ބުކްކުރީ 64 ޝޯއަށް

އޮލިމްޕަހުގައި 'ދެ ރިޔާ' ބެލި މީހުންގެ އަދަދު ގާތްގަނޑަކަށް 24،000އަށް އަރަ އެވެ. އެއީ އޭރު ނަމަ 40އަށް ވުރެ ގިނަ ހައުސްފުލް ޝޯ އެވެ. އެކަމަކު 34 އަހަރުގެ ތެރޭގައި ދިވެހިންގެ ފިލްމު ބެލުމުގެ އާދަ ބަދަލުވެއްޖެ އެވެ. މުނިފޫހިފިލުވުން އޮތީ އަތުގައި އޮންނަ މޮބައިލް ފޯނާ ގުޅިފަ އެވެ. ބޭނުން އިރަކު، ބޭނުން އެއްޗެއް ބަލަންވީ އެވެ.

ނިޔާޒުއާ އަހަރެން ސުވާލުކުރީމެވެ. ދެ މަސް ވަންދެން އޮލިމްޕަހަށް މީހުން ވެއްދިދާނެ ހެއްޔެވެ؟ އޭނާގެ މޫނު މައްޗަށް އައީ ހިނިތުންވުމެކެވެ. ކިޔައިދިނީ 64 ޝޯއަށް އޮލިމްޕަސް ނަގަން އޭނާ ހެދި ހިސާބުތަކެވެ. މާލޭގެ އާބާދީއަށް އައި ބަދަލެވެ. އޮލިމްޕަހާ ދުރުގައި ތިބި އެކަމަކު ދިވެހި ފިލްމަށް ލޯބިކުރާ މީހުން އަނެއްކާވެސް ސިނަމާއަށް ގެންނަން އޭނާ ކުރި މަސައްކަތެވެ. އެހެން ގޮތަކަށް ބުނާ ނަމަ 'ލަސްވިޔަސް'ގައި ހިމެނޭ އަސަރުތަކާއި ހުށައަޅައިދޭ ވާހަކަ އެވެ. 

 'ލަސްވިޔަސް'ގެ މައި އެއް ކަރެކްޓާއަށް ޓެޑްރީ ކިޔައިދެނީ (ފޮޓޯ/އެޓާނަލް ޕިކްޗާސް)

"އަމާނާތް އެޅުވީ ކިތައް އަހަރު ފަހުން. މީހުން ވަދެ ފުރާލި. އަހަންނަކީ އެއްވެސް އިރަކު ޓިކެޓް ހިލޭ ބަހާ މީހެއް ނޫން. ޓިކެޓް ގަނެގެން މީހުން ވަނީ،" އާ ފިލްމުގެ ޓީޒާ ފުރަތަމަ ދައްކާލަން 2017ގައި 'އަމާނާތް' އެޅުވިއެޅުވުމާ މެދު ޓެޑްރީ ބުންޏެވެ.

"މީހުން ވަންނާނެ އެވަރުގެ އެއްޗެއް ހަދައިފިއްޔާ. އެ ޔަގީންކަން އަހަންނަށް އެބަ އޮތް."

އެ ވާހަކައަށް ފަހު އަހަންނަށް ފެނުނީ ހަތް މިނިޓްގެ އެ މަންޒަރެވެ. އެއީ އަހަރެން ކުރި ސުވާލަށް އަހަންނަށް ލިބުނު ޖަވާބެއްމެ އެވެ. އެއްވެސް ޝައްކެއް ނެތެވެ. 'ލަސްވިޔަސް' އެ އަންނަނީ ދިވެހި ފިލްމުގެ ކުރީގެ އޯޑިއަންސާއި މިހާރުގެ ޒުވާން އޯޑިއަންސް އެއްކޮށްލައިގެން އޮލިމްޕަހަށް ގެންދެވޭހާ ނުފޫޒާ އެކުގަ އެވެ. ނިޔާޒަކީ ކާކުކަން ނޭނގޭ ޒުވާނުން އޭނާއަށް ތައުރީފްކުރާނެ ވަރުގެ އުފެއްދުމަކާ އެކުގަ އެވެ.

"އަހަރެން ވަރަަށް އުފަލުން މި ހުންނަނީ. ވެދާނެ އުމުރުން ދުވަސްވެފައި ހުއްޓާ މި ފިލްމު ހެދުނީމާ ކަމަށް ވެސް. ނޫނީ މި މަސައްކަތާ މެދު އަހަރެން ހަމަ ވަރަށް ބޮޑަށް ހިތްހަމަޖެހެނީ ކަމަށް ވެސް،" ނިޔާޒު ބުންޏެވެ.

އެޓާނަލް ޕިކްޗާސްގެ ސްޓޫޑިއޯ ހުންނަނީ ޓެޑްރީގެ އަމިއްލަ ގޭގަ އެވެ. އަހަންނާ އެކު 'ދައުރު'ގެ ޒުވާން ލިއުންތެރިއެއް ކަމަށްވާ އައިޝާ އީމާން ވެސް އެތަނަށް ގެންދިޔައިމެވެ. އެއީ ޓެޑްރީއާ އޭނާ ބައްދަލުވި ފުރަތަމަ ފަހަރެވެ. 

އެގެއިން ނުކުންނަން ލިފްޓަށް ފިތާލަމުން އަހަރެން އެހީމެވެ. ކޮބައި ޓެޑްރީގެ މަސައްކަތް ކިހިނެއް ހެއްޔެވެ؟

"އަހަރެން އިނީ ރޮވިފައި. ހާދަ މޮޅޭ،" އެއީ އައިޝާގެ ފުރަތަމަ ޖަވާބެވެ.

"އަޅޭ! އެހެރަ މަންޒަރުތަކެއް. ހާދަ ރީއްޗޭ."

ނިިޔާޒަށް އެ އަޑެއް ނީވޭނެ އެވެ. އެކަމަކު އެއީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރާ މެދު އައިޝާ ކަހަލަ އެތައް ހާސް ޒުވާނުން ދެކޭނެ ގޮތްކަން ޔަގީނެވެ. 

'ލަސްވިޔަސް' އެ އަންނަނީ އާ އިންގިލާބަކާ އެކުގަ އެވެ.

ކޮމެންޓް (3)

ސައީދު

12 ފެބްރުއަރީ 2024
ޓެޑްރީއަށް ގެނެވޭނީ ކޮން އިންގިލާބެއް؟ އަހަރުން ފިލްމެއް. ދެ"ދެރިޔާ"އަށް ފަހު ކުރި ކަމަކީ ހިންދީ ފިލްމު "މައުޞޫމް" ކޮޕީކޮށްގެން ނެރުން. މޫސާ ލަތީފާއި އިސްމާއީލް ނަސީރު ލިޔާ ލިއުން ތަކުން ޓެޑްރީގެ "ސަޅި ބައިސާ" ދޭތެރެދޭތެރެއިން ފެނޭ. ނެރޭ އެއްޗެއް ހަރާން! ޓެޑްއަށް "މާލަސް"ވެ، ސަޅިބައިސާގައި އުޅެނިކޮށް ޒުވާން ޑައިރެކްޓަރުން ދިވެހި ފިލްމީ ދުނިޔެއާއިގެން ހަނދަށް ހިނގައްޖެ. ޓެޑްގެ އިންގިލާބަކީ ހުވަފެނެއް.
3 6

ޢަބްދުއްސައްތާރު.

11 ފެބްރުއަރީ 2024
ޓެޑްރީގެ ފިލްމެއް ވީމާ ބަލައިލާހިތްވޭ. އެހެނަސް އެ އުމުރު މިހާރު ފަހަނައަޅައިފި.
3 1

ޟުގަރ

11 ފެބްރުއަރީ 2024
ޓެޑް އަކީ މޮޅު މީހެއް ، ފިލްމާ ދޭތެރޭގަ ޝައަކެއް ނެތް
24 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް