އޭޝިއަން ގޭމްސްގައި ފާތުމަތު ނަބާހާ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސައުތު ކޮރެޔާގެ އާން ސެޔަންގްއާ ދެކޮޅަށް ކުޅެނީ. (ފޮޓޯ: ނައުޝަމް ވަހީދު/އެމްއޯސީ)

ނަބާހާގެ އޮލިމްޕިކް ދަތުރަކީ މަސައްކަތާއި ހިތްވަރުގެ ނަތީޖާ

ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ވަނީ ޖެހިޖެހިގެން ދެވަނަ އޮލިމްޕިކްސްއަށް ހޮވިފައި. މިހާތަނަށް ދިވެހި ބެޑްމިންޓަން ކުޅުންތެރިޔަކަށް އެ ޝަރަފު ލިބިފައެއް ނުލިބޭ
1 ޖޫން 2024

ފާތުމަތު ނަބާހާ އަބްދުއްރައްޒާގަށް މިއީ އެންމެ އުފާވެރި އެއް ދުވަސްކޮޅެވެ. އޮލިމްޕިކްސްގެ ބެޑްމިންޓަންގައި ވާދަކުރަން އޭނާއަށް ލިބުނު ފުރުސަތުގެ އުފާވެރިކަމެވެ.

"މިއީ ވަރަށް ފުރިހަމަ ކާމިޔާބީއެއް،" ނަބާހާ ބުންޏެވެ.

އުމުރުން 24 އަހަރުގެ ރާއްޖޭގެ ޗެމްޕިއަން ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސްއަށް ހޮވުނީ ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުންނެވެ. މިއީ އޮލިމްޕިކްސްއަށް ކޮލިފައިވާން ދީފައި އޮންނަ މުއްދަތުގައި ކުޅުންތެރިޔާ ހޯދާ ކާމިޔާބީތަކާ އެކު ދުނިޔޭގެ ރޭންކިންގައި އޭނާ ވަކި ހިސާބަކަށް ގޮސްގެން ލިބޭ ފުރުސަތެކެވެ. އެހެންކަމުން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރަން ނަބާހާ އެ ދަނީ މިދިއަ އަހަރެއްހާ ދުވަހު އޭނާ ކުރި މަސައްކަތާއި ހިތްވަރާއި ކާމިޔާބީތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. 

މިއީ އޮލިމްޕިކްސްއަށް ނަބާހާ ހޮވުނު ދެވަނަ ފަހަރެވެ. އެންމެ ފަހުން ޖަޕާންގައި 2021ގައި އޮތް އޮލިމްޕިކްސްގައި ވެސް އޭނާ ވަނީ ވާދަކޮށްފަ އެވެ. މިހާތަނަށް ދެ އޮލިމްޕިކްސްއަށް ދިޔަ ދިވެހި ބެޑްމިންޓަން އެހެން ކުޅުންތެރިޔަކު ނެތެވެ. އެހެންކަމުން ނަބާހާ މިނަން މި ޖެހެނީ މުޅިން ތަފާތު ފެންވަރެއްގަ އެވެ.

އޮލިމްޕިކްސްއަށް ހޮވުމުން ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު ރަސްމީކޮށް ނަބާހާ ބައްދަލުކުރައްވަނީ

"މިއީ ވަރަށް ބުރަ މަސައްކަތެއް އަސްލު. ހަމައެކަނި އަޅުގަނޑެއް ނޫން މީގައި ހިމެެނެނީ، ނަބީ ވެސް ހިމެނޭ. ކޯޗު ވެސް ހިމެނޭ،" ނަބާހާ ބުންޏެވެ.

އޭނާއަށް ވުރެ 15 މިނިޓް ފަހުން ދުނިޔޭގެ އަލިކަން ދުށް، އޭނާގެ އެއްމާބަނޑު ކޮއްކޮ އައިމިނަތު ނަބީހާ އަބްދުއްރައްޒާގަކީ، ދިރިއުޅުމުގެ އިތުރުން ކުޅުމުގައި ވެސް އޭނާގެ އެންމެ ގާތް ބައިވެރިޔާ އެވެ. ރާއްޖޭގައި މިހާރު އޮންނަ މުބާރާތްތަކުގެ ސިންގަލްސް ފައިނަލްގައި ބައްދަލުކުރަނީ މި ދެ ކުޅުންތެރިންނެވެ. ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާނީ ދެ ކުޅުންތެރިން އެކުވެގެންނެވެ. ރާއްޖެ ތަމްސީލްކުރަން ބޭރަށް ދާ މުބާރާތްތަކުގައި ވެސް ދެބެންނަކީ އެކަކު އަނެކެއްގެ އެހީތެރިންނެވެ.

އޮލިމްޕިކްސްއަށް އަމާޒުކޮށްގެން މިދިއަ އަހަރެއްހާ ދުވަހު ބޭރުގެ ތަފާތު މުބަރާތްތަކުގައި ނަބާހާ ވާދަކުރި އެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރި އެވެ. ދުވާލު ދެ އިރު ޕްރެކްޓިސް ކުރަމުން އަ އެވެ.

އެއްމާބަނޑު ދެބެން، ފާތުމަތު ނަބާހާ އާއި އައިމިނަތު ނަބީހާ: ކުޅުމުގައި ވެސް ދެބެންގެ އެހީތެރިކަން އެކަކު އަނެކަކަށް ބޮޑު (ފޮޓޯ/އިސްމާއިލް ތޯރިގު)

ނަބާހާ ގަބޫލުކުރަނީ ރަނގަޅަށެވެ. ރާއްޖޭގައި ހުރި ފެސިލިޓީޒް އާއި ޕްރެކްޓިސްކުރާ އިރު ވާދަކުރަން ލިބެން ތިބި މަދު ކުޅުންތެރިންނަށް ބަލާއިރު ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ވާން ހުޅުވޭ ފުރުސަތު ވަރަށް ހަންޏެވެ. ގައުމީ ޓީމުގެ ޕްރެކްޓިހުގައި އޭނާއާ ވާދަކުރަން ތިބީ އެންމެ ހަތަރު ކުޅުންތެރިންނެވެ. ބޭނުން ފެންވަރުގެ ކޯޗެއް ލިބިގެން އޭނާގެ ބެލުމުގެ ދަށުން ތަމްރީން ހަދަމުން ގެންދާތާ ވެސް އަދި މާ ގިނަ ދުވަހެއް ނުވެ އެވެ.

މި އަހަރުގެ އޮލިމްޕިކްސްގެ ބެޑްމިންޓަންގައި ވާދަކުރާނީ އެންމެ 49 ގައުމުގެ ކުޅުންތެރިންނެވެ. ރާއްޖެއަށް ވުރެ ފެސިލިޓީޒް އާއި މޮޅު ކުޅުންތެރިން ވެސް ގިނަ، މިސާލަކަށް ތުރުކީ ކަހަލަ ގައުމުތަކުން ވެސް އެ ދަނީ އެންމެ ކުޅުންތެރިއެކެވެ. މި ސަރަހައްދުން ޕާކިސްތާނާއި ބަންގްލަދޭޝް އަދި ބޫޓާނުން ކުޅުންތެރިޔަކު ނުވެސް ހޮވެ އެވެ. އިންޑިއާގެ ހަތް ކުޅުންތެރިން ފިޔަވައި، މި ސަރަހައްދުން ރާއްޖެއާ އެކު ދެން ދާނީ ނޭޕާލާއި ސްރީ ލަންކާ އެވެ. އެ ދެ ގައުމަށް ފުރުސަތު ލިބުނީ ފިރިހެނުންގެ ސިންގަލްސް އިންނެވެ.

"ޖެހިޖެހިގެން ދެ އޮލިމްޕިކްސްއަށް ދެވޭތީ ވަރަށް އުފާވޭ. މިއީ ވަރަށް ބޮޑަށް ޓާގެޓްކޮށްގެން ކުރެވުނު މަސައްކަތް،" ނަބާހާ ބުންޏެވެ.

އޭޝިއަން ގޭމްސްގައި ނަބާހާއަށް ގައުމީ ކޯޗު އިރުޝާދު ދެނީ (ނައުޝަމް ވަހީދު/އެމްއޯސީ)

އޭނާގެ މި ދަތުރުގައި މިދިއަ އަހަރު ޗައިނާގައި އޮތް އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ ގަދަ 16ގައި ކުރި ތަޖުރިބާ ފާހަގަކޮށްލަން ޖެހެ އެވެ. އެ މުބާރާތުގެ ގަދަ 16 އަށް ދިއުމަކީ ވެސް، ރާއްޖޭގެ ކުޅުންތެރިޔަކަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ވެސް މެ އެވެ.

ގަދަ 16ގައި ނަބާހާ ނުކުތީ މިހާރު ވެސް ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ސައުތު ކޮރެޔާގެ އާން ސެޔަންގްއާ ދެކޮޅަށެވެ. އެ މެޗުން 21-4، 21-6 އިން ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިޔަކަަށް ބަލާ ނަމަ އެ ހުންނަނީ އާދައިގެ ކުރިއެރުންތަކެއް ނޫނެވެ.

އޮލިމްޕިކްސްގެ ފުރަތަމަ ބުރުގައި ވެސް ނަބާހާ ޖެހޭނީ ދުނިޔޭގެ ނިސްބަތުން މޮޅެތި ކުޅުންތެރިންނާ އެވެ. އެހެންކަމުން އޭނާގެ އުއްމީދަކީ ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް ދެއްކުމެވެ. އެ ހިތްހަމަޖެހުމަށް ކޮންމެހެން ޕޮއިންޓްގެ އަދަދެއް މުހިންމެއް ނޫނެވެ. އޭނާގެ ބަހުން ނަމަ 'މަދުން ޕޮއިންޓް ލިބިގެން ވެސް ރަނގަޅު ކުޅުމެއް ދެއްކިދާނެ' އެވެ.

"އުއްމީދަކީ ކޯޗު ވެސް، ނަބާ ވެސް ހިތްހަމަޖެހޭ ވަރަށް ޕާފޯމްކޮށްލުން. އެއީ ބެޑްމިންޓަނަކީ ވަރަށް ފާޑެއްގެ ކުޅިވަރެއް. [މިސާލަކަށް] 12 ނުވަތަ 15 ޕޮއިންޓް އެހެންނެއް ނޫން. ވަރަށް ގަދައަށް ކުޅެފައި ވެސް އެވަރަށް ޕޮއިންޓް ނުލިބިދާނެ،" ނަބާހާ ބުންޏެވެ.

"އުއްމީދަކީ އަޅުގަނޑުގެ ފުލް ޕޮޓެންޝަލް ދެއްކުން."

އޮލިމްޕިކްސްގެ ބެޑްމިންޓަން ކޯޓުގައި ރާއްޖޭގެ ދިދަ ޖަހައިގެން ހުންނާނެ ހަމައެކަނި ކުޅުންތެރިޔާއާ މެދު އުފާކުރުން ހުއްޓެވެ. މިހާ ހިސާބަށް ވެސް ނަބާހާ ދައްކައިދިނީ އެހާ ފަސޭހައިން ހިތްވަރު ދޫކޮށްނުލާނެ ކަމެވެ. އިދިކޮޅަށް ކޮންމެ ފެންވަރެއްގެ ކުޅުންތެރިއަކު ނުކުތަސް މެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް