ދެރިޔާގެ ޕްރޮޑިއުސަރު އަބްދުލް މުހައިން ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)އާ އެކު 'ލަސްވިޔަސް'ގެ ހަފުލާގައި

މުހައިމިންގެ ގަމީހާއި ފަޓުލޫނު އެއްގޮތް؛ ބޭނުންވީ 30 އަހަރުގެ މާޒީއާ ގުޅުވާލަން

ދެރިޔާގެ ޕްރޮޑިއުސަރު މުހައިމިން އާއި ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)އާ ދެމެދު އޮތީ ޒަމާންވީ ވަރަށް ގާތް ގުޅުމެއް
18 ފެބްރުއަރީ 2024
2

މީގެ 31 އަހަރު ކުރިން، 19 ޖުލައި 1993ގައި، ދިވެހި ފިލްމީ ދާއިރާގެ ވަރަށް ތާރީހީ މަސައްކަތެއްގެ ބިންގާ އެޅި އެވެ؛ ސޯޝަލް ސެންޓަރުގައި އޮތް ރަސްމިއްޔާތެއްގައި އެރޭ ފެށީ 'ދެރިޔާ'ގެ މަސައްކަތެވެ.

އެ ހަފުލާގައި ޕްރޮޑިއުސަރު އަބްދުލް މުހައިމިން ބޭނުންކުރެއްވި ގަމީހާއި ފަޓުލޫނު އަލުން ލައްވާ ނަމަ އެކަމަށް އެންމެ ގުޅޭ ހަފުލާއަކަށް ވާނީ މިދިއަ ބުރާސްފަތިދުވަހުގެ ރޭ އޯޓީޕީ ބައި ސޮލައިޓްގައި އޮތް އެއްވުން ކަމަށް އޭނާ ގަބޫލުކުރެއްވި އެވެ. އެއީ ދެރިޔާއަށް ފަހު މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓްކުރި ފުރަތަމަ ފިލްމު 'ލަސްވިޔަސް'ގެ ފުރަތަމަ ޓްރައިލާ އާއި ލަވަތަކާއި ފުރަތަމަ ޕޯސްޓަރު ދައްކާލުމުގެ ހަފުލާ އެވެ.

"އެރޭ [30 އަހަރު ކުރި] އަޅުގަނޑު ބޭނުންކުރި އެއްޗެހީގެ ތެރެއިން މިހާރު ބޭނުންކުރެވެން އޮތީ ހަމައެކަނި މި ގަޑި،" އަތުގައި އޮތް ގަޑިއަށް އިޝާރަތްކުރައްވައި، މުހައިމިން ވިދާޅުވި އެވެ.

'ދެރިޔާ'ގެ މަސައްކަތް ފަށަން ސޯޝަލް ސެންޓަރުގައި އޮތް ރަސްމިއްޔާތުގައި އަބްދުލް މުހައިމިން (ވ) ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އަދި އޭރުގެ ހުށައެޅުންތެރިޔާ ފަހުން ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުހައްމަދު ނަޝީދު

އެކަމަކު ލަސްވިޔަސްގެ ހަފުލާގައި މުހައިމިން ހުންނެވީ ދެރިޔާގެ މަސައްކަތް ފެށި ރޭ ލެއްވި ގަމީހާއި ފަޓުލޫނާ އެންމެ ކައިރިކުރާ ގޮތަށް ހެދުން އަޅުއްވައިގެންނެވެ. އެ ޑިޒައިނަށް ގަމީސް ވެސް އަލުން ފެއްސެވީ އެވެ.

"އަޅުގަނޑުގެ އަސްލު ބޭނުމަކީ ޓެޑްރީ އާއި އަޅުގަނޑާ އޮތް ގުޅުން ދައްކާލުން،" ހަފުލާއަށް ފަހު 'ދައުރު'އާ ވާހަކަ ދައްކަވަމުން މުހައިމިން ވިދާޅުވި އެވެ.

އެއީ ޕްރޮޑިއުސަރަކާއި ޑައިރެކްޓަރަކާ ދެމެދު އޮންނަ ގުޅުމަކަށް ވުރެ ބައްޕައަކާއި ދަރިއަކާ ދެމެދު އޮންނަ ކަހަލަ ގުޅުމެކެވެ. އެއީ އޭރު އުމުރުން އެންމެ 24 އަހަރުގެ ނިޔާޒު ފިލްމީ ދާއިރާ ދޫކޮށް ބާޒާރުމަތީ ފިހާރައެއްގެ ސޭޓަކަށް އިން ދުވަސްވަރު އެތަނުން ނެރެ، އަލުން އޭނާގެ ހުނަރުގެ ތެރެއަށް ވައްދައިދިން ގުޅުން ވެސް މެ އެވެ.

ޓީވީއެމްއަށް ރޯދަމަހު ހަދައިދިން 'ސަޅިބައިސާ' ސިލްސިލާ ނިންމާލާފައި ނިޔާޒު ގައުމީ ޓީވީން ވަކިވެގެން ދެން އުޅުނީ 'އެހެން މިހެންނެ'ވެ. ރިސޯޓެއްގައި ވަޒީފާ އަދާކުރި އެވެ. އެކަން ވަޔަކު ނުހިފި އެވެ. ބާޒާރުމަތީ ފިހާރައެއްގެ ސޭޓަކަށް އިނީ އޭނާގެ ބަހުން ނަމަ 'ހަވާދު ވިއްކާށެ'ވެ. އެކަން ވެސް ޖެހުނީ ދޫކޮށްލާށެވެ. އެކަމަކު މިފަހަރު އަލުން ފިލްމު އުފެއްދުމުގެ މަސައްކަތަށް ވަނުމަށެވެ.

ލަސްވިޔަސްގެ ހަފުލާގައި އަބްދުލް މުހައިމިން: ޓެޑްރީ ނިޔާޒުގެ މަސައްކަތާ މެދު އޭނާގެ އުއްމީދު ބޮޑު (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އެ ފުރުސަތު ހޯއްދަވައި ދެއްވީ މުހައިމިން އެވެ. އޭނާ ފިލްމެއް ހައްދަވަން ނިންމަވައި އެ މަސައްކަތް ހަވާލުކުރައްވަން ހިޔާރުކުރެއްވީ ނިޔާޒުއާ އެވެ.

"ފުރަތަމަ ޓެޑްރީއާ ބައްދަލުކުރީ [އަޅުގަނޑުގެ] ދެ ދަރިންނާ އެކު. [އެހާ ހިސާބުން] ޓެޑް ވެސް ވީ ދަރިފުޅަކަށް،" މުހައިމިން ވިދާޅުވި އެވެ.

މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން، 4 ނޮވެމްބަރު 1994ގައި ދެރިޔާ އެޅުވުމާ އެކު ދިވެހި ފިލްމީ ދާއިރާއަށް އިންގިލާބަަކަށް ވި އެވެ. ހައުސްފުލްކޮށް 25 އަށް ވުރެ ގިނަ ޝޯ ދައްކައި، އެހާ ހިސާބަށް އެއީ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ހެދި އެވެ.

މުހައިމިން ވިދާޅުވި ގޮތުގައި "ޓެޑްރީއަކި އެއްޗަކަށް އެއްޗެއް ހަދާނެ މީހެއް ނޫނެ'ވެ. އެހެންކަމުން 'ލަސްވިޔަސް'އާ މެދު އޭނާގެ އޮތީ ވަރަށް ބޮޑު އުއްމީދެކެވެ.

"ޓެޑް ހަދާ އެއްޗެއް ވަރަށް ފުރިހަމަވާނެ،" މުހައިމިން ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް އުއްމީދު އެބަ އޮތް ޓެޑާ މެދު. ލަސްވިޔަސް ހަމަ ވަރަށް ރަނގަޅުވާނެ."

ދެން އޮތީ 12 އެޕްރީލް އެވެ. އެއީ ލަސްވިޔަސް ރަސްމީކޮށް ނެރެން މިހާރު ތާވަލްކޮށްފައި އޮތް ރެ އެވެ. މުހައިމިންއަށް ވެސް ވަރަށް ހާއްސަ ރެއަކަށް ވާނެ އެވެ. 

"އަޅުގަނޑު މިހުންނަނީ އެ ފިލްމު އެކުގައި ބަލައިލާން އިންތިޒާރުގައި. ލަވަތައް ކޮންމެވެސް ވަރަކަށް ބަލާލައިފިން. ވަރަށް ރީތި، ވަރަށް ފުރިހަމަ މަންޒަރުތައް ވެސް،" މުހައިމިން ވިދާޅުވި އެވެ.

ލަސްވިޔަސްގެ ހަފުލާގައި ޑައިރެކްޓަރު މުހައްމަދު ނިޔާޒު ނޫސްވެރިންނާ ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ނިޔާޒު ބުނީ ދެރިޔާއަކީ ޕްރޮޑިއުސަރެއްގެ އަސްލު މަސައްކަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެނުނު ފިލްމު ކަމަށެވެ. ފިލްމުގެ ހުރިހާ ކަމެއް ކުރީ އަމާޒުތަކެއް ބާއްވައިގެން ކަމަށް އޭނާ، އޭރުގެ ހަނދާންތައް އާކުރަމުން ބުންޏެވެ.

"މިއީ އަނެއްކާވެސް ވަރަށް ބޮޑު ޓާގެޓްތަކެއް [އޮތް މަސައްކަތެއް]."

އޭނާ ބޭނުންވަނީ ދެރިޔާއަށް ވުރެ ކާމިޔާބު ފިލްމަކަށް 'ލަސްވިޔަސް' ހަދާށެވެ. އޮލިމްޕަސް 60 ރެއަށް ކުއްޔަށް ނަގާފައި އެ އޮތީ އެ އަމާޒުތަކުގެ މައްޗަށް ބިނާކޮށެވެ.

ނިޔާޒުގެ އެ އަމާޒުތަކާ މެދު ޔަގީންކަން އޮންނާނެ އެކަކީ މުހައިމިނެވެ. މިއީ ޒަމާންވީ ގުޅުމެއްގެ ނަމޫނާއެކެވެ. މާޒީގެ އުފާތަކާއި ކުރިމަގުގެ އުއްމީދުތައް ގެތިގެންދާ ގުޅުމެކެވެ.

ކޮމެންޓް (2)

ސައީދު

19 ފެބްރުއަރީ 2024
ޓެޑް މާވަރުދައްކާލާފައި ހަދަން އުޅުނު "މަންމަ" ކޮބާ؟ "މަންމަ"އަށް ވީގޮތެއް މޫސައަށް ނުލިޔެވޭނެތަ؟
0 0

މުތާދު

19 ފެބްރުއަރީ 2024
އައްޑުއަށް “ލަސްވިޔަސް” ގެ ޝޯއެއް އަންނާނޭ ކަމުގެ އުއްމީދުގައި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް