އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގައި ފާތުމަތު ނަބާހާ އަބްދުއްރައްޒާގު ކުޅެނީ: އީރާންގެ ކުޅުންތެރިޔާ ބަލިކޮށް އޭނާ ގަދަ 16 އިން ޖާގަ ހޯދި (ފޮޓޯ/އިސްމާއިލް ތޯރިގު/އެމްއޯސީ)

ބެޑްމިންޓަން

ނަބާހާ، އޭޝިއަން ގޭމްސްގެ ގަދަ 16 އަަށް ދަތުރުކޮށްފި

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މިއީ ތާރީހީ ކާމިޔާބީއެއް ކަމަށް
3 އޮކްޓޯބަރު 2023

ޗައިނާގައި ކުރިއަށް ދާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ސިންގަލްސްގެ ގަދަ 16އަށް ރާއްޖޭގެ ފާތުމަތު ނަބާހާ އަބްދުއްރައްޒާގު މިއަދު ދަތުރުކޮށްފި އެވެ. މިއީ އޭޝިއަން ގޭމްސްގެ ބެޑްމިންޓަނުގެ ގަދަ 16އަށް ދަތުރުކުރި ރާއްޖޭގެ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާ އެވެ.

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އީދުގައި ނަބާހާ މި ކާމިޔާބު ހޯދީ އީރާންގެ ޔަގާނެ ކެރްމާނީއާ ބައްދަލުކޮށް 2-1 އިން މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ގޭމް 22-20 އިން އީރާންގެ ކުޅުންތެރިޔާ ކާމިޔާބުކޮށްފައި އޮއްވާ ނަބާހާ ފަހަތުން އަރާ އަނެއް ދެ ގޭމުން މޮޅުވީ 13-21 ،17-21 އިންނެވެ.

ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ މެޗު ނަބާހާ ކޮޅަށް ނިމުމާ އެކު އޭނާއަށް ދެން އޮތީ މާދަމާ ކުޅޭ ގަދަ 16ގެ ވާދަކުރުމެވެ. އެ މެޗުގައި އޭނާ ނުުކުންނާނެ ކުޅުންތެރިއެއް އަދި ނޭނގެ އެވެ.

ގަދަ 16ގައި ނަބާހާ ވާދަކުރާނީ މާދަމާ (ފޮޓޯ/އިސްމާއިލް ތޯރިގު/އެމްއޯސީ)

ނަބާހާގެ އެއްމާބަނޑު ކޮއްކޮ އައިމިނަތު ނަބީހާ އަބްދުއްރައްޒާގު މިއަދު ކުޅުނު މެޗުގައި ދުނިޔޭގެ 18 ވަނަ މަގާމުގައި ހުރި ސައުތު ކޮރެޔާގެ ކިމް ގައުން އަތުން ބަލިވީ ސީދާ 2-0 އިންނެވެ.

މި މެޗުގައި ނަބީހާއަށް މާ ބޮޑު ވާދައެއް ކުރެވޭނެ ފުރުސަތު ވެސް ނުދިނެވެ. ދެ ގޭމްސް ގެންދިޔައީ 21-1، 21-2 އިންނެވެ.

ފިރިހެން ސިންގަލްސްގައި ވެސް ދިވެހި އެހެން ކުޅުންތެރިޔަކަށް ގަދަ 16އިން ޖާގަ ލިބޭ ވަރެއް ނުވި އެވެ. އެގޮތުން ހުސެން ޒަޔާން ޝަހީދު ޒަކީ، ތައިލެންޑްގެ ކަންޓަޕޯން ވަންގްޗަރޯން އަތުން ބަލިވީ 21-3، 21-5 އިންނެވެ.

ސިންގަޕޫރުގެ ޓެ ޖިއަ ހެންގްއާ ދެކޮޅަށް އަހުމަދު ނިބާލް ވަރަށް ރަނގަޅަށް ކުޅުނެވެ. އެކަމަކު މެޗު ގެއްލުނީ ސީދާ ދެ ގޭމުން، 21-8 ،21-12 އިންނެވެ.

ބެޓްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ނަބާހާ އެ ހޯދީ ތާރީހީ ކާމިޔާބީއެއް ކަމަށެވެ. އެއީ މިހާތަނަށް އޭޝިއަން ގޭމްސްގެ ގަދަ 16 އަށް ދިވެހި ކުޅުންތެރިޔަކު ގޮސްފައި ނުވުމެވެ.

ބެޑްމިންޓަންގެ ތާރީހަށް ނަބާހާ ވަންނަ އެހެން ސަބަބެއް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއީ ގުރުލައިގެން ގަދަ 16 އިން ޖާގަ ލިބުން ނުވަތަ ވާދަކުރަން އުޅުނު ކުޅުންތެރިޔާއަށް ނުކުޅެވުން ކަހަލަ ކަމެއް ދިމާވެގެން، ބޮޑަށް ނަސީބުގެ އެހީގައި ހޯދި ފުރުސަތެއްގެ ބަދަލުގައި ވަރުގަދައަށް ކުޅެގެން ހާސިލްކުރި ނަތީޖާއަކަށް ވުމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް