މިދިއަ އަހަރުގެ އޮކްޓޯބަރުގައި އޮތް އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގައި ފާތުމަތު ނަބާހާ އަބްދުއްރައްޒާގު ކުޅެނީ (ފޮޓޯ/އިސްމާއިލް ތޯރިގު/އެމްއޯސީ)

ޕެރިސް 2024

ސިިންދުއާ ދެކޮޅަށް ނަބާހާ: މިހާ ހިސާބުން ވެސް އެއީ ކާމިޔާބީއެއް

މިއަދު ރާއްޖެ ގަޑިން 1220ގައި ކުޅޭ އޮލިމްޕިކްސް ބެޑްމިންޓަން މެޗުގައި ނަބާހާ ރާއްޖެ ތަމްސީލް އެކުރަނީ މި ފަހުން އިންޑިއާ އާއި ދުނިޔޭގައި ވެސް އުފެދުނު އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއާ ދެކޮޅަށް
28 ޖުލައި 2024

"އުއްމީދަކީ ކޯޗު ވެސް، ނަބާ ވެސް ހިތްހަމަޖެހޭ ވަރަށް ޕާފޯމްކޮށްލުން."

މިއީ މިދިއަ ޖޫން މަހު 'ދައުރު'އަށް ދިން އިންޓަވިއުއެއްގައި ފާތުމަތު ނަބާހާ އަބްދުއްރައްޒާގު ބުނި ޖުމްލައެކެވެ.

އޭނާގެ އެ ވާހަކައިގެ މަގުސަދަކީ ޕެރިސް އޮލިމްޕިކްސްގެ ބެޑްމިންޓަންގައި އޭނާ ވާދަކުރަން ޖެހޭ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ދައްކަން އުއްމީދުކުރާ ކުޅުމެވެ. އޭރު އެ ކުޅުންތެރިޔަކީ ކޮބައިކަމެއް ނޭނގެ އެވެ. އެކަމަކު މިއަދު ރާއްޖޭގެ ގަޑިން 1220ގައި ނަބާހާ ކުޅޭ މެޗުގައި ވާދަކުރަން ޖެހެނީ ދުނިޔޭގެ އަންހެން ބެޑްމިންޓަންގައި މި ފަހުން ފެނުނު އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އިންޑިއާގެ ޕީ.ވީ ސިންދުއާ އެވެ.

މިއީ އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އެއް ކުޅިވަރު ކުޅުންތެރިޔާ އެވެ. އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. އިންޑިއާގައި އެންމެ މުއްސަނދި އެއް ކުޅިވަރު ޝަހުސިއްޔަތު ވެސް މެ އެވެ.

އިންޑިއާގެ ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ޕީ.ވީ ސިންދު

އެންމެ ފަހުން އޮތް ދެ އޮލިމްޕިކްސްގެ ތެރެއިން 2016ގެ ރިއޯ އޮލިމްޕިކްސްގެ ސިންގަލްސް ފައިނަލްގައި އަދި 2021ގެ ޓޯކިޔޯ އޮލިމްޕިކްސްގައި ލޯ މެޑެލް ހޯދީ އުމުރުން މިހާރު 29 އަހަރުގެ ސިންދު އެވެ.

ދުނިޔޭގެ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ 2019ގެ ޗެމްޕިއަނުންނެވެ. އޭގެ ކުރިން ދެ މުބާރާތުގެ ފައިނަލްގައި ކުޅުނެވެ.

އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީއަށް ފަހު ވިޔަފާރީގެ އިޝްތިހާރުތަކާއި އިވެންޓްތަކަށް އެންމެ ބޮޑު ފީއެއް ނަގަނީ ސިންދު އެވެ. އެގޮތުން ވިޔަފާރީގެ އިވެންޓެއް ވިއްޔާ ދުވާލަކަށް 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ)ގެ ފީއެއް އޭނާއަށް ލިބެ އެވެ.

އެކި ކުންފުނިތަކުން އެތައް މިލިއަން ޑޮލަރެއްގެ ކޮންޓްރެކްޓް ސިންދުއާ އެކު ވަނީ ހަދައިފަ އެވެ. އިންޑިއާގެ ޓީވީ ޗެނެލްތަކުން އާންމުކޮށް އޭނާގެ އިޝްތިހާރުތައް ފެންނާނެ އެވެ.

ރާއްޖޭގައި ބެޑްމިންޓަން ކުޅެގެން ދިރިއުޅުން ކޮޅަށް ޖެހޭ ވަރުގެ އާމްދަނީއެއް ވެސް ނުލިބެ އެވެ. އެހެންކަމުން ސިންދު ކަހަލަ ކުޅުންތެރިޔަކާ ދެކޮޅަށް އޮލިމްޕިކްސްގައި ނަބާހާ ކުޅެން އެރުމަކީ ވެސް ދިވެހިންނަށް ފަހުރެއް ކަމަށް ބަލަމާ ހިނގާށެވެ.

އޭޝިއަން ގޭމްސްގައި ނަބާހާ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސައުތު ކޮރެޔާގެ އާން ސެޔަންގްއާ ދެކޮޅަށް ކުޅުނު އިރު ކޯޗު އިރުޝާދު ދެނީ (ނަމައުޝަމް ވަހީދު/އެމްއޯސީ)

ކުޅިވަރުގެ ތަޖުރިބާކާރެއް ކަމަށްވާ އަދި ކުރީގެ ރާއްޖޭގެ އެއްވަނަ ގޯލް ކީޕަރު، ފުޓްބޯޅަ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ބުނީ މިއަދު ނަބާހާގެ ކާމިޔާބީ އާއި ނާކާމިޔާބީ ބަލަން ޖެހޭނީ މެޗުގެ ނަތީޖާއިން ނޫން ކަމަށެވެ. ސިންދު ކަހަލަ ކުޅުންތެރިޔަކާ ދެކޮޅަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތަކީ ވެސް ކާމިޔާބީއެއް ކަމަށް އޭނާ ބުންޏެވެ.

"މިއީ ނަބާހާ އޭނާގެ ކެރިއަރު ކުރިއަށް ގެންދަން ބެންޗްމާކެއްގެ ގޮތުގައި ބަލަން ޖެހޭ ހިސާބެއް އަސްލު،" މައުރޫފް ބުންޏެވެ.

"ކުޅުންތެރިންގެ ކުރިއެރުން އަސްލު އެއްޗަކީ. ނަބާހާގެ ކެރިއަރުގައި މިއަދުގެ މެޗު ބަލާނީ މަތީ ފެންވަރުގެ ކާމިޔާބީއެއްގެ ގޮތުގައި."

މިއީ ނަބާހާގެ ދެވަނަ އޮލިމްޕިކްސް އެވެ. މިހާތަނަށް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔަކު ދެ އޮލިމްޕިކްސްއަށް ހޮވިފައެއް ނުވެ އެވެ. އުމުރުން 24 އަހަރުގެ ރާއްޖޭގެ ޗެމްޕިއަން އޮލިމްޕިކްސްއަށް ހޮވުނީ ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުންނެވެ. މިއީ އޮލިމްޕިކްސްއަށް ކޮލިފައިވާން ދީފައި އޮންނަ މުއްދަތުގައި ކުޅުންތެރިޔާ ހޯދާ ކާމިޔާބީތަކާ އެކު ދުނިޔޭގެ ރޭންކިންގައި އޭނާ ވަކި ހިސާބަކަށް ގޮސްގެން ލިބޭ ފުރުސަތެކެވެ. އެހެންކަމުން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރަން ނަބާހާ އެ ދަނީ މިދިއަ އަހަރެއްހާ ދުވަހު އޭނާ ކުރި މަސައްކަތާއި ހިތްވަރާއި ކާމިޔާބީތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. 

ޖޫން މަހު ދިން އިންޓަވިއުގައި އޭނާ ބުނީ ލިބިފައި ހުރި ހުނަރެއްގެ އެންމެ މަތީ ފެންވަރު އޮލިމްޕިކްސްގައި ދެއްކޭތޯ މަސައްކަތްކުރާނެ ކަމަށެވެ.

"ބެޑްމިންޓަނަކީ ވަރަށް ފާޑެއްގެ ކުޅިވަރެއް. [މިސާލަކަށް] 12 ނުވަތަ 15 ޕޮއިންޓް އެހެންނެއް ނޫން. ވަރަށް ގަދައަށް ކުޅެފައި ވެސް އެވަރަށް ޕޮއިންޓް ނުލިބިދާނެ،" ނަބާހާ ބުންޏެވެ.

އޮލިމްޕިކްސްގެ ބެޑްމިންޓަން ކޯޓުގައި މި ޒުވާން ކުޅުންތެރިޔާ، ރާއްޖޭގެ ގައުމީ ނިޝާން ޖަހައިގެން، ސިންދު ކަހަލަ ދުނިޔޭގެ ތަރިއަކާ ދެކޮޅަށް ކުޅޭތަން އަހަރެމެން ބަލަން ޖެހޭނީ ތައުރީފްކުރަމުންނެވެ.

މައުރޫފް ބުނި ގޮތަށް މުހިންމީ މެޗުގެ ނަތީޖާއެއް ނޫނެވެ. މުހިންމީ އެހާ ހިސާބަށް ނަބާހާ ދިއުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް